މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޖޫރިމަނާއެއް

"އަންބަރީ" ދޯނި މަލިކު ފަޅަށް ވައްދާފައި --- ފޮޓޯ: މުހައްމަދު ނާޖިހު (ޓްވިޓާ)

ގަވައިދާ ހިލާފަށް އިންޑިއާގެ ކަނޑުގެ ސަރަހަައްދަށް ވަދެ އުޅެނިކޮށް، މަލިކު ކައިރިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި "އަންބަރީ"ގެ ވެރިފަރާތް ފިޝަރީޒް މިނިސްޓްރީން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ.

ނަމަވެސް ފަހުން އެ ދޯނި އިންޑިއާ ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދޯނީގެ ވެރިފަރާތް ޖޫރިމަނާކުރީ މިފަހުން އަމަލު ކުރަން ފެށި "ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ 73 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނަނީ، ލައިސަންސް ނެތި ނުވަތަ ދޫކޮށްފައިވާ ލައިސެންސާ ހިލާފަށް އެއްވެސް އުޅަނދަކުން މަސްވެރިކަމުގެ ހަރަކާތެއް ނޫނީ އެކަމާ ގުޅޭ ހަރާކާތެއް ހިންގައިފި ނަމަ އެ އުޅަނދެއްގެ މާސްޓަރު، ވެރިފަރާތް އަދި އޮޕަރޭޓަރުވެސް ހިމެނޭ ގޮތުން، އެއިން ކޮންމެ ފަރާތެއް ވަކިވަކިން 400،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިދޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓްރީން މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަައިންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގަ އާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުތުތަކުގެ ދަށުން މަނާކަމެއް ކަމަށެވެ.

ހާއްސަކޮށް ހުއްދަނެތި އެހެންގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރުމަކީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ އާއި، ރާއްޖޭއިން ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި، މުއާހަދާތަކާއި، ގަރާރުތަކާއި ހިލާފު ކަމަށާއި އެ ގޮތުން ބަލާއިރު މިއީ، ގާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއްނެތި ކުރާ (އައި.ޔޫ.ޔޫ) މަސްވެރިކަމުގެ އެންމެ މަތީފަންތީގެ ކުށުގެތެރޭގައި ހިމެނޭ ކުށެއްކަމަށެވެ.

comment ކޮމެންޓް