ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން އަންހެން ފުޓުބޯޅަ ޓީމާ ބައްދަލުކޮށްފި

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން އަންހެން ފުޓުބޯޅަ ޓީމާއި ބައްދަލު ކުރުމަޑް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި ފުޓުބޯޅާ އެސޯސިއޭޝަނުގެ އެކްސްކޯއަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީން ގައުމީ އަންހެން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންނާ ބައްދަލުކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ މެމްބަރުންގެ އިތުރުން ގައުމީ އަންހެން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުރުން ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ގައުމީ ޓީމުގެ ކޮމިިޓީ އެކުލަވާލި ފަހުން ބޭއްވި ތިން ވަނަ ބައްދަލުވުމެވެ.

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން އަންހެން ފުޓުބޯޅަ ޓީމާއި ބައްދަލު ކުރުމަޑް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މީގެ ކުރިން ގައުމީ ފިރިހެން ޓީމާއި ކޮމިޓީ ވަނީ ބައްދަލު ކޮށްފަ އެވެ. އަދި ފުޓުބޯޅަ އާއިލާގެ ގިނަ ފަރާތްތަކަކާ އެކު ޙިޔާލު ހޯދުމާއި މަޝްވަރާ ކުރުމަށް ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި ކޮމިޓީން ވަނީ ކޮންފަރެންސެއް ބާއްވައިފަ އެވެ. އަދި އެ ކޮމިޓީން ކުރާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ފުޓުބޯޅައިގެ ޕްލޭނާ ބެހޭ ގޮތުން ގަނަ ވާހަކަތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާރމަން އަދި ޓުއަރިޒަމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ އަލީ ވަހީދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ގައުމީ އަންހެން ޓީމެއް އެކުލަވާލުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔުންތަކެއް އަމާޒުކޮށް، އެކަމަކީ ބޭނުމެއް ނެތް ކަމެއް ފަދައިން ސިފަ ކުރި ކަމަށެވެ. ނަމަވެސް މިއަދު އެ ޓީމު ހޯދަމުން އަންނަ ކާމިޔާބީ އަކީ އަންހެނުންނަށް ވެސް ފުޓުބޯޅައިން ކުރިއަށް ދެވޭނެ ކަމުގެ ހެއްކެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ މީގެ ކުރިން ވިދާޅުވީ، ގައުމީ ޓީމުގެ ކޮމިޓީން އަންހެން ބޭފުޅަކަށް ފުރުސަތު ދިނީ ވެސް އަންހެނުންފެ ފުޓުބޯޅަ ފިރިހެނުންނެކޭ އެއްފަދައިން ކުރިއަރުވަން ބޭނުންވާތީ ކަމަށެވެ.

ރޭގެ ބައްދަލުމުގައި ވެސް އަލީ ވަހީދު އެންމެ ބޮޑު ކަމަކަށް އަލިއަޅުވާލީ، ކުރިއަށް އޮތް ވޯލްޑް ކަޕުގެ ދެ މެޗު ކާމިޔާބު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. އެގޮތުން ގައުމީ ޓީމުގެ މެޗެއް އޮންނަ ކަމުގެ އިހުސާސް ސަޕޯޓަރުންނަށް ގެނެސްދިނުމުގައި ގިނަ ކަންތައްތަކެއް ރާވަމުންދާ ކަން އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ގައުމީ ޓީމު މެސްކޮޓެއް ނެރުމާއި މެޗު އޮންނަ ދުވަހު ގަލޮޅު ދަނޑާ ދިމާލުގެ މަޖީދީމަގު ބަންދުކޮށް އެތަނުގައި ބޮޑު ސްކްރީނެއް ހަރުކޮށްގެން މެޗު ބެލޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި ހިމެނޭ ކުރީގެ އަންހެން ފުޓުބޯޅަ ޓީމުގެ ކެެޕްޓަން މަރިޔަމް މިރުފަތު މީގެ ކުރިން ވަނީ އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް އެކަން ކުރުމަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން ރަށްރަށުގައި ތިބި އަންހެން ކުޅުންތެރިން މާލެ އައިސް ހުރުމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާ ކަމަށާއި އަންހެން ކުޅުންތެރިން ލިމިޓް ކަން ފާހަގަ ކުރި އެވެ.

"އޭރު ވެސް އެއްވަރަކަށް ކުޅުންތެރިން ތިބީ. މިހާރު ވެސް ހަމަ އެވަރަށް. ވަކި ގިނައެއް ނުވޭ. ފިރިހެން ޓީމު ވެއްޖެޔާ ވަރަށް ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި." ޕެރަޑައިޒް ރިސޯޓުގައި ބޭއްވި ކޮންފަރެންސްގައި މިރްފަތު ބުންޏެވެ.

މީގެ އިތުރުން އަންހެން ގައުމީ ޓީމަށާއި ފިރިހެން ޓީމަށް ދޭ މުސާރަ ހަމަހަމަ ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވަނީ ރޭގެ ބައްދަލުވުމުގައި ފާހަގަ ކޮށްފަ އެވެ. އޭނާ ވިދާޅުވީ ހުރިހާ ކުޅިވަރެއް ވެސް ހަމަހަމަކޮށް ކުޅިވަރު ކުޅޭ ދެ ޖިންސުގެ ވެސް ތަފާތު ކުރުމެއް ނެތި ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.

comment ކޮމެންޓް