ސެންޓޭއާއި ރިޒޭ އަލުން ހިމަނައި، ގައުމީ ކޭމްޕު ކުރުމަށް މެލޭޝިޔާއަށް

ގައުމީ ޓީމު މިރޭ މެލޭޝިޔާ ކޭމްޕަށް ފުރުމުގެ ކުރިން ފުޓުބޯޅައިގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ// އެފްއޭއެމް

ވޯލްޑްކަޕު ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެކްޓިހަށް ހާޒިރު ނުވުމުން ޖޫރިމަނާއަކާ އެކު ގައުމީ ޓީމުން ވަކިކޮށްފައިވާ އީގަލްސްގެ ދެ ފޯވާޑު އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަލުން ހިމަނައިގެން ފިލިޕީންސް މެޗުގެ ކުރިން ކޭމްޕް ކުރުމަށް ގައުމީ ޓީމު މެލޭޝިޔާއަށް ފުރައިފި އެވެ.

ފިލިޕީންސް މެޗަށް ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާރޓް ނެގި 26 ކުޅުންތެރިންނާ އެކު ގައުމީ ޓީމު މެލޭޝިޔާއަށް މިރޭ ފުރާފައިވާ އިރު މިދިޔަ ދެ މެޗުގައި ޓީމުން ޖާގަ ނުދިން ރިޒޭއާއި ސެންޓޭ ވަނީ ޓީމުގައި އަލުން ހިމަނާފަ އެވެ. ރިޒޭއާއި ސެންޓޭ ގައުމީ ޓީމުގައި އަލުން ހިމެނީ ދެ ކުޅުންތެރިން ކުރެވުނު ކުށް ގަބޫލުކޮށް އެކަމަށް މައާފު ދިނުމުން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

ގައުމީ ޓީމު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަޕުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކުރިއަށް އޮތް ދެ މެޗު ކަމަށްވާ ފިލިޕީންސް މެޗާއި ގުއާމް މެޗަކީ ބޭނުންވާ ޓާގެޓައް ދިއުމުގައި ވަރަށް މުހިއްމު ދެ މެޗު ކަމަށެވެ. އެހެން ކަމުން އެ މެޗެއް ވީ އެންމެ ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ގައުމީ ޓީމު މިރޭ މެލޭޝިޔާ ކޭމްޕަށް ފުރުމުގެ ކުރިން ފުޓުބޯޅައިގެ އިސްވެރިންނާ ބައްދަލު ކުރައްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

"ހޯމްގަ މިކުޅޭ ދެ މެޗަކީ ސީދާ ހަ ޕޮއިންޓް ހޯދަން ޖެހޭ ދެ މެޗު. އެހެން ވީމާ މިއަދުން ފެށިގެން ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ބަހައްޓަން ވީ މި ދެ މެޗު ކާމިޔާބު ކުރުމަށް،"

ބައްސާމް އިތުރަށް ވިދާޅުވީ، މިދިޔަ މެޗުގައި ސީރިއާއާއި ކުޅުން އިރު ވެސް ޓީމުގެ ކޮންފިޑެންސް ހުރިކަން ފެނުން ކަމަށާއި ކުރިއަށް އޮތް ދެ މެޗުގައި ވެސް އެކަން ދައްކަން ޖެހޭނެ ކަމަށެވެ.

"ނެޝަނަލް ޓީމު ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ އެދުވަހު ދަނޑުގައި ތިޔަ ހުރިހާ ކުޅުންތެރިންނަށް ސަޕޯޓް ދިނުމަށްޓަކައި ސަޕޯޓަރުން ވެއްދުމަށް. އެހެންވީމަ ދިވެހި ސަޕޯޓަރުން ފަހަތުގައި ތިބޭނެ. ހަމައެކަނި ތި ކުޅުންތެރިން ކޮށްދެންވީ ކަމަކީ މެޗުން މޮޅުވުން." ބައްސާމް ވިދާޅުވި އެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން އަންނަ އަސްހަދު އަލީ (އަޑުބަރޭ) ވިދާޅުވީ، ސިވިލް ސާވަންޓުގެ މުސާރަ ކޮންމެ މަހަކުވެސް ވަކި ދުވަހެއްގައި ޖަމާވާ ފަދައިން ގައުމީ ޓީމު ތަކުގެ ކުޅުންތެރިންގެ މުސާރަ ވެސް ވަކި ދުވަހެއްގައި ޖަމާވާނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ

"ކުޅުންތެރިން ކޮށްދެންވީ ކަމަކީ މި ދެ މެޗު ނަގައިދެންވީ. އަޅުގަނޑުމެން އެންމެން ތިބޭނަން ފަހަތުގައި. މީގެ ކުރިން ރާއްޖޭގައި ފިލިޕީންސް ކުޅުން މެޗުން 2-3 އިން އެ ޓީމު މޮޅުވީ. މިފަހަރު ޖެހޭނެ އެ ނަތީޖާ އަނެއް ކޮޅަށް އަނބުރާލަން. އޭރަށް އިތުރަށް ވެސް ބޯނަސް ދޭނަން،" އަޑުބަރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓްރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ އަލީ ވަހީދު ވިދާޅުވީ، މިފަހަރުގެ ދެ މެޗު ކުޅޭ އިރު 12 ވަނަ ކުޅުންތެރިޔާގެ ސަޕޯޓް ގައުމީ ޓީމަށް ފުރިހަމައަށް ލިބޭނެ ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ދަނޑުގެ އިރުމަތީ ފަޅި ބޭނުން ހިފޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑެއް ނޫން، އަދި ބައްސާމެއް ވެސް ނޫން ގައުމީ ޓީމަށް ސްކޮޑު ނަގާނީ. އެކަމަކު 12 ވަނަ ކުޅުންތެރިޔާ އަޅުގަނޑުމެނަށް ނެގޭނެ. އެ ނަގައިދީފިއްޔާ ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، ގައުމީ ޓީމަށް ސަޕޯޓް ކުރުމަށްޓަކައި އަންނަ މަހު 12 ވަނަ ދުވަހުން ފެށިގެން ކޮންމެ ރެޔަކުވެސް މާލޭގައި ޓީމަށް ހިތްވަރު ދިނުމުގެ ހާއްސަ ހަރަކާތްތަކެއް ހިންގަވާނެ ކަމަށެވެ.

މިރޭ މެޗަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާރޓް ބުނީ އެފްއޭއެމުންނާއި ޗެއާމަން އަލީ ވަހީދު ކުރައްވަނީ ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ. އެހެން ކަމުން ބާކީ ދެން އޮތީ ޓީމުގެ މަސައްކަތް ކަމަށެވެ. އަދި މެލޭޝިޔާގައި ކުރާ ކޭމްޕުގެ ސަބަބުން ޓީމަށް ފައިދާ ވާނެ ކަމަށް ކޯޗު ބުންޏެވެ.

ނަމަވެސް މިދިޔަ މެޗުތަކުގައި ކުޅުނު ލަބާން ޝަރީފް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އަހްމަދު ނާހިލް އިބްރާހިމް ޓީމާ އެކު ނުދެވުމުން ހިތާމަ ކުރާ ކަމަށެވެ. ލަބާން ގެ ބަދަލުގައި ކޭމްޕަށް ޓްރެއިނިންގްއަށް ދާނީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން އެވެ. ނާހިލް ގައުމީ ޓީމުގެ ޓްރެއިނިންގް ކޭމްޕަށް މިރޭ ނުފުރުނީ ވިކްޓަރީ ސްޕޯޓްސް ކުލަބުން އޭނާއަށް ރިލީޒް ނުދިނުމުންނެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވިކްޓަރީއާއި އެފްއޭއެމްއާ ދެމެދު ވާހަކަ ދެކެވި އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ކޯޗު ބުންޏެވެ.

މިރޭ މެލޭޝިޔާއަށް ފުރި ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ:

1. އަސަދުﷲ އަބަދުﷲ 14. އަބްދުﷲ ޔާމީން

2. ހަސަން ނާއިޒް 15. ތޮލާލް ހަސަން

3. ހަމްޒާ މުހައްމަދު 16. ހުސައިން ޝިފާއު ޔޫސުފް

4. ހުސައިން ޝަރީފް 17. ހައިޝަމް ހަސަން

5. ހުސައިން ނިހާން 18. އަހުމަދު ނޫމާން

6. މުޖުތާޒް މުހައްމަދު 19. އަލީ ފާސިރު

7. މުހައްމަދު އިރުފާން 20. އަހުމަދު ރިޒުވާން

8. އިބްރާހިމް ވަހީދު ހަސަން 21. މުހައްމަދު ޖައިލަމް

9. އިބްރާހިމް މަހުދީ ހަސަން 22. ހަސަން ނަޒީމް

10. ސަމޫހް އަލީ 23. އަޔާޒް އަހުމަދު

11. މުހައްމަދު ސަމްދޫހް 24. މުހައްމަދު ފައިސަލް

12. އަލީ އަޝްފާގް 25. އަކްރަމް އަބްދުލް ޢަނީ

13. މުހައްމަދު ސާއިފް 26. އިބްރާހިމް އައިސަމް

ގައުމީ ޓީމުން މެލޭޝިޔާގައި އަންނަ މަހު ނުވަ ވަނަ ދުވަހާއި ހަމައަށް ކޭމްޕް ކުރުމަަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ.

comment ކޮމެންޓް