ބޮމުގެ ހަމަލާތައް ތަހުގީގުކުރި ޕާލިމެންޓު ކޮމިޓީގެ ފާޑު ކިޔުން ސިރިސޭނާއަށް

ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ރައީސް ސިރިސޭނާ އިހުމާލުވި ކަމަށް ޕާލިމެންޓަރީ ކޮމިޓީގެ ރިޕޯޓުގައިވޭ -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ (އޮކްޓޯބަރު 24): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ބޮމުގެ ހަމަލާތައް ދިނުމުގެ ކުރިން އެގައުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި އިންޓެލިޖެންސް ސާވިސްގެ ކުރީގެ ވެރިޔާ އިހުމާލުވި ކަމަށް މައްސަލަ ބެލި ޕާލިމެންޓް ކޮމިޓީން ބުނެފިއެވެ.

އިއްޔެ ލަންކާ ޕާލިމެންޓުގެ ސެލެކްޓް ކޮމިޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ހަމަލާ ދިން ދުވަސްވަރު ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އޭގެ ސަބަބުން ދެފަރާތުންވެސް ގައުމުގެ ސަލާމަތާ ގުޅުން ހުރި ޒިންމާތައް ފުރިހަމަ ކުރުމުގައި އިހުމާލުވިއެވެ.

އެ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް އިތުރުވެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ، ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރައްވާ، ޕާލިމެންޓުވެސް އުވާލެއްވިއެވެ. އަދި ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވިއެވެ.

ނަމަވެސް ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވިއެވެ. އަދި ސިރިސޭނާ އަނެއްކާވެސް ބޮޑުވަޒީރު ކަމަށް ވިކްރަމަސިންހަ އައްޔަން ކުރެއްވިއެވެ.

އިއްޔެގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ސިރިސޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ލީޑާޝިޕް ދެއްކެވުމުގައި ފެއިލްވެފަ އެވެ. އަދި ގައުމީ ސަލަމާތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ބޮޑުވަޒީރާއި ފުލުހުންގެ ވެރިޔާ ބައިވެރި ކުރަން ދެކޮޅު ހެއްދެވި އެވެ.

ނަމަވެސް އެހަމަލާތައް ނުހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭނީ ސީދާ ސިރިސޭނާއަށް ސަލާމަތީ މައުލޫމާތު ފޯރުކޯށްދޭ ފަރާތް ކަމަށްވާ، ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ ކުރީގެ ވެރިޔާ ނިލަންތަ ޖަޔަވަރުދެނަ ކަމަށް އެރިޕޯޓުގައިވެ އެވެ.

އެގޮތުން، އެގައުމުގައި ބޮމުގެ ހަމަލާތައް ދިނުމުގެ 17 ދުވަސް ކުރިން، އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޖަޔަވަރުދެނައަށް ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެބޮމުގެ ހަމަލާތަކުގައި އިސްކޮށް ހުރި ޒަހުރާން ހާޝިމާ ގުޅުން ހުރި ހުރިހާ ތަހުގީގެއް މީގެ އަހަރެއް ކުރިން ޖަޔަވަރުދެނަ އޭނާގެ ބެއްލެވުމުގެ ދަށަށް ގެންދެވި ކަމަށްވެސް ކޮމިޓީން ބުންޏެވެ.

މީގެ އިތުރުން އޭޕްރިލް ނުވައެއްގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައި، ޒަހުރާންއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ޑިފެންސް ސެކްރެޓަރީ އެދިލެއްވި ނަމަވެސް، ޖަޔަވަރުދެނަ އޭރު މައުލޫމާތު ނުދެއްވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި އެބައްދަލުވުމުގައި ޒަހްރާނާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަ، އޭނާ އިސްވެ ދިން ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުނީސް ކަމަށް ކޮމިޓީން ފާހަގަ ކުރި އެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

މީގެ ކުރިން ސިރިސޭނާ އާއި ވިކްރަމަސިންހަ ވަނީ އެހަމަލާތައް ދިނުމުގެ ކުރިން، ހަމަލާ ދީފާނެ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް