ޕްރޮފެސަރު އުގައިލްގެ އުއްމީދު: 100 އަހަރު ދިރިހުރުން

50 މިނެޓް ޕްރަގްރާމަށް އުގައިލް ޢީންޓަވިއު ދެނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަތޭކަ އަހަރު ދުނިޔޭގައި އުޅެން ބޭނުން ހެއްޔެވެ؟ ރާއްޖެ ފަދަ ގައުމުތަކުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ސަތޭކަ އަހަރަކީ ކުރު ހަޔާތެއް ނޫނެވެ. އެހާދިގު ހަޔާތެއް ވޭތުކުރުމުގައި ގައިމުވެސް ބޮޑެތި ސިއްރުތައް ހުންނާނެ ނޫން ހެއްޔެވެ؟

ރާއްޖޭގެ ހިސާބު އިލްމުގެ ޕްރޮފެސަރު އަދި ސައިންޓިސްޓް ހަސަން އުގައިލްގެވެސް އެންމެ ފޮނި އެއް އުއްމީދަކީ 100 އަހަރު ދުނިޔޭގައި އުޅުމެވެ. އުގައިލް ވިދާޅުވާ ގޮތުން ނަމަ މިއީ މާކަ އުނދަގޫކަމެއްވެސް ނޫނެވެ. އެ އުއްމީދުތަކުގައި ކުލަ ޖައްސަން އަޒުމް ކަނޑައަޅުއްވައިގެން ހުންނެވި އުގެއިލް ވަނީ 100 އަހަރު ވަންދެން ދުނިޔޭގައި އުޅޭ މީހުންނާބެހޭ ގޮތުން ދިރާސާވެސް ކުރައްވައިފަ އެވެ.

"މިސާލަކަށް ބަލަމާ އޮކިނާ ޖަޕާން. އެރަށުގައި އުޅޭ މީހުން އާންމުގޮތެއްގައި 80 އަހަރު 90 އަދި 100 އަހަރުވަންދެން އުޅޭ. އެމެރިކާގެ ކެލިފޯނިއާގައި އިންނާނެ ލޯމަލިންޑާ ކިއާ ކުޑަކުޑަ ވިލެޖެއް. އެތަނުގައި އުޅޭ މީހުންވެސް އާންމުގޮތެއްގައި 100 އަހަރު ވަންދެން އެބައުޅޭ. އެމީހުން މަރުވަނީވެސް ބޮޑު ބައްޔެއް ޖެހިގެނެއް ނޫން ގިނަފަހަރު. ނިދާފައި އޮންނައިރު ވަރަށް އަމާންކޮށް ނިމިގެން މިދަނީ" އުގެއިލް ވިދާޅުވި އެވެ.

އެހާ ގިނަ ދުވަސްވަންދެން މީހުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި އުޅޭ ސަބަބު އުގެއިލް ހޯއްދެވި އެވެ. އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ވަރަށް ތަފާތެކެވެ. ކެއުމުގައި އާންމުކޮށް ފަތްޕިލާވެއްޔާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރެ އެވެ. އެމީހުންގެ ކާނާގެ 80 ޕަސެންޓަކީ އެފަދަ ތަފާތު ބާވަތްތަކެވެ. ބާކީ 20 އަކީ އެއްގަމު މަހާއި މަހުގެ އެކި ބާވަތްތަކެެވެ. އުގެއިލް ވިދާޅުވާގޮތުން ނަމަ އެމީހުންގެ ދިގުއުމުރުގެ ސިއްރަކީ އެ "ފޯމިއުލާ" އެވެ.

އުގެއިލް ގިނަ ވަގުތު ހުންނަވަނީ ނުކައި

ސަތޭކަ އަހަރުގެ ދިގު ރާސްތާ އުމުރަކަށް ކޮންމެހެން އެންމެ މޮޅަށް ކައި ގަޑިންގަޑިއަށް ކާނާ ބޭނުންކުރަން ޖެހޭނެކަމަށް ހީވިޔަސް އެއީ ހަމަ ހީއެކެވެ. އޭގެ ހެއްކަކަށް އުގެއިލް ދެއްކެވީ އެމެރިކާގައި 110 އަހަރު ވަންދެން އުޅުުނު މީހެކެވެ.

" ގިނަ ވަގުތު ނުކައި އެމީހުން ތިބެނީ. 110 އަހަރު ވަންދެން އުޅުނު މީހާ މެންދުރު ކާގޮތަށް އޭނާ ނުކާނެ ރޭގަނޑު. އަނެއް ދުވަހު ހެނދުނު އޭނާ ކަނީ. އެހެންވީމާ ދެ ފަހަރު އޭނާ ކަނީ 15 އަހަރު ވަންދެން. އަޅުގަނޑުމެންނަސް ގިނަ ފަހަރު މި އޮންނަނީ އޮޅިފަ. ގިނަ ވަގުތު ނުކައި އުޅުމަކީ ހަށިގަނޑަށް ފައިދާ ހުރިކަމެއް." އުގައިލް ވިދާޅުވިއެވެ.

އެ މީހުންގެ ދިރިއުޅުމުން މިސާލަކަށް ބައްލަވާ އުގެއިލްގެ ކެއުމުގެ ވައްޓަފާޅިވެސް ހަމަ ހުރީ އެ ގިންތީގަ އެވެ. އުގެއިލް ކެއުމުގެ ވައްޓަފާޅި ހުންނަގޮތް ކުޑަކޮށް އޭނާ ހިއްސާވެސް ކޮށްލެއްވި އެވެ.

ބިސްގަނޑަކާއި ތަފާތު ވައްތަރުގެ މޭވާގެ އިތުރުން އެކިއެކި ނަޓްސް ހެނދުނުގެ ނަސްތާއަކަށް އުގެއިލްއަށް ފުދެ އެވެ. މެންދުރު ގިނައިން ހުންނަވަނީ ނުކަ އެވެ. ނޫންނަމަަ ސޭންޑްވިޗްއެއް ކަހަަލަ ލުއި އެއްޗަކުން ފުއްދާލައިގެން ހުންނަވަނީ އެވެ. ދެން ބައެއް ރޭރޭ ބަތާއި މަހާއި ތަރުކާރީ ނުވަތަ ރޮށީގެ ތެރެއިން ކުޑަކުޑަ މިންވަރެއް ބައްލަވަ އެވެ. މިބުނި ކުޑަކުޑަ މިންވަރަކީ "އަތްގޮއްޓެއްހާ" މިންވަރެވެ.

"އަޅުގަނޑުވެސް އާންުކޮށް ހަފްތާއަކު ދެ ފަހަރު ރޯދައަށް ހުންނާނީ. އެހެން ވީމާ އެއީ ކެއިން ބުޔުން މި ހުންނަ ގޮތަކީ،" އުގައިލް ވިދާޅުވި އެވެ.

ކޮންމެހެން ޖިމްއަށް ދާކަށް ނުޖެހޭ

ދުޅަހެޔޮ ސިއްހަތަކަށް ކޮންމެވެސް ބޭނުންވާ އެކައްޗަކީ ކަސްރަތެވެ. ކަސްތަރޭ ބުނެފިނަމަ އެތައް ވައްތަރެއްގެ ކަސްރަތެއްގެ ވާހަަކަ ކިޔައިދެވިދާނެއެވެ. ކަސްރަތު ކުރަން ކޮންމެ ދުވަހަކު ޓްރެކަށް ދުވަން ދާންވީހެއްޔެެވެ؟ ނޫނީ ޖިމްއަށް އެތަކެއް ދަލެއް އޮހުރުވާން ވީހެއްޔެެވެ؟

އަނެއްކާވެސް އުގެއިލް ކިޔައިދެއްވީ 100 އަހަރު ދުނިޔޭގައި އުޅޭ މީހުންގެ ހެލިފެލިވުމުގައު ގެންގުޅެމުންދާ އާދަތަކެވެ. އެ މީހުންނަކީ މާބޮޑު ކަސްރަތެއް ކުރާ ބައެއް ނޫނެވެ.

ކުރިން ކުރި ސުވާލަށް އުގެއިލް ދެއްވީ މި ޖަވާބެވެ. ދުލަހެޔޮ ސިއްހަތަކަށް ކޮންމެހެން ޖިމްއަށް ގޮސް ދުވާކަށް ނުޖެހެ އެވެ. ކޮންމެ ދުވަހަކުވެސް 10000 ފިޔަވަޅު އެޅީމަ އުގެއިލް ވިދާޅުވާގޮތުން ނަމަ އެއޮތި ކަސްރަތުކުރެވިފަ އެވެ. ކިހާ " ފަސޭހަ" ނޫން ހެއްޔެވެ؟

" އެތަންތަނުގައި (100 އަހަރުވަންދެން ދުނިޠޭގައި މީހުން އުޅޭ ހިސާބުތަކުގައި) ޖިމްއެއް ނުހުރޭ ދުވާ ޓްރެކެއް ނުހުރޭ އެކަމުވެސް ހެލިފެލިވެ އުޅޭ. ބާޒާރަށް ދާނެ ކޮތަޅު ހިފައިގެން ލިފްޓުގެ ބަދަލުގައި ސިޑިން އަރާނީ އަބަދުވެސް ހެލިފެލިވެ އުޅުމުގެ ގޮތްތައް އެބަހުރި އެމީހުންގެ ގަދަޔަށް ދުވެއުޅުނު މީހަކު ނޫޅޭނެ 100 އަހަރުވެސް ދުނިޔޭގައި އުޅެފައި،" އުގެއިލް ވިދާޅުވި އެވެ.

ނިދި ވަރަށް މުހިއްމު، އުގައިލް ސޯނާ ގަޑިއެއް ނުގެންގުޅުއްވާ

ކެއުމާއި ކަސްރަތަށް ފަހު 100 އަހަރު ފަދަ ދިގު އުމުރަކަށް ގައިމުވެސް ބޭނުންވާ އިތުރު އެއްޗެއް އެބައުއޮތެވެ. އެއީ ނިއްޖެވެ.

އިނގިރޭސިވިލާތުގެ ޕްރޮފެސަރެއްގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރައްވަމުންވެސް އުގެއިލް އެންމެ ބޮޑަށް ސަމާލުކަން ދޭން އެއްކަމަކީ ނިންޖެވެ. އެކަމަށް ނުހަނު ފަރުވާ އުގެއިލް ބަހައްޓަވައެވެ.

ކޮންމެ ދުވަހަކުވެސް އަށް ގަޑިއިރު ނިދުމަކީ އުގެއިލްގެ އުސޫލެވެ. އަރާމު ނިދިން އުގެއިލް ހޭފުޅު ލައްވަނީ އުގެއިލް ބުނުއްވާގޮތުންނަމަ ނިދި ހުސްވެ ހަމަވުމުންނެވެ. އެއްގޮތަކަށްވެސް ވަކި ގަޑިއަކަަށް ހޭފުޅުލައްވަނީއެއް ނޫނެވެ. ނިދިން ހޭލަން އާންމުކޮށް އަޅުގަނޑުމެން އެލާމް ގަޑިއެއް ބޭނުންކުރިޔަސް އެއީ އުގެއިލްއާ މުޅިން ބީރައްޓެހި އެެއްޗެކެވެ.

" އަޅުގަނޑު އާންމުކޮށް 10 ޖަހާއިރު ނިދަނީ. ދެން ސޯނާގަޑިއެއް އެއްގޮތަކަށްވެސް އަޅުގަނޑު ނުގެން ގުޅެން. ފޯނެއްވެސް ނޯންނާނެ ކައިރީގައި. ނިދި ހަމަވެ ހޭލެވެންދެން އަޅުގަނޑު ނިދާނަން. ވަރަށް މަދުން ހުންނާނެ ފަތި ތަނަކަށް ކޮންމެހެން ދާންޖެހިގެން އެލާމަށް ޖައްސާފަ." އުގެއިލް ވިދާޅުވިއެވެ.

ސަތޭކަ އަހަރުގެ ހަޔާތަކަށް އުގެއިލްގެ ފޯމިއުލާގައި އަދިވެސް އިތުރު ސިއްރެއް އެބައޮތެވެ. އެއީ އާއިލާއާ އޮންނަ ގުޅުން ބަދަހިކޮށް ބޭއްވުމެވެ. ބޯހާސްވުމާއި އެކި ފިކުރުތަކުން އަރައިގަތުމުގެ އެއް ތަޅުދަނޑިއަކީ އެ ގުޅުމެވެ. ރާއްޖެ ކަހަލަ އާއިލާ ގުޅުން ބަދަހި ގައުމެއްގައި މިއީ އެއްވެސް އުނދަގުލެއް ހުރި ކަމެއް ނޫނެވެ.

އުގެއިލްގެ ސީދާ އުމުރެއް ދަންނަވާކަށް ނެތީމެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މިހާރު އުގެއިލްގެ އުމުރު 50 އާ ގާތް ކުރާނެއެވެ. 100 އަހަރުގެ ދިގު ހަޔާތަކަށް ގައިމުވެސް އަދިވެސް ބާކީ 50 އަހަރު އެބައޮތެވެ. "ސަން" އިން އުގެއިލް އަށް އެދެނީ ބާއްޖަވެރި ދިގު އުމުރެކެވެ.

comment ކޮމެންޓް