30 އެގްޒިބިޓަރުންނާއެކު ފަސްވަނަ މެރިން އެކްސްޕޯ ފަށައިފި

ފަސްވަނަ މޯލްޑިވްސް މެރިން އެސްކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރަސްމީ އެގްޒިބިޝަން، މޯލްޑިވްސް މެރިން އެކްސްޕޯ 2019 ފަށައިފިއެވެ.

ދަރުބާރުގެއާއި މަސްވެރިންގެ ޕާކުގައި ކުރިއަށްގެންދާ އެ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.

ފަސްވަނަ މެރިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މާ ބޮޑަށް ފާހަގަކުރެވިފައި ނުވިޔަސް ލިވްއަބޯޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ދާއިރާ ކަމަށެވެ.

އަދި ރާއްޖެއަށް ސަފާރީ އިންޑަސްޓްރީގެ މުހިންމުކަމުގެ ވާހަކައަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

ފަސްވަނަ މޯލްޑިވްސް މެރިން އެސްކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެގޮތުން ރާއްޖޭގައި 150 އެއްހާ ސަފާރީ އުޅަނދާއި، އެ އުޅަނދުތަކާ ގުޅުންހުރި ޑައިވިން އަދި މަސްވެރިކަން ކުރާ 300 އެއްހާ އުޅާނދުވެސް ލިވްއަބޯޑު ދާއިރާގައި އުޅޭ ކަމަށެވެ.

"އޭގެއިން ދައުލަތަށް ލިބޭ މަންފާއަށް ބަލާލާއިރު، ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ އިކޮނޮމީގައި އެބަ ދައުރުވޭ. އަދި ޓެކްސްގެ ގޮތުގައިވެސް ރަނގަޅު އަދަދެއް ސަރުކާރަކަށް އެބަ ލިބިގެންދޭ،"

މީގެ އިތުރުން ސަފާރީއާއި ލިވްއަބޯޑު އިންޑަސްޓްރީގައި 8،000 އެއްހާ ދިވެހީން ވަޒީފާ އަދާކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަސްވަނަ މޯލްޑިވްސް މެރިން އެސްކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މެރިން އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ފައްޔާޒު ވަނީ އެ އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ، އެގްޒިބިޓަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި މަސްވެރިންގެ ޕާކުގައި ހުރި މިއަހަރުގެ އެކްސްޕޯގެ ވޯޓާ ޑިސްޕްލޭ އޭރިއާވެސް ހުޅުއްވައިދެއްވައި، ބައްލަވާލެއްވިއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މެރިން އެކްސްޕޯގައި ތިރީސް އެގްޒިބިޓަރުން ބައިވެރިވެއެވެ. މިއަހަރުގެ އެކްސްޕޯގެ ތީމްއަކީ މެރިން ޓެކްނޮލޮޖީ އެވެ.

comment ކޮމެންޓް