ހުޅުމާލޭގައި އަލަށް އަޅާ ސްކޫލުގެ ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ފްލެޓު އިމާރާތްތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އަޅާ ސްކޫލުގެ ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކުރީ އާކްއެންޖް ސްޓޫޑިއޯއާއެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި އާކްއެންޖް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ހަމީންއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 120 ދުވަހުން ނިންމާ ގޮތަށް 116،600 ރުފިޔާއަށެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ހުޅުމާލެ ދެވަނަ ދެވަނަ ފިޔަވަހީގައި ގިނަ ސްކޫލްތަކެއް އަޅަން ނިންމީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފްލެޓްތައްވެސް އަޅަމުންދާތީ އާންމުންނަށް ވެސް ފަސޭހައަކަށް ކަމަށެވެ.

މާލޭގެ ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން އެކަމާ ގުޅޭ އޮޑިޓެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީކޮށްފަ އެވެ. އެ އޮޑިޓުން ދެއްކި ގޮތުގައި އެކަމަށް އިތުރު 10 ސްކޫލް މާލެ ސަރަހައްދުގައި އަޅަން ޖެހެއެވެ.

އެ އޮޑިޓާ އެއްގޮތަށް 1،000 ޖާގައިގެ އިތުރު 10 ސްކޫލް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށާއި އަމާޒަކީ 2022 ވަނަ އަހަރު އެ ސްކޫލްތައް ނިންމުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް