މުގައްރަރު "ލާދީނީ"ކޮށްފިނަމަ ސްކޫލުތައް ބޯއިކޮޓްކުރަން ޖެހިދާނެ: ޔާމީން

އޮކްޓޫބަރ 24، 2019: އެމްޑީއެން އުވާލަން ގޮވާލާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން، ޕީޕީއެމް އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ ހިތްތަކަށް ލާދީނީ ފިކުރު ވެއްދުމައްޓަކައި ތައުލީމީ މުގައްރަރު ބަދަލުކުރަން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް ހަދައިފިނަމަ މަދަރުސާ ބޮއިކޮޓް ކުރަން ޖެހިދާނެކަމުގެ އިންޒާރު، އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ދެއްވައިފިއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމަނައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމް-ޕީއެންސީ އޮފީސް ކުރިމަތީގައި މިރޭ އެއްވުމެއް ބާއްވާފައެވެ.

އެ އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވީ މިހާރު އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަނީ މުގައްރަރު ބަދަލުކުރަން ކަމަށެވެ.

"އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ސިކުޑިއަށް ލާދީނީ ފިކުރު ވިސްނޭ ވަރަށް އެކަން އެ ކުރަނީ. އަޅުގަނޑުމެން ސިޓީ ފޮނުވައިފިން އަޅުގަނޑުމެން ބޭނުމޭ އެ މުގައްރަރުތަކަށް ގެންނަ ބަދަލު ބަލަން. އަޅުގަނޑުމެން އެ މުގައްރަރުތަކަށް ޖާގަ ނުދޭނަން، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ސިކުނޑިތައް ތަގައްޔަރު ކުރަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތުއްތު ދަރިންގެ މުގައްރަރު ތަކުން މި ލާދީނީ ފިކުރަށް ޖާގަ ނުދެއްވާ. އަޅުގަމެން މަދަރުސާތައް ބޮއިކޮޓުކުރަން ވެއްޖެނަމަ، މަދަރުސާތައްވެސް ބޮއިކޮޓްކުރަން ތައްޔާރުވާން ވާނެ." މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ރައީސް ޔާމީން ވިދަޅުވިއެވެ.

އޮކްޓޫބަރ 24، 2019: އެމްޑީއެން އުވާލަން ގޮވާލާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން، ޕީޕީއެމް އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި ދީނަށް ފުރައްސާރަކުރުމުގައި އެއީ މިނިވަން ހިޔާލޭ، ނުވަތަ މިހާރުގެ ޒުވާނުންގެ ވިސްނުމޭ ބުނެވޭކަށް ނޯންނާނެ ކަމަށާއި އަދި އެކަމަށް ޖާގަ ނުދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ނަސީބަކީ މި ގައުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވުން ކަމަށާއި ނަމަވެސް އެކަން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމްޑީއެންއަކީވެސް އެގޮތަށް އުފެދުނު ޖަމިއްޔާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ

"މި މީހުންނަކީ ނެތި ދާންޖެހޭ ބައެއް ނޫން. އެމްޑީއެން ނައްތާލަންވީކީ ނޫން. އެމްޑީއެން ފުނޑާލަންވީ. މީއީ ޖާގަ ލިބެންޖެހޭ ބައެއް ނޫން. އެއް އިރެއްގެ ކުށްކޮށްފައި، ތިމަންނަ މިހުރީ ކުށުން ބަރީއަވެފައޭ ބުނުމަކުން އެ ކުށުން އޭނާ ސަލާމަތެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޮކްޓޫބަރ 24، 2019: އެމްޑީއެން އުވާލަން ގޮވާލާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން، ޕީޕީއެމް އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމިން ވިދާޅުވީ، ރައްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީއެން އުވާލުމަށް އަޑު އުފުލަމުން ދާއިރު، ސަރުކާރުން އެ ޖަމިއްޔާ އުވާލަން ޖެހޭ ކަމަށާއި ރައްޔިތުންގެ އަޑު އުފުލުމަށް ތަބާ ނުވާނަމަ މަގާމުތަކުން ދުރަށް ޖެހޭ ކަމަށެވެ.

"މިހާރު އެމްޑީއެންގެ ބަލާ ޖެހެމުންދާތާ މިވަނީ މަސް ދުވަސް. ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ސުވާލު އުފެދެނީ ކޮބާތޯ ވަލިއްޔުލް އަމުރުގެ ދައުރަކީ. ކީއްތޯ ކުރެވެނީ. އަބަދުވެސް އޮއްވަޅުގޮނޑި ކުޅުއްވަންތޯ ނުވަތަ ހޮޕްސްކޮޗް ކުޅުއްވަންތޯ މަސައްކަތް ކުރައްވަނީ،" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ސަރުކާރުން ވިދާޅުވަނީ ތަހުގީގު ކޮށް، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އެކަމުގައި ތަހުގީގުކުރާނެ އެއްޗެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުރިހާ ލިޔުންތައް އެހުރީ ފެންނަން. މީގަ [އެމްޑީއެން] އުފެއްދެވި މީހުން އުޅޭ މީހުން އެ ތީބީ ރައީސް އޮފީހުގައި. ނޫނީ ދައުލަތުގެ މުއައްސަސާތަކުގައި. މި މީހުންނަށް ތަންތަނުގައި ތިބެގެން ކޮން ތަހުގީގެއްތޯ ކުރެވޭނީ؟ އެންމެ އިންސާފުވެރިކޮށް ތަހުގީގު ހިންގޭނީ ޕީޕީއެމްއާ ތަހުގީގު ހަވާލު ކުރިއްޔާ. އަޅުގަނޑުމެން އެ ތަހުގީގު ހިންގައި ދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޮކްޓޫބަރ 24، 2019: އެމްޑީއެން އުވާލަން ގޮވާލާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން، ޕީޕީއެމް އޮފިސް ދޮރުމަތީ ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ލާދީނީ މީހުން ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވަނީ، އެ ފިކުރު ދަމަހައްޓަން ސަރުކާރުން ބޭނުންވާތީއެވެ. ދައުލަތުގެ އެހެން މުއައްސަސާތަކަށްވެސް އައްޔަން ކުރަނީ ހަމަ ލާދީނީ ފިކުރުގެ މީހުންކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެމްޕީން، ޕީޕީއެމް-ޕީއެންސީގެ އެމްޕީން، މި ފިކުރުގެ މީހަކު ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ގޮނޑިއެއްގައި އިށީންނާކަށް ވޯޓެއް ނުދޭނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމަށް ނޫން. ގަބޫލު ކުރައްވާ، މިނިވަން ފިކުރޭ ވިދާޅުވިޔަސް، ޑިމޮކްރެޓިކް ވިސްނުމޭ ވިދާޅުވިޔަސް، އަދި ޒުވާނުންގެ ފިކުރޭ ވިދާޅުވިޔަސް، ނުވަތަ ދުނިޔޭގެ އެެންމެ މަގުބޫލު ވިސްނުމޭ ވިދާޅުވިޔަސް މިއީ ލާދީނީ ފިކުރު،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިސްލާމީ ދައުލަތެއްގައި ލާދީނީ ފިކުރެއް ފެތުރުމަކީ ހިިތާމަކުރައްވާ ކަމެއް ކަމަށާއި އެފަދަ ބަޔަކަށް ފުރުސަތު ދިނުމުން ހިތާމަކުރަންޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

comment ކޮމެންޓް