ޗައިނާއިން ދަނީ ހޮންކޮންގެ ލީޑަރު މަގާމުން ދުރުކުރަމަށް ރާވަމުން: ރިޕޯޓް

ޗައިނާއިން ދަނީ ހޮންކޮންގެ ލީޑަރު ކެރީ ލާމް މަގާމުން ދުރުކުރުމަށް ވިސްނަމުން ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ބުނޭ -- ފޮޓޯ: ގެޓީ

ބެއިޖިން (އޮކްޓޯބަރު 23): ޗައިނާއިން ދަނީ ހޮންކޮންގެ ލީޑަރު ކެރީ ލާމް މަގާމުން ދުރު ކުރުމަށް ފަހު، އެމަގާމަށް އެހެން މީހަކު އައްޔަން ކުރުމާ މެދު ވިސްނަމުން ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.

ޓައިމްސްގައިވާ ގޮތުން، ޗައިނާއިން ހޮންކޮންގެ ޗީފް އެގްޒެކެޓިވް ކަމުން ލާމް ވަކިކޮށްފި ނަމަ، އަންނަ މާޗް މަހުގެ ކުރިން އެމަގާމަށް ވަގުތީ ގޮތުން މީހަކު އައްޔަން ކުރާނެ އެވެ. އަދި 2022ގައި ލާމްގެ ދައުރު ނިމެންދެން ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަވާނީ އެ އާ ލީޑަރެވެ.

އެނޫހުގައިވާ ގޮތުން ލާމްއަށް ފަހު ހޮންކޮންގެ ލީޑަރު ކަމަށް އިސް ކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި އެސަރަހައްދުގެ މަނިޓަރީ އޮތޯރިޓީގެ ކުރީގެ ވެރިޔާ ނޯމަން ޗަން އާއި އެސަރަހައްދުގެ ފައިނޭންޝަލް ސެކްރެޓަރީގެ މަގާމު ފުރުއްވި ހެންރީ ޓޭންގް ހިމެނެ އެވެ.

ހޮންކޮންގައި އޭޕްރިލް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އިސްތިއުފާ ދެވެން އޮތް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ލާމް ވިދާޅުވާ އޯޑިއޯއެއް މިދިޔަ މަހު ލީކުވި އެވެ. ނަމަވެސް ފަހުން އެކަމަނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރާ އެކު މަޝްވަރާ ކުރަން ވިސްނަވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޮންކޮންގައި މުޒާހަރާތައް ފެށީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލު ފާސްކޮށްފި ނަމަ އެސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށް ބުނެ އެވެ.

ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތު ދޭނެ އެބިލާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވާން ފެށުމުން ލާމް ވަނީ ބިލު އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ހޮންކޮންއަށް އަމިއްލަ ވެރިކަން ހިންގުމުގެ އިތުރު ބާރުތައް ދިނުމަށާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރާ އަނިޔާ ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށް ގޮވާލައި އަދިވެސް އެއްވުންތައް ބާއްވަމުންނެވެ.

މީގެ ކުރިން ހޮންކޮންގެ ލީޑަރުކަން ކުރެއްވި ޓަންގް ޗީ ހުވާ، 2015 ވަނަ އަހަރު ދައުރުގެ މެދުތެރެއިން މަގާމުން އިސްތިއުފާ ދެއްވުމުން، އޭނާގެ ދައުރު ނިމެންދެން ވެރިކަން ކުރެއްވީ ސަރުކާރުގައި ދެވަނައަށް އެންމެ އިސް މަގާމު ކަމަށްވާ ޗީފް ސެކްރެޓަރީ ފޯ އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނެވި ޑޮނަލްޑް ސަންގް އެވެ.

comment ކޮމެންޓް