އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"އެކަމަކު އެކުވެރިކަމުގެ ގުޅުންވެސް ބާއްވަން އަހަރެންގެ ހިތް ދެކޮޅު ހަދާ. ސަަބަބަކީ އަހަންނާއި އާރްޔާގެ ހުރި ބޮޑު ފަރަގު. ޖިންނީންނާއި އިންސީންނަށް އެކީގައި ނޫޅެވޭނެ. މިއީ ކުށެއް. މިއީ އިލާހީ ގާނޫނުތަކާއި އަރައިރުންވާކަމެއް. ދީނުގައި ހުއްދަކަމަކަށް ނުވޭ. ޖިންނިންނަށް އިންސާނުންނަަށް އުދަގޫކޮށް އެކީގައި އުޅުމެއްނެތް. އާރްޔާ އަހަރެން އެދެނީ އެންމެ ކަމެއް. އަހަރެންދެކެ ލޯބި ނުވައްޗޭ ހިތަށް އަނިޔާ ލިބުންނޫންކަމެއް ނުވާނެ. އަހަރެމެން ގެ މަންޒިލަކީ މުޅިން ދެތަން. އެކަން ހަދާން ކުރަންވާނެ..............." ސެފްރަންގެ ވާހަކަތައް ކަނުލާ އަހަން އޭނަ އިނެެވެ. އެ އިންޒާރުތަކުން ނުތަނަވަސްވިއެވެ. ކުއްލިއަކަށް އާރްޔާއަށް ފެނުނު ބިރުވެރި މަންޒަރުން ހޭވެރިކަން ނުދިޔައީ ކިރިޔާއެވެ. ގަހުގެ ގޮފިތަކުގެ ތެރެއިން ދެމިގަތް ކަޅުކުލައިގެ ހަރުފަ އޭގެ ބޯ ހިއްލާލާ ދޫ ނެރެލީ ސެފްރަންއަށް ހަމަލާއެއް ދޭން އުޅޭފަދަ ގޮތަކަށެވެ. ހަރުފަދެކެ އެހުންނަ ފޯބިއާއާއެކު ވެސް އާރްޔާއަށް ސެފްރަންއަށްވުރެ އަމިއްލަ ނަފުސް މުހިއްމެއްނުވިއެވެ. ހަޅޭއްލަވައިގަތުމާއެކު ބިންމަތީ އޮތް ދަނޑިގަނޑަކުން އެސޮރަށް ހަމަލާދިނެވެ. ބިންމައްޗަށް ވެއްޓުމާއެކު އަތުކޮޅަށް އުފުލައިލެވޭވަރުގެ ހިލަގަނޑަކުން ހަރުފައިގެ ބޯ ޗިސްކޮށްލާ ނިންމައިލިއެވެ.

"އޭތި އުޅުނީ ސެފްއަށް އެޓޭކް ކުރަން.....ކޯބްރާއެއްހެން ބޯ ހިއްލާލައިގެން............................" އާރްޔާގެ ނިތްކުރީގައި ދާތިކިތައް ބަބުޅަންފެށިއެވެ.

"އަރްޔާ އެއީ ކޯބްރާއެއް ނޫން......."

"ސީރިޔަސްލީ؟ " އާރްޔާ އަނގަމަތީ އަތްއެޅިއެވެ.

"އެއީ އިފުރީތެއް. ސިފަ ބަދަލުކޮށްގެން އުޅުނީމަ އިންސާނުންނަށް އިފުރީތުން މަރާލަން ދާދި ފަސޭހަވަނެ. އެ އާއިލާގެ ފަރާތުން ބަދަލު ހިފަން ނާންނާނެކަމަށް އުއްމީދުކުރަން. ހިނގާ އަވަަހަށް ދަމާ. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ އެއްވެސް މަޚުލޫގަކަށް އާރްޔާއަށް ގެއްލުމެއް ވިޔަކަ ނުދޭނަން...." ސެފްރަން ހިނިތުންވެލިއެވެ. އެލޮލުގައި ވި އޯގާތެރިކަން އަރްޔާއަށް ފެނުނެވެ.

"ޖިންނީންގެ ފަރާތުން ސަލަމަތްވާން ކުރާ ދުޢާތައް މާމަ ދަސްކޮށްދެއްވި. ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވާން ހެނދުނާއި ހަވީރުގެ ޒިކުރުކުރަން ޖެހޭ. އެކަމަކު މިތަނަށް އައިފަހުން ފަރުވާކުޑަކޮށްލެވުނީ......." އާރްޔާ ކޯރުން އަތް ދޮންނަންފެށިއެވެ. ހަރުފައިގާ އަތްނުލިކަމުގައި ވިޔަސް އޭނަ އެތައް ފަހަރު އަތް ދޮވުނެވެ. ތުނި އަތްތިލަ ރަތްވެ ލޭ ކުލަ އަރައިފިއެވެ،

"އާރްޔާ ކުޑަވިޔަސް އަޅުވެރިކުއްޖެކޭ ހިތަށް އެރި....."

"ކީއްވެ އެހެން ހިތަށް އެރީ....." އަރްޔާ އެހިއެވެ.

"ދުވަހަކު ބުރުގާ ނާޅާ ހުރެ މީހުން ތެރެއަކަށް ނާދޭ. ނަމާދުކުރާކަން އެނގޭ. ޒިކުރުކުރުމާއި ދިނާއި ބެހޭގޮތުން ތި އުމުރުގެ ކުޑަ ކުއްޖަކު ވާހަކަ ދައްކަފާނެކަމަށް ހިޔެއް ނުކުރަން.........................." ސެފްރަން އާރްޔާގެ ފަރާތުން ފެނުނު އެންމެ ރަގަޅު ސިފައަކީ ދީންވެރިކަމެވެ.

ސެފްރަންގެ މަގުސަދަކީ އެއީއެވެ. ޖިންނި ދުނިޔޭގެ ރަސްކަމަށް އިސްވެ ހުރިހާ ކާފަރު ޖިންނިންނާއި ހަގުރާމަކުޅައުމެވެ. އަދި އިންސާނުން ގެ ތެރެއިންވެސް ﷲގެ މަގުގައި ހަގުރާމަކުރާ އިންސާނުންނަށް އެހީތެރިވެދިނުމެވެ. އޭނަ ކަނޑި އުފުލައިލާނީ މާތްﷲއަށްޓަކައެވެ. ކިތަންމެ ޅަ ނަމަވެސް ހިދާޔަތް ދެއްވުމުން ނަސީބުވެރިންގެ ތެރޭ ހިމެނިދެއެވެ. ދުނިޔެއަށްވުރެ އޭނަ އިސްކަން ދެނީ އާޚިރަތަށެވެ. ލޯބިކުރަނީ ދީނަށެވެ. މިފަަހަކަށް އައިސް ސެފްރަންގެ ހިތުގައި އެ ޚިޔާލުތައް ބޮޑުވެ ހުވަފެންތައް ފެންނާންފެށިއެވެ. މުޅިންވެސް ހަގުރާމަތަކެވެ. ފަހަތަތަކެވެ. އޭނަ ޚަލީފާކަމުގެ ދަށުގައި ބިންތައް ފަތަހަވެގެންދާ މަންޒަރުތަކެވެ. އޭނަ ކައިވެނިކުރަން ބޭނުމީވެސް އަޅުވެރި އަންހެނަކާއެވެ. ނަމަވެސް މަޖުބޫރީ ހާލަތުގެ ސަބަބުން ފުރާވަރަށް އެރުމާއެކު އެތައް ގުނަ ދޮށީ ޕްރިންސެސްއަކު އޭނަގެ ހަޔާތުގެ ލަގަނުގައި ހިފެހެއްޓީއެވެ. މީހުންގެ ފަރާތުން ނާޖާއިޒު ފައިދާ ނެގުމަކީ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް ރަސްކަން ލިބެން އޮތީ މިރިއަމްގެ ކައިވެންޏަށް ފަހުގައެވެ. އިންތިޒާރު މިކުރަނީ ރަސްކަމުގެ ފުރިހަމަ އާރާއި ބާރު ލިބޭނެ އިރަކަށެވެ.


***

މިރިއަމްގެ ކަނީޒު ނަކްބާ އޭނަގެ ދިގު އިސްތަށިގަނޑުގައި ގޮށްފިލުވާ ރީތިކޮށް އޮމާންކޮށްލަ ދިނެވެ. ކަރުގައާއި އަތުގައި ރަނާއި ޖަވާހިރުން ޖަރީކުރެވިފައިވާ ހާރު އަޅާދިނެވެ. މިރިއަމް މޭޒުމަތީގައި ހުރި އާމަންޑް ޝަރުބަތު ތަށިން ކޯވަރެއް ބޯލިއެވެ. ނަކްބާ ބޭރަށް ނުކުމެފައި އިރުކޮޅެއް ނުވަނީސް އެތެރެއަށް ވަންއިރު ތުންފަތުގައި ރަކި ހިންޏެކެވެ. ނިކަން އުފަލުން ހުރިފަދައެވެ.

"ކާރމަން ސާހަބް އެބަ ހުންނެވި......"

"ކާރމަން ކީއްކުރަން ދެން އަންނަންވީ؟ ވަރަށް ފޫހިވޭ މީހެއްގެ ހައްގެއްކަން އަދިވެސް އޭނައަށް ނޭގެނީތަ؟ " މިރިއަމް ތުން އޫކޮށްލިއެވެ،

"ސާހިބާ މިރިއަމް އަކީ މޮޔަކުއްޖެއް. ކާރމަން ފަދަ ފިރިހެންކަން ހުރި ފަހުލަވާނަކު ލިބެން އޮތްވާ މިރިއަމް ތި ދުވަނީ ކިރުބޯ ޅަކުއްޖެއްގެ ފަހަތުން. ސެފްރަން އަކީ ކުޑަކުއްޖެއް ނޫންތަ؟ ލޯތްބަކީ ކޯންޗެއްކަން ނޭގޭ ފިރިހެންކުއްޖަކަށް އަންހެނެއްގެ ހިތް އުފާކޮށެއް ނުދެވޭނެ މިރިއަމް. ކައިވެނީގެ އުފަލާއި ރާހަތު ފުރިހަމަކޮށްދެވޭނީ ކާރމަންފަދަ ފުރިހަމަ ފިިރިހެނަކަށް ކަން ޔަގީން........" ނަކްބާ މިރިއަމްގެ ކަންފަތް ކައިރީ މަޑުމަޑުން ކިޔައިލިއެވެ.

"ސެފްރަން މިރިއަމްގެ ފިރިއެއްގެ ގޮތުގައި ހުރެ ބޭވަފާތެރިވީމަ ސާހިބު ކަމަނާއަށްވެސް ލޯބިވެރިއެއް ނުގެންގުޅެންވީ ސަބަބެއްނެތް."

"ކާރމަންއަކީ ސެފްރަންގެ އެންމެ ގާތް އެކުވެރިޔާ..." މިރިއަމް ލޯ ހަނިކޮށްލިއެވެ.

"ތިވީ މާރަގަޅަކަށްނު. ސެފްރަން ހަސަދަވެރިކޮށްލަން ކާރމަން ސާހަބް ބޭނުން ކުރެވިދާނެ....................." ނަކްބާ މިރިއަމްގެ ބޮލަށް ސަވާރުވެ ނިކަން އަވަހަށް އޭނަ ހައްލާލައިފިއެވެ. ސެފްރަންއާއި ޕަރީގެ ގައިިގޯޅިކަން ލޯ މައްޗަށް ފެނިލިފަދައެވެ. ރުވާލި ދުުންޏެއްފަދައިން އޭނަ ކޮޓަރީގެ ދޮރުން ނުކުތްގޮތަށް ހުއްޓުނީ ކާރމަންގެ ކުރިމަތީގައެވެ. އެހެން ދުވަހާއި ތަފާތުކޮށް ކާރމަންއަށް މިރިއަމް ހިނިތުންވުމާއެކު މަރުހަބާކިއެވެ. އާމަންޑް ޝަރުބަތު ބޯން ދައުވަތު ދިނެވެ.

***

ސެފްރަން ބެންތިކް އައިލެންޑުގައި ބުރެއްޖަހައިލިއިރު ފެންނަމުން ދިޔައީ އުދަގޫވާފަދަ މަންޒަރުތަކެވެ. އަލިފާނަށް އަޅުކަން ކުރާ މާރިދުން ހިތަކަށް އުޅޭ ތަނެވެ. މަގުމަތީގައި އަލިފާނަށް އަޅުކަން ކުރާތަނެވެ. ވިހަލާފައި ހުންނަ ޚަންޖަރުތައްވެސް ގެންގުޅެއެވެ. ކާރމަން އެފަދަ ކަންތައްތަކާ އަޅާނުލަނީ ރަސްގެފާނުގެ އެންގެވުމަށެވެ. މަސްލަހަތު ގެއްލުވާނުލުމަށެވެ. ނަމަވެސް މިހެން ވުމުން އެރަށުން އިސްލާމީ ކުލަތައް ފަނޑުވާން ފަށައިފިއެވެ. އަލިފާނަށް އަޅުކަން ކުރާ ފަރާތްތައް މިދަނީ ބާރުގަދަވަމުންނެވެ. އަނެއްކޮޅުން އިފުރީތުންވެސް ތިބެނީ ފުރުސަތަކަށް ބަލަ ބަލައެވެ. ދޫންޏާއި ޖަނަވާރުތަކުގެ ސިފަ ޖެހި ޖާސޫސް ކުރުމުގައެވެ.

ސެފްރަން އޭނަގެ ގަނޑުވަރަށް ވަންނާން ދިޔައިރު މިރިއަމްއާއި ކާރމަން ތިބީ ގޮދަޑިޖަހާފައިވާ ކުޝަންތައް މަތީ އިށީދެލައިގެންނެވެ. ކާތަކެއްޗާއި ޝަރުބަތުން ސުފުރާމަތި ތައްޔާރުކޮށްފައެވެ. ސެފްރަން ކާރމަންދެކެ އެންމެ ފޫހިވަނީ ރާ ބުއިމުގެ އާދަ ނުހުއްޓާތީއެވެ. އޭނަގެ މަންމަ މުސްލިމަކަށް ނުވުމުން އެކަމުގެ އަސަރު ދަރިފުޅަށް ކުރީއެވެ.

"އައްސަލާމް އަލައިކުމް...." ސެފްރަން ސަލާމްކޮށްލިއެވެ.

"އާދޭ އަހަރެމެންނާއެކު ކާން..." ކާރމަން ދައުވަތު ދިނެވެ.

"ރަލާއި ހަރާމްތަކެތި ހުރި ސުފުރާއެއްގައި އިށީންނާކަށް ބޭނުމެއް ނޫން........................." ސެފްރަން އިންކާރުކުރިއެވެ.

"ހީވާގޮތުން މިއީ ކާރމަންގެ ގެ. އަހަރެންގެ ބާރު ހިނގާތަނެއްގައި މިކަހަލަ ތަކެއްޗަކަށް އިންސާފު ނުކުރެވޭނެ. އަހަރެންގެ މަގާމު ކާރމަން އަށް ލިބުނީތަ؟ " ސެފްރަން އިތުރަށް ބުނެލިއެވެ. އޭނަގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

މިރިއަމް ރުޅިގަދަވެ އަނދައިގަތެވެ. އޭނައާއި ކާރމަން އަޅުވާ ކިޔުމުން މި ފިރިހެނާގެ ހިތަށް ހަމަޖެހުން ލިބެނީއެވެ. ހަސަދަވެރިވާކަށް ނޭގުނެވެ. އެދެމީހުން އެއްތާކު ތިބުމުން ސެފްރަންއަށް ރުޅިއަންނަން ނޭގުނުތާގައި އެހެރީ ހެވި ދިއްލިފައެވެ. ކޮންކަަހަލަ ފިރިހެނެއްހެއްޔެވެ؟


***

ސެފްރަންގެ ބުއިމަށް މަސްތުވާ އެއްޗެހި އެޅީ މިރިއަމްގެ އަމުރަށެވެ. ސެފްރަންއަށް އެނގުމަކާ ނުލައެވެ. ނަކްބާގެ މޮޅު ޚިޔާލުގެ ސަބަބުން ސެފްރަން ރޭގަނޑު ކެއުމަށްފަހު ވަރުބަލިވެ އެނދަށް އެރުމުން އެމޫނަށް ބަލައިގެން ކިތަންމެ އިރެއްވިޔަސް މިރިއަމްއަށް އިނދެވެއެވެ. ނަމަވެސް ކާރމަން އޭނައާއި ވާހަކަދައްކާލަން އަންނަ ރޭތައްވެސް އިތުރުވާން ފެށިއެވެ. ސެފްރަންގެ ރީތި އެކަމަކު ޅަ ކަމާއި ކާރމަންގެ ހަރު އަދި ފިރިހެންވަންތަކައި ބާރުގަަދަކަން އަޅާ ކިޔެންފެށުނެވެ. ހިތް ދެއަަތަކަށް ކިރެންފެށިއެވެ. ކާރމަންގެ އޯގާތެރިކަމާއި ސިހުރުވެރި ދެލޮލުގެ ޖާދޫގައި ޖެހި ހިތް ބޭވަފާތެރިވާންފެށިއެވެ. ހަލާލު ފިރިމީހާ ހުއްޓާ ހިތް އެހެން އަތަކަށް ދީލައިލިއެވެ.


***

ސެފްރަންއާއި އާރްޔާ ކޯރު ކައިރީ ހިނގާލަންދިޔައެވެ. ބަހާރުގެ ރީތިކަމުން އުފާ ލިބިގަންނަމުން އެކުވެރިކަމާއެކު ވާހަކަދައްކަމުންގޮސް ވިނަގަނޑުމަތީ ޖައްސައިލިއެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ، އާރްޔާ ސެފްރަންގެ އަތުގައި އޮތް ފަށުގައި އަތް ޖައްސައިލިއެވެ.

"ދުވަހަކު ނުނަގައްޗޭ............."

"އަބަދަށްޓަކާ ހަނދާނަކަށް މި މަގޭ އަތުން ވަކިކޮށެއް ނުލާނަން....." ސެފްރަން ހިނިތުންވެލިއެވެ. ކުއްލިއަކަށް އެއޮތް ރީތިކޮށް މޫސުމް އޮވެފައި ކައިރީގައި ހުރި ގަސްތަކަށް ވައިރޯޅިތަކުގެ ހަމަލާއެރިއެވެ. ފަތްތައް ގޮފިތަކުން ވަކިވެ އުދުހެންފެށިއެވެ. ވާނުވާ ނޭގި ބިރުން އާރްޔާ ލޯ ބޮޑުކޮށްފައި ވަށައިގެން ހޯދައިލިތަނާ ދުރުން ޒޭބް އަންނަތަން ފެނުނެވެ. އިސްތަށިގަނޑު ވަޔާއެކު އެކި ފަރާތަށް ހޫރެމުންދާއިރު ދެލޯ ދިއްލިފައެވެ.

"އާރްޔާ އެތެރެއަށް ވަދޭ...." ޒޭބްގެ ރުޅީގެ ވަރުގަދަކަން އިހުސާސްވެ އާރްޔާގެ ސަލާމަތަށްޓަކާ އެކުއްޖާ އެތެރެއަށް ފޮނުވާލާފައި ސެފްރަން ކުރިމަތިލިއެވެ. ހަތަރު ކަޅި ބައްދަލުވިއެވެ.

"ކިހިނެއްވީ؟ " ސެފްރަން ސުވާލުކުރިއެވެ. "އަހަރެން ދެކެ ނަފްރަތު ކުރުމުގެ ސިއްރަކީ ކޮބާ؟ ވަރަށް ގިނަދުވަހު އެއްޗެކޭ ނުބުނަން ކެތްކޮށްފިން. އަޒްކީލްއަކީ ގާތް އެކުވެރިޔަކަށް ވީތީ. ހަށިގަނޑުން ގުނަވަނެއް ވަކިކޮށްލުމުންވެސް މަޑުން ހުރީ. މިހާރު މާ މައްޗަށް ދަނީ. ތިީ އަހަރެންގެ ކާކު؟ މަ ކޮންމެގޮތަކަށް އުޅުނަސް ބެހެން ކަލޭ ތީ ކާކު.................................." ސެފްރަން އިންޒާރުދޭފަދަ ގޮތަކަށް އެއް އިނގިލި މޫނު ކުރިމަތީ ހިންގައިލިއެވެ.

"ސަބަބަކީ ކަލޭ އުފަންވީ މަގޭ ބަނޑުން ކަމަށްވާތީ......" ޒޭބްގެ ޖުމްލައާއެކު ސެފްރަންއަށް ސިހުމެއް ލިބުނެވެ.

(ނުނިމޭ...)

https://sun.mv/126301

comment ކޮމެންޓް