އެއްބަސްވުމުގެ ދަށުން އަދީބަށް އަންނާނީ 20 އަހަރުގެ ޖަލު ހުކުމެއް

އަދީބު، ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހެއްގައި ވާހަކަދައްކަވަނީ ---

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށްއެ މައްސަލަގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއެކު ހެދި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެގްރިމަންޓްގެ ދަށުން އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

އަދީބު ވަނީ އެ މައްސަލަގައި އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިދިޔަ އެޕްރީލް މަހު ދައުލަތާއެކު އެއްބަސްވުމެއް ވެފައެވެ. ނަމަވެސް މިއަދާ ހަމަށް އެ އެއްބަސްވުމުގެ މާ ބޮޑު ތަފްސީލެއް އެއްވެސް މުއައްސަސާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ އެ އެއްބަސް ވުމާ ގުޅޭ ތަފްސީލީ ވާހަކަތަކެއް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން އަދީބު ތަހުގީގަށް އެއްބާރުލުންދީ ކުރަންޖޭ ކަންތައްތަކާއި ދޭނެ ލުއިތައް ހިމަނާފައިވާނެ ކަމަށެވެ.

"އެގޮތުން މީގެ ކުރިން އަދީބުގެ މައްޗަށް ތުހުމަތު ކުރެވި، ރަށްތަކާ ގުޅިގެން ކުރިެވިފައިވާ ދައުވާތައް މުރާޖާ ކުރުމަށްފަހު، އެ ދައުވާތަކާ ގުޅިގެން މިހާރު ކޯޓަށް ހުށަހެޅިފައިވާ،" އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

"[އެއްބަސްވުމުގެ ދަށުން] ހަތް ދައުވާއެއްގެ ގޮތުގައި ދައުވާކުރުމާއި އަދި މި އެއްބަސްވުމަކީ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމަކަށް ވުމުން އަދީބަށް އެ ދައުވާތަކާ ގުޅިގެން އަންނާނެ ހުކުމަކީ 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވޭ،" ރިޔާޒު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައް:

  • 1 ފެބްރުއަރީ 2012 އިން 2015 އޮކްޓޫބަރު 25 އާ ހަމައަށް އަދީބު ދައުލަތުގެ މަގާމުތަކުގައި ހުންނަވައިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންއާއި ޓެރަރިޒަމާއި އެނޫންވެސް ތުހުމަތުކުރެވޭ ކުށްތަކަށް އިއުތިރާފުވެ ތެދުބަހުން ކިޔައިދިނުން. އަދި އެކަމާ ގުޅޭ ހެއްކާއި ގަރީނާ ތަހުގީގީ މުއައްސަސާތަކަށް ދިނުން.
  • ތަހުގީގީ އިދާރާތައް، ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޯޓުތަކުން ކަނޑައަޅާ ވަގުތާއި ތަންތަނަށް ހާޒިރުވެ، ސުވާލުތަކަށް ޖަވާބުދިނުން.
  • ހިޔާނާތްތެރިވި ދައުލަތުގެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލުތައް ކިޔައިދިނުން. އަދި އެ ފައިސާ ބޭނުންކޮށްގެން މީހުންނަށް ނުފޫޒު ފޯރުވާފައިވާނަމަ ނުވަތަ މާލީ މަންފާއެއް ހޯދިނަމަ އެކަމުގެ ތަފްސީލު.
  • އެ ފައިސާ، އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދި މުދަލާއި ފައިސާ ދައުލަތަށް ރައްދުކުރުން.
  • އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކުރި ގޮތުގެ ތަފްސީލާއި، އޭގައި ބައިވެރިވި މީހުންނާއި ލިބުނު ފައިސާގެ ތަފްސީލު ކިޔައިދިނުން.
  • ރަސްމީ ލިޔެކިޔުމުގެ ބޭރުން އިންވެސްޓަރުން އަތުން ނެގި ފައިސާގެ ތަފްސީލާއި އެ ފައިސާ ހޭދަކުރި ގޮތާއި އެކަމުގައި ބައިވެރިވި މީހުން ކިޔައިދިނުން.
  • އެމްއެމްޕީއާރުސީއަށް ލިބުނު ބޭރު ފައިސާ، ދިވެހި ފައިސާއަށް ބަދަލުކޮށް އެ ފައިސާ ހަރަދުކުރި ގޮތާއި އެކަމުގައި ބައިވެރިވި މީހުން ހާމަކުރުން.
  • ސިޔާސީ ފަރާތްތަކަށް ހުކުމްކުރުމަށާއި ދައުލަތުގެ އެކި ފަރާތްތަކަށް ދަތިކުރުމުގެ ގޮތުން ކުރި ހަރަދުތަކުގެ ތަފްސީލު ހާމަކުރުން.
  • ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްަކަށް ހަރުމުދާ ގަތުމަށާއި އިންވެސްޓުކުރުމަށާއި ގެދޮރު އިމާރާތްކުރުމަށް ލޯނާއި ޑައުންޕޭމަންޓު ދެއްކުމަށް ކުރި ހަރަދު.
  • އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މާލީ އިދާރާތަކުން އަދާކުރި ދައުރާއި އެކަންކަމުގެ ތަފްސީލު ހާމަކުރުން.

https://sun.mv/122673

ރިޔާޒު ވިދާޅުވީ، އަދީބާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ތަހުގީގަށް އެއްބާރުލުންދީ ތަހުގީގަށް ގިނަ މައުލޫމަތު ހިއްސާ ކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރި އަދީބާ ގާތް ގުޅުމެެއް ބޭއްވި އެސްއޯއެފް ކުންފުނީގެ މުހުންމު މައުލޫމަތުތައްވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން ހިޔާނާތުގެ ފައިސާއާ މުދާ ދައުލަތައް ރައްދު ކުރުމަށް ހިމާނާފައިވާއިރު، މިހާތަނަށް އެއްވެސް އެއްޗެއް ދައުލަތައް ރައްދުކޮށްފައިވޭތޯ "ސަން" އިން ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ، އެކަމުގައި ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް ބަަލަން އެބަހުރި ކަމަށާއި މިހާތަނަށް އެއްވެސް ފައިސާއެއް ރައްދުކޮށްފައި ނުވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ، އަދީބުގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކުވެސް ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް މިހާރު ހަދާފައިފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމެއްގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުގެން އަދީބަށް މިހާރު ވަނީ ހަތް ދައުވާއެއް ކޮށްފައެވެ. އެއީ ހިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީލޯންޑަރިންގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދިކަމުގެ ދައުވާއެކެވެ. އެ ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަށް އޭނާ ވަނީ އެދިފައެވެ.

https://sun.mv/122721

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އަދީބުގެ މައްޗަށް މީގެ ކުރިންވެސް ދައުވާ ކުރިއެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޅ. މާބިންހުރާ ދޫކޮށްގެން ލިބުނު އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލައެވެ. އެ މައްސަލަ ސާބިތުވެ އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. ހައިކޯޓުގެ ހުކުމް ދައުލަތުން ފަހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރު އެ މައްސަލަ ދަނީ ސުޕްރީމްކޯޓުގައި ހިނގަމުންނެވެ.

އަދީބު މިހާރު ހުންނެވީ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭބަންދުގައެވެ. އަދި އޭނާ ދަނީ ޓަގުބޯޓެއްގައި ރާއްޖެއިން ފިއްލެވި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވިއެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް