އުންމީދުގެ އަލިކަމެއް ފެނިއްޖެ

އޮކްޓޯބަރު 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އަލަށް ޢައްޔަނު ކުރެވުނު އެންޓި ކަރަޕްޝަން ކޮމިޝަން ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ހެން ހީވާ ކަމަށް އަޅުގަނޑުގެ ވަރަށް ގާތް މީހެއްގެ ކައިރީ ގައި ބުނީމެވެ. އެއީ ކީއްވެތޯ ސުވާލު ކުރުމުން އަޅުގަނޑު ބުނީ އެތާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އެ މަސްއޫލިއްޔަތު އުފުއްލުވުމުގެ ކުރިން، ބައެއް ޖަލްސާތަކުގައި ބައެއް ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ތަން އަޅުގަނޑަށް ފެނިފައި ވާ ކަމުގަ އެވެ. އެ ބޭފުޅުންގެ ބަހުރުވަ އާއި ވިސްނުން ގެންގުޅުއްވާ ގޮތް ކަމުގައި އަޅުގަނޑަށް ލަފާ ކުރެވުނު ގޮތުގައި އެ ބޭފުޅުންނަކީ މީހަކު ބުނީތީވެ، ބުނިގޮތަކަށް ކަންތައް ކުރައްވާނެ ބޭފުޅުންނެއް ނޫނެވެ. އެ ބޭފުޅުން ކަންތައް ކުރައްވާނެ ކަމަށް ލަފާ ކުރެވެނީ، އެ ބޭފުޅުން ހިންގެވުމަށް ޤާނޫނު ދައްކާ މަގު ކަމުގައި އެ ބޭފުޅުން ނަށް މާނަ ކުރެވޭ ނުވަތަ ފެނިވަޑައިގަންނަވާ މަގު ގައެވެ. އެ ބޭފުޅުން ނޫނެކޭ ވިދާޅުވާން ޖެހިލުން ވެ ވަޑައި ނުގަންނަވާނެ އެވެ. އެ ބޭފުޅުންނަކީ ކިޔަވައިވިދާޅުވެގެން ތިއްބެވި އަންހެން ބޭފުޅުންނަށް ވުމާ އެކު އަޅުގަނޑަށް އެބޭފުޅުން ނަށް ވަރަށް އިތުބާރު ކުރެވޭ ކަމުގަ އެވެ. މި ވާހަކަ ދެކެވުނުތާ އެއްދުވަސް ފަހުން، ނޫސްތަކުން އަޅުގަނޑުމެން ނަށް ޚަބަރު ލިބުނީ އެންޓިކަރަޕްޝަން ކޮމިޝަނުގެ ރައީސަށް ނުފޫޒު ފޯރުވަން ބާރުގަދަ ސިޔާސީ ފަރާތަކުން މަސައްކަތް ކުރި ކަމެވެ. އަދި އޭނާ ބޭނުން ގޮތަށް ކަންތައް ނުކޮށްފި ނަމަ އަޅާނެ ފިޔަވަޅަކާ މެދު ބިރު ދެއްކި ކަމެވެ. އެ ކަމަނާވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަކަށް ރަނގަޅަށް ވިދާޅުވެ ދެއްވި އެވެ. އަދި އެ ހިސާބުން ނިންމަވާ ލެއްވީ އެއް ނޫނެވެ. އިސް މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުން އެ ކަމަނާގެ ފޯނު ނަންބަރު ހޯއްދަވާ އެ ކަމަނާ އަށް ގުޅަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ވިދާޅުވި އެވެ. މިހެން ވާން ވާނެ އެވެ. މިގޮތަށް ކަންތައް ކޮށްގެން ނޫނީ މިކަހަލަ ކަންތައްތައް ނުހުއްޓުވޭނެ އެވެ. ޤަވައިދާ ޚިލާފަށް ކަންތައް ކުރުވަން އުޅޭ މީހުންގެ ވާހަކަ ޢާއްމު ކުރެވެން ވާނެ އެވެެ. އެހެން މީހުން އެ މަގުގައި ހިނގިޔަ ނުދިނުމަށެވެ. ކޮންމެ ފަދަ ބޮޑު ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅަކު ވިޔަސް ޤާނޫނުން ދައްކާފައި އޮތް މަގުން ބޭރުން ކަންތައް ކުރަން އުޅުއްވާ ކަމުގައިވާ ނަމަ އެ ފުރުޞަތު އެ ބޭފުޅަކަށް ދީގެން ނުވާނެ އެވެ. ކަރަޕްޝަނުގެ އަމަލެއް ވަކި މީހަކު ނުކުރާނެ ކަމަށް ވަކި ބޭފުޅަކަށް ފެނިވަޑައި ގަންނަވައިފި ނަމަ، އެއީ އެބޭފުޅާގެ ޚިޔާލެވެ. އެފަދަ ކަންކަން ބެލެހެއްޓުމަށް ޤާނޫނުން ހަވާލު ކޮށްފައި ތިބި މީހުން އެ ޚިޔާލަށް ތަބަޢަ ވާކަށް ނުޖެހެ އެވެ. އެ މީހުން ތަބަޢަވާން ވާނީ ޤާނޫނަށެވެ. ޤާނޫނީ އިމުގެ ތެރެއިން ފެންނަން ހުންނަ ކަންތަކަށެވެ.

މާނަ ކުރުމުގެ މައްސަލަ އަކީ ރާއްޖޭގައި ނިންމުން ނިންމާ ހިސާބުގައި ތިބޭ ބައެއް މީހުންނަށް ބޮޑު މައްސަލަ އެކެވެ. އޭގެ ތެރެއިން ބައެއް މީހުން ނަށް، ޤާނޫނެއް، ނުވަތަ ކަމެއްކުރުން، ނުވަތަ ލަފްޒެއްގެ މާނަކުރެވޭ ގޮތް އަޅުގަނޑު މެން އާދައިގެ މީހުންނަށް މާނަ ކުރެވޭ ގޮތާއި ތަފާތު ވަނީ އެވެ. އަދި އެކަމުގެ ޚާއްޞަ ޢިލްމުވެރިންނަށް މާނަ ކުރެވޭ ގޮތާ ވެސް ތަފާތު ވަނީ އެވެ. ތިމާ އާ ނުބެހޭ ކަމަކާ ބެހޭ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަނުގެ އެންމެ އިސްވެރިޔާ އަށް ފޯނު ކުރުމަކީ ވެސް ނުފޫޒު ފޯރުވުމެކެވެ. ދެއްކި ވާހަކަ އެއްކިބާކޮށްފަ އެވެ. އިދާރީ ކަމެއް ދިޔަ ގޮތް ކަމުނުގޮސްގެެން ގުޅޭނެ ތަފާތު ފެންވަރުގެ އިދާރީ މުއައްޒަފުން ވެސް ތިބޭނެ އެވެ. ރަނގަޅު ނިޔަތެއްގައި ކަމެއް ކުރާ އިރު ކަންތައް ކުރެވެން ވާނީ ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން ނެވެ. ކޮމިޝަނުގެ އެންމެ އިސް ފަރާތާ ހަމައަށް ގެންދަން ޖެހޭ ކަމެއް ގެންދެވެން ވާނީ އިދާރީ އެންމެ އިސް ފަރާތްތަކުގެ ތެރެއިން ފުރޭނިގެން ނެވެ. އެ ފަރާތްތަކަށް އެކަމެއް ނުކުރެވިގެން އެ ހިސާބަށް ގެންދަން ފެނިގެން ގެންގޮސްފި ނަމަ އެވެ. އެންޓި ކަރަޕްޝަނު ކޮމިޝަނުން މި ދެއްކި ކެރުމާއި ހިތްވަރާއި ޢަޒުމުގެ ނަމޫނާ އިން އެހެން މުސްތަޤިއްލު މުއައްސަސާތަކުން ފިލާވަޅެއް ލިބިގަންނާނެ ކަމަށް އުއްމީދު ކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސިޔާސީ ބޭފުޅުން ނެވެ. އެ ބޭފުޅުން ހޮވުމަށް ޚަރަދު ކުރި މީހުންނާއި، މަސައްކަތް ކުރި މީހުންނާއި، ފަހަތްޕުޅުން ގޭގެ އަށް ވަންނަން ހިނގި މީހުންނާއި، ލޮރީ ބުރުގައި ހަޅޭލަވަމުން ދިޔަ މީހުންގެ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ވުމުން، އެ މީހުންނަށް ކަމަކާ ޖެހުމުން މެމްބަރުގެ އަރިއަހަށް ދާނެ އެވެ. މެމްބަރު އެކަމެއް ކޮށްދެވޭތޯ ބެލުމަށް ސިޔާސީ ފަރާތްތަކާ ގުޅާނެ އެެވެ. ރައީސް އޮފީހާ ވެސް ގުޅުއްވަފާނެ އެވެ. މައްސަލަ އެއް ނޫނެވެ. އެކަމަކު މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނާ ގުޅުމަކީ މައްސަލަ އެކެވެ. ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅުމަކީ މައްސަލަ އެކެވެ. ރަށު މީހާ ނުވަަތަ އަތޮޅު މީހާ ނުވަތަ ގޭ މީހާ ފަނޑިޔާރަކަށް ވީ ތީވެ ރަސްމީ ގަޑީގައި އޭނާގެ އޮފީހަށް ވަދެ "އަނގަ މަޖާކުރަން" އިނަސް އެޔަށް އަޅުގަނޑުމެން ކިޔާނީ ނުފޫޒު ފޯރުވަން ވަދެ އިނުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަށް ވެސް އެ ގޮތަށް ކޯޓަށް ވަދެ އުޅުމުގެ ފުރުޞަތު ދީގެން ނުވާނެ އެވެ. ފަނޑިޔާރުންނަށް ވެސް ރައްޔިތުންގެ މަޖިލީހަށް އެ ގޮތަށް ވަދެ އުޅުމުގެ ފުރުޞަތެއް ނުއޮވެ އެވެ.

އެހެން ދިމާ އަކުން ވެސް އަންހެން ބޭފުޅުންގެ ކުޅަދާނަ ކަމާއި ކެރޭކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެވެ. އެ ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކަ އަކުންނެވެ. މި ސަރުކާރުން، އިޢުލާނު ކޮށްފައި އޮތް ކަރަޕްޝަނަށް "ޒީރޯ ޓޮލަރަންސް" ދިނުމުގެ ސިޔާސަތުން ޔަޤީން ކަމާއި ހިތްވަރު ލިބިގެންނެވެ. ސަރުކާރުން ކޯޓަށް މައްސަލަ ހުށައަޅާ، ކޯޓުގައި ދަޢުވާ ކުރަން ވަކީލުން ފޮނުވާ އޮފީހުގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާ ބެހޭ މަޢުލޫމާތު ކޮމިޓީ އަށް ނުދެއްވޭނެ ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ވަޒީރުން ނާއި، ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމުގަ އެވެ. އަދި އެއިރު ހިގަމުން ދިޔަ ކޮމިޓީގައި ވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ މެމްބަރަކު އިންނެވި ކަމުގަ އެވެ. އެ މެމްބަރު ކޮމިޓީގެ މަސައްކަތުން ތަނާޒުލްވެ ވަޑައިނުގަންނަވާ ހާ ހިނދަކު އެ މަޢުލޫމާތު ނުދެއްވޭނެ ކަމަށެވެ. އަންހެނުންގެ މަސައްކަތްތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިތުބާރުގެ ނަތީޖާ ފެންނަން ފަށައިފި އެވެ. ( އަންހެނުން ބަދިގެ އަށް ފޮނުވަން މަސައްކަތް ކުރާ މީހުންގެ ކިބައިން މަޢާފަށް އެދެމެވެ.) އެ މީހުން މުޅި ޤައުމަށް އެ ދައްކަނީ ރީތި ނަމޫނާ އެކެވެ. މަސައްކަތް ކުރަނީ ކެރިގެން ނެވެ. ވަކި ފަރާތަކަށް ނުޖެހި އެވެ. އެފަދަ ނިންމުމަކުން އަތުވެދާނެ ނިވައި ވައިރޯޅި އަކަށް އެއްވެސް ބިރެއް ނެތި އެވެ.

އެމްއެމްޕީއާރސީގެ ޚިޔާނަތުގައި، ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުން ދާ ބޭފުޅުންނާއި، ފަނޑިޔާރުން ނާއި، ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޝާމިލުވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ވަރަށް ނުފޫޒު ގަދަ ބުރަދަން ހުރި ބޭފުޅުން ނާ އެވެ. ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކު އެއްވެސް ގޯހެއް ނުހައްދަވާ ކަމުގައި ވެސް ވެދާނެ އެވެ. އެއީ ހަމައެކަނި ތުހުމަތެއް ކަމުގައި ވެސް ވެދާނެ އެވެ. އެހެން ނަމަވެސް އެކަން ނިންމަން ވާނީ ކޮމިޓީ އަކުން ނުވަތަ ވަކި އޮފީހަކުން ނޫނެވެ. ޝަރީޢަތުން ނެވެ. ދުނިޔެ ޤަބޫލު ކުރާ އެންމެ ރަނގަޅު އާދައަކީ މިބާވަތުގެ ކަންކަމުގައި ސަރުކާރުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުން އެ މަޤާމުން އެކަހެރި ވުމެވެ. ނުވަތަ އެކަހެރި ކުރުމެވެ. ސަރުކާރުގެ ތެރޭގައި ނުފޫޒުގެ ބޭނުން ކުރުމުގެ ޖާގަ އޮންނާނެ ތީވެ އެވެ. މީގެ ތެރޭގައި ރައްޔިތުން ހޮވާފައި ތިބި ބޭފުޅުން ނެއް ނުހިމެނެ އެވެ.

އަޅުގަނޑުމެން މި ތިބީ ބަލާށެވެ. ޒީރޯ ޓޮަލަރަންސް މަސައްކަތް ކުރަނީ ކިހާ ވަރަކަށް ތޯ އެވެ. މިހާރު ވެސް ބައެއް ދިމާލުން ޒީރޯ ޓޮލަރަންސްގެ މައްޗަށް ނުފޫޒު ބާރު ގަދަ ކުރާ ތަން ފެނެ އެވެ. މުއްސަނދިިކަމުގައި ހުރި ބާރު ދައްކާ ތަން ފެނެ އެވެ. އަޅުގަނޑުމެން ނަށް އޮތީ ވާނެ ގޮތް ބަލަން ތިބުމެވެ.

comment ކޮމެންޓް