ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް މައުރަޒެއް

ނުކުޅެދުންތެރިކަން ހުންނަމީހުންގެ އަގުވަޒަންކޮށް ދޭ ރިވެލި އެވޯޑް ދިނުމަށް އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް މައުރަޒެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ޑިސެމްބަރު މަހުގެ އެކަކުން ތިނަކަށް ބާއްވާ މި މައުރަޒުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކުރަމުން އަންނަ މަސައްކަތްތަކާއި ހުނަރު ދައްކާލާ، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.

"ރިވެލި މައުރަޒު" ގެ ނަމުގައި ބާއްވާ މި މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 14ގެ ކުރިން ޖެންޑާ މިނިސްޓްރީ އަށެވެ.

އެ މިނިސްޓްރީ އިން ބުނީ ރިވެލި ގެ ނަމުގައި ބާއްވާ މައުރަޒުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރު އިތުރު ކުރުމަށްވެސް މަގު ފަހިވާނެ ކަމަށާއިދާއިރާގެ ފަންނީ މީހުންގެ އެހީ އެ ފަދަ ފަރާތްތަކަށް ލިބުމަސް މަގު ފަހިވާނެ ކަމަށެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރު ތަރައްގީވެ އެމީހުންނަކީ މުޖުތަމައުގެ މުހިންމު ހިއްސާއަކަށް ވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މި މައުރަޒުގައި ހަތަރު ދާއިރާ އަކުން ތަކެތި ބައިވެރި ކުރެވޭނެއެވެ. އެއީ؛ ކުރެހުމުގެ ދާއިރާ، ކޭކު ޑިޒައިން ކުރުމާއި ޕޭސްޓްރީގެ ދާއިރާ، ފެޝަން ޑިޒައިންގެ ދާއިރާ އަދި އަތްތެރި މަސައްކަތުގެ ދާއިރާ އެވެ.

މީގެ ކުރިންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކައިލުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް