ބޭރު ލައިސެންސަށް ބިނާކޮށް އިމްތިހާނަކާ ނުލައި ރާއްޖޭގެ ޑްރައިވިން ލައިސެންސް ދޫކުރަން އިސްލާހެއް

ސަން ފައިލް ފޮޓޯ

ޓްރާންސްޕޯޓު މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިހާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ރައީސް އޮފީހަށް މިއަދު ވަނީ ބިލެއް ފޮނުވައިފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި، އަދި ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި، މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ހަމަ އެއާއެކު އެ ގާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުން ކަމަށެވެ.

އެގޮތުން، އެ ގާނޫނަށް ގެނެވޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިހާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުން ހިމެނެއެވެ.

މިހާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން ބިދޭސީ ލައިސެންނަށް ބިނާކޮށް ރާއްޖޭގެ ލައިސެންސެއް ދޫކުރެވޭނީ ދުއްވަން ބޭނުންވާ ކެޓަގަރީގެ އުޅަނދެއް ދުއްވުމުގެ އިމްތިހާނުން ފާސްވުމުންނެވެ.

ގާނޫނަށް ހުށަހަޅައިފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ހާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން އުޅަނދު ދުއްވާ ހާލަތުގައާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ހާލަތުގައާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ހާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ.

ހަމައެއާއެކު ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް އިސްލާހުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުން ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ރައްކާތެރިނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައި ހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުން ވެސް ބިލުގައި ވެއެވެ.

ހަމައެއާއެކު ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭގޮތަށް ހަމަޖެއްސުމުގެ އިތުރުން ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމާއި އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިސްލާހުކުރުންވެސް ހިމެނެއެވެ.

comment ކޮމެންޓް