ހިޔާނާތުގެ ޝަރީއަތްތައް ލައިވްކޮށްދޭން އަދީބު އެދިވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންގޮސް ދިނުމަށް އެނާ އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފަ އެވެ. އަދި މައްސަލަތަކުގެ ޝަރީއަތްތަކެއް ނުފަށަ އެވެ.

އަދީބުގެ ވަކީލު މަހުފޫޒު ސައީދު 'ސަން' އަށް ވިދާޅުވީ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދަން އަދީބު އެދިފައިވާ ކަމަށެވެ. އެގޮތަށް އެދުނީ އެ މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ހުރުމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން އަދީބު ބޭނުންފުޅު ވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުވާކުރެވި ކުރިއަށްދާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތްވެސް ކުރިއަށް ގެންދަނީ ލައިވް ކޮށްގެންނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އަދީބު މިހާރު ވަނީ ފުލުހުންނަށް ގިނަ މައުލޫމާތުތަކެއް ދެއްވާފަ އެވެ. އެއީ އެމްއެމްޕީއާރުސީ ފައިސާއިން މަންފާ ލިބުނު މީހުންގެ މައުލޫމާތު ހިމެނޭ ގޮތަށެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުން ކަމަށް ބުނެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ނަންތައް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހާމަކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އަދީބުގެ މައްޗަށް މީގެ ކުރިންވެސް ދައުވާ ކުރިއެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޅ. މާބިންހުރާ ދޫކޮށްގެން ލިބުނު އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލައެވެ. އެ މައްސަލަ ސާބިތުވެ އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. ހައިކޯޓުގެ ހުކުމް ދައުލަތުން ފަހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރު އެ މައްސަލަ ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ.

އަދީބު މިހާރު ހުންނެވީ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭބަންދުގައެވެ. އަދި އޭނާ ދަނީ ޓަގް ބޯޓެއްގައި ރާއްޖެއިން ފިއްލެވި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް