ދިވެހީންގެ ސިއްހަތު: އުރަމަތީގެ ކެންސަރު، ރާއްޖޭގައި އެންމެ އާންމު ކެންސަރު

އައިޖީއެމްއެޗުގެ ސާޖިކަލް އޮންކޮލަޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ. މުހައްމަދު ޝިފާން ސަންއަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އުރަމަތީގެ ކެންސަރު ނުވަތަ ބްރެސްޓް ކެންސަރަކީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އިންޓަރނޭޝަނަލް އޭޖަންސީ ފޯ ކެންސާ ރީސާޗްއިން ހާމަވާ ގޮތުގައި ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 ޕަސެންޓަކީ އުރަމަތީގެ ކެންސަރެވެ. އެހެން ޤައުމުތަކާ ހިލާފަށް ރާއްޖޭގައި ތަންކޮޅެއް ހަގު އުމުރުގައި މިކެންސަރު ޖެހޭކަން ފާހަގަވެފައި ވީނަމަވެސް އެއީ ކީއްވެގެންކަމާއިމެދު އަދި މިހާތަނަށް އެއްވެސް ދިރާސާއެއް ހެދިފައެއް ނުވެ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ފާހަގަކުރާ "ޕިންކް އޮކްޓޯބަރު" ކަމުގައިވުމާއެކު މި ހަފްތާގެ ދިވެހިންގެ ސިއްހަތުގައި މި ބަލަލާނީ މި ކަމަށެވެ.

އުރަމަތީ ކެންސަރާއި ބެހޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވީ އައިޖީއެމްއެޗްގެ ސާޖިކަލް އޮންކޮލޮޖީ ޑިޕާޓްމަންޓް ހެޑް އަދި ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. މުހައްމަދު ޝިފާން އެވެ. ޑރ. ޝިފާންއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އޮންކޮސާޖަން އެވެ.

އުރަމަތީ ކެންސަރަކީ ކޮބާ؟

އުރަމަތީގެ ކެންސަރަކީ ސްކްރީންކޮށްގެން ވަރަށް ކުރީ ކޮޅުގަ ދެނެގަނެވޭ ބައްޔެއްް، އަދި ކުރިކޮޅުގައި ދެނެގަނެވެއްޖެނަމަ އެއްކޮށް ފަރުވާކުރެވޭ ބައްޔެއް. އުރަމަތީގަ ލާ ކޮންމެ ގަނޑަކީ ކެންސަރެއްނޫން މިކަހަލަ ގަނޑުގެއެތައް ބައިވަރު ވައްތަރެއް ހުރޭ. އެހެންވީމަ ވަރަށް މުހިންމު ކަމެއް އުރަމަތީގެ ކެންސަރ ސްކްރީންކުރާ އުމުރަށް އައުމަށްފަހު ސްކްރީނިންގ އަދި މެމޯގްރާމް ހައްދައި އެކަމާއި ގުޅޭ ޑަކްޓަރުންނަށް ދައްކައިގެން ކުރިއަށްދިއުމަކީ.

ދިވެހިރާއްޖޭގައި މިހާރު އުރަމަތީގެ ކެންސަރަށްދެވޭ ތަފާތު ފަރުވާތައް އެބަހުރި، އޭގެ ތެރެގައި އޮޕަރޭޝަން ކުރުން، ރެކޮންސްޓްރަކްޝަން އަދި ކީމޯތެރަޕީވެސް ދެވޭ. ހަމައެކަނި ރޭޑިއޭޝަން ތެރަޕީއަށް އުރަމަތީގެ ކެންސަރުގައި ރާއްޖެއިން ބޭރަށް ދާންޖެހެނީ.

ދެން މިއީ ހަމައެކަނި އަންހެނުންގެ ބައްޔެއް ނޫން، އެތައް ގުނައެއް މަދުނަމަވެސް ފިރިހެނުންނަށްވެސް މިބަލި ޖެހުމުގެ ފުރުސަތު އެބައޮތް.

އުރަމަތީ ކެންސަރު މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟

އެހެނިހެން ކެންސަރެކޭ އެއްފަދައިން އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާން ހުރޭ ބައިވަރު ސަބަބުތަކެއް. އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ އަޅުގަނޑުމެންގެ ބާރުން ބޭރުގައި ހުންނަ ކަންތައްތައް. މިސާލަކަށް ޖެނެޓިކްސް، މީހާގެ ޖިންސު، ވަރަށް ހަގު އުމުރުގައި ފުރަތަމަ ޕީރިއަޑް ވެފަ، ފަރޓައިލް ޕީރިއަޑް ދިގުވާވަރަކަށް އެ ޗާންސް އިތުރުވޭ.

އޭގެ އުތުރުން ހެލިފެލިވެ ނޫޅޭ، ހަރަކާތްތެރި ދިރުއުޅުމެއް ނޫޅޭ ބޭފުޅުންނަށް، އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ބޭފުޅުންނަށް ފުރުސަތު އިތުރުވޭ. ދެން، ފުރަތަމު ކުއްޖާ އުމުރުން 30 އަހަރުގެ ފަހުން ހޯދާނަމަ ނުވަތަ ގާތުން ކިރު ނުދެއްވާނަމަ ފުރުސަތު އިތުރުވާކަމަށް ދިރާސާތަކުން ދައްކާ.

އުރަމަތީ ކެންސަރުގެ ތަފާތު ބާވަތްތަކެއް ހުރޭތަ؟ އިންފްލެމޭޓަރީ ބްރެސްޓް ކެންސާއަކީ ކޮބާ؟

މައިގަނޑުގޮތެއްގަ ހުންނަނީ އިންވޭޒިވް ޓައިޕަކާ ނޮން އިންވޭޒިވް ޓައިޕެއް. މިދެ ވައްތަރު އަދި އިތުރު ބައިތަކަކަށް ބެހިގެންދޭ، ބޮޑަށް ނުރައްކާވާނީ އިންވޭޒިވް ވައްތަރު. އޭގެ ތެރޭގައި އިންފްލެމޭޓަރީ ކެންސަރަކީ އެންމެ ނުރައްކާތެރި ނުވަތަ އެންމެ ބާރަށް ފެތުރޭ ކެންސަރު.

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރަންޖެހެނީ ބަލީގެ އަލާމާތެއް ފެނިގެންތަ؟

ސްކްރީން ކުރުމުގެ މާނައަކީ ހަގީގަތުގަ ބައްޔެއް ފެނުމުގެ ކުރިން ވަކި ޚާއްސަ ގޮތަކަށް ނިޝާންތަކަކަށް ބަަލައިގެން ބަލީގެ ކުރީކޮޅުގަ އޭގެ އަލާމާތްތައް ފެނޭތޯ ބެލުން. އެހެންވީމަ އަލާމާތެއް ފެނުމުގެ ކުރިން ބެލުމަށް ސްކްރީނިންއޭ މިކިޔަނީ. ގަވައިދުން ސްކްރީން ކުރާނަމަ ކުރީކޮޅުގައި ކެންސަރު ފެނި ފަރުވާވެސް އަވަސްކުރެވޭ.

އައިޖީއެމްއެޗުގެ ސާޖިކަލް އޮންކޮލަޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ. މުހައްމަދު ޝިފާން ސަންއަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕީރިއަޑް މައްސަލަ ހުންނަމީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވޭތަ؟

ކޮންމެހެން ޕީރިއަޑް ން،މައްސަލަ ހުރެގެނެއް ނޫ އެކަމަކު މިސާލަކަށް ވަރަށް ހަގު އުމުރުގައި ޕީރިއަޑްވާން ފަށާފަ، އިއްދައިން ނުކެނޑި (މެނޮޕޯސް ނުވެ) ގިނަ އަހަރުތަކެެއް، މިސާލަކަށް 50 އަހަރުން މައްޗަށް ދާއިރު ހުންނަނަމަ، އެ އަންނަނީ ވަރަށް ދިގު ފަރޓައިލް ޕީރިއަޑް އެއް. ފަރޓައިލް ޕީރިއަޑް ދިގުވުމަކީ ފުރުސަތު އިތުރުވާކަމެއް.

އުރަމަތީ ކެންސަރުގެ އަލާމާތްތަކަކީ ކޮބާ؟

ވަރަށަ ގިނަ އަދި ތަފާތު އަލާމާއްތަކެއްހުރޭ.

ހަންގަނޑަށް ބަލާއިރު: އެއްބައިފަހަރު ހުރެދާނެ ރަތްވެލާފަ، ނުވަތަ އޮރެންޖެއް ކުޑަކޮށް ފީވެލީމަ އެ ހުންނަހެން ރޫޖެހިލާފަ ހުރެދާނެ، ހަރަކާތް ކޮށްލާއިރު ހަންގަނޑު އެތެރެއަށް ވަދެފަ ހުރެދާނެ.

ދެން ވައްގަނޑަށް(ނިޕްލް) ބަލައިފިއްޔާ: ކޮމްޕްލެކްސުން އެތެރެއަށް ދެމޭގޮތް ވެފަ ހުރެދާނެ، އެ ދިމާލުން ލޭ އައިސްދާނެ.

ދެން އަތްލާ ބަލާއިރު: ގަނޑެއް ފާހަގަ ކުރެވުން (ހުރިހާ ގަނޑަކީ އަނެއްކާ ކެންސަރެއްވެސް ނޫން). ދެން އުރަމަތިން ފާހަގަނުކުރެވި ކިހިލިފަތްދޮށުން ނުވަތަ ކަރާދިމާލުންވެސް ގޮށެއް ފެނިދާނެ.

އުރަމަތީގައި ހުންނަ ކޮންމެ ގަނޑުކޮޅަކީ ކެންސަރަށް މަގުފަހި ކުރުވާ ގަނޑުކޮޅެއްތަ؟

އެެއީ ވަރަށްބޮޑު ކުށްހީއެއް. ވަރަށް ގިނަ މީހުން ބިރުގަންނަ ކަމެއްވެސްމެ. އުރަމަތީގައި ލާފާނެ އެތައް ވައްތަރެއްގެ ގަނޑެއް އެކަމަކު އުރަމަތީގެ ކެންސަރަށް ވާރުތަކުރަނީ ވަރަށް މަދު ވައްތަރެއް.

އުރަމަތީ ކެންސަރަށް ހުރި ފަރުވާތަކަކީ ކޮބާ؟

ބަލި ދެނެގަނެވުމަށްފަހު ގިނަފަހަރަށް އޮޕަރޭޝަން ބޭނުންވާނެ، އެއަށް ފަހު ކީމޯތެރަޕީ، ރޭޑިއޯތެރަޕީ ކުރިއަށްދާނެ، އޭގެފަހުން ހޯމޯނަލް ތެރަޕީވެސް ލިބޭނެ. އޭގެއިތުރުން ބަލި ފެތުރިފަ ހުރިނަމަ އިމިއުނޯތެރަޕީވެސް ދޭނެ.

އެއްވެސް އަލާމާތެއް ނުފެނިވެސް އުރަމަތީގެ ކެންސަރު ހުރެދާނެތަ؟

ކޮންމެވެސް ކަހަލަ އަލާމާތެއް ހުންނާނެ. އަންނޯން ޕްރައިމަރީ ކިޔާ ވައްތަރެއް ހުރޭ އުރަމަތީގަ

އުފެދޭ އަލާމާތެއް ނުފެނި، ތަންކޮޅެ ދުރު ހިސާބަކުން ގޮށެއް ގޮތަށް އަލާމާތް ފެންނަ.

އުރަމަތީ ކެންސަރަށް ކުރާ ފަރުވާތަކުން ނުކުންނަ ސައިޑް އިފެކްޓްސްތަކަކީ ކޮބާ؟

އޮޕަރޭޝަންއަކީ އޭގެ ޒާތުގަ ފިޒިކަލް ކަންތައްތަކެއް ފެންނާނެ ކަމެއް. ތަދު އިހުސާސް ކުރުމާއި ދެން ލަކުނެއް އިނުމާއި، މިސާލަކަށް މަސްޓެކްޓޮމީ ހަދައިފިއްޔާ ހަށިގަނޑުގެ އެއްބައި ނެތުމުން ދެން ކުރާ އަސަރުތައް ހުންނަންވާނެ.

ކީމޯތެރަޕީ ދޭއިރު އާންމުކޮށް ދިމާވާ ކަންތައްތަކަކީ ބޮލުން އިސްތަށި ފޭބުން، ހަންގަނޑުގެ ކުލަ ބަދަލުވުން، ގައިގައި ރިއްސުން، ވަރު ދެރަވުން، ކެނޑިނޭޅި ބޭރަށް ހިންގުން.

ރޭޑިއޭޝަން ދިނުމަށްފަހު އެ ދިމާލުގައި ހަންގަނޑު ހަރުވެ، ދެމުމުގެ ބާރު ގެއްލުން. ކެންސަރ ތަހައްމަލް ކުރާ ފަރާތްތަކަށް، މި ހުރިހާކަމަކަށްވުރެ ބޮޑު ލަކުނެއް އެބަ އިނދޭ ނަމަވެސް އެއީ ނުފެންނަ ލަކުނެއް--އެއީ ސައިކޮލޮޖިކަލް ސްޓްރެސް.

އުރަމަތީ ކެންސަރު ޖެހުމަށްފަހު، ދަރިން ހޯދުމަށް މައްސަލަތަކެއް ދިމޭވޭތަ؟

ނޫން. ވަކި މުއްދަތެއް އޮންނާނެ ބޭނުންކުރާ ފަރުވާއެއްގެ ސަބަބުން ޑަކްޓަރ ވިދާޅުވާނެ ވަކި މުއްދަތެއްވަންދެން ދަރިއަކު ނުހޯދަން. ކީމޯ ކަހަލަ އެއްޗެހީގެ ސަބަބުން ޗާންސެއް އިންނާނެ ލިބޭ ދަރިފުޅަށް ކޮންމެސް ވަރަކަށް ބަދަލުތަކެއް އައިސްފަ ހުރުމުގެ. ކީމޯގެ ވެސް ހުރޭ އެތައް ވައްތަރުތަކެއް. އެހެންވީމަ އެ ކޮމްބިނޭޝަން ދެނީ ކޮން ގޮތަކަށްތޯ ކޮން ސްޓޭޖަކަށްތޯ ބަލާފަ މި މުއްދަތު މި އިންނަނީ. އޭގެ ފަހުން ހަމަ ނޯމަލް ލައިފެއް އުޅެވޭނެ.

އުރަމަތީ ކެންސަރު ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، އަދި 40 އަހަރުން މައްޗައް ދިއުމަށްފަހު ބަރުދަން ހުންނަންޖެހޭ މިންވަރުގައި ބެހެއްޓުން، ކުއްޖަކު ހޯދާނަމަ ތަންކޮޅެއް ޅައުމުރުގަ (30 އަހަރުގެ ކުރިން) ފުރަތަމަ ދަރިފުޅު ހޯދުން.

ނިންމާލުމުގެ ކުރިން އުރަމަތީގެ ކެންސަރާއި ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯ؟

އަޅުގަނޑުގެ ނަސޭހަތެއްވެސް މެ، އާދޭހެއްވެސް މެ، އުރަމަތީގެ ކެންސަރަކީ ފަސޭހަ ކުރެވޭ ބައްޔެއް، ކުރީކޮޅުގައި ދެނެގަނެވެއްޖެނަމަ ހަމަ އެއްކޮއް ފަސޭހަކުރެވޭ، އަދި އޭރުން ދޭންޖެހޭ ފަރުވާވެސް ކުޑަވެގެންދޭ. އެހެންވީމަ ސްކްރީން ކުރެވެން ހުރި އިރު އެކަމުގެ ފައިދާ ލިބިގަންނާށޭ. ތަދުވަންދެން މަޑުނުކުރައްވާ، ތަދަކީ އުރަމަތީ ކެންސަރުގެ ވަރަށް ފަހުކޮޅުގައި އަންނަ އަލާމާތެއް. އަމިއްލައަށް މަހަކު އެއްފަހަރު ބަލައި ދެނެގަނެވޭނެ ގޮތްތައްވެސް ހުރޭ، އެގޮތްތައްވެސް ދެނެގަނެގެން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ، ޑަކްޓަރަކަށް ދައްކަވާށޭ.

comment ކޮމެންޓް