ތިންވަނަ ފަރާތަކުން ގޭސް ގެންނަނީ އެކަށީގެންވާ ވަސީލަތް ނެތުމުން: މޯލްޑިވް ގޭސް

ކޮމިޓީގައި މޯލްޑިވް ގޭހުެގ އިސްވެރިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ތިންވަނަ ފަރާތެއް މެދުވެރިކޮށް، އަގު ބޮޑުކޮށް ގޭސް ގަންނަ ޖެހެނީ މޯލްޑިވް ގޭސްގައި ސްޓޯރޭޖަށް އެކަށީގެންވާ ޖާގަ ނެތުމާއި، ބައެއް އެހެނިހެން ދަތިތަކެއް ކުރިމަތިވާތީ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން ގޭށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގަމުންދާ ކަމަށް ތުހުމަތުކުރާ ސިއްރު ސިޓީއަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގައި ކޮމިޓީން މީގެ ކުރިން ވަނީ ތިންވަނަ ފަރާތެއް މެދުވެރިނުކޮށް، ގޭސް އުފައްދާ ކުންފުނިން ގޭސް ގަތުމަށް އެކުންފުންޏަށް އަންގާފައެވެ.

އެ މައްސަލައިގައި މޯލްޑިވް ގޭސްގެ ވެރިން ކޮމިޓީއަށް މިއަދު ހާޒިރުކުރި އިރު، މެމްބަރުންގެ ސުވަލުތަކަށް ޖަވާބު ދެއްވަމުން ކުންފުނީގެ ފައިނޭންސް މެނޭޖަރު އަހްމަދު ރަމީޒު ވިދާޅުވީ ސީދާ މެނުފެކްޗަރާ (ގޭސް އުފައްދާ ކުންފުނި) އަތުން ގޭސް ގަތުމުގައި ދަތިތަކެއް އެ ކުންފުންޏަށް އެބަހުރި ކަމަށެވެ. އެގޮތުން ޝެލް ކުންފުނިން ކުރިން އަގުހެޔޮކޮށް ގަންނަމުން އައި ގޭސް، އޭރު ދިމާވި ސަބަބުތަކަކާ ހުރެ ތިންވަނަ ފަރާތެއް މެދުވެރިކޮށްގެން ގަންނަން ޖެހުނީކަމަށް ވިދާޅުވިއެވެ.

"އެއް ސަބަބަކީ، ޝެލް ބޭނުންވާ ވަރަށް އިންޓަނޭޝަލް ސްޓޭންޑަޑް ޕޯޓެއް އަޅުގަނޑުމެންގެ ނީދޭ. ދެން ޝެލްގެ ބޯޓު ކައިރިކުރާނަމަ އަޅުގަނޑުމެން ބޭނުން ކުރަން މިޖެހެނީ އެސްޓީއޯގެ ޓަގުބޯޓު އެކަނި. ޓަގުބޯޓުވެސް އަބަދު ލިބޭކަށް ނޯވޭ އެ ދުވަސްވަރު. ތިންވަނަ ސަބަބަކީ ވަރަށް އުދަގޫ ޝެލްއާ ނެގޯޝީއޭޓު ކުރަން،" ކުރީގެ މޭނޭޖްމަންޓުން ފޯރުކޮށްދީފައިވާ މައުލޫމަތުގެ އަލީގައި ޝެލްއިން ގޭސް ގަތުން ހުއްޓާލި ސަބަބުތައް ހާމަކޮށް، ރަމީޒު ވިދާޅުވިއެވެ.

ފައިނޭސް މެނޭޖަރު ރަމީޒު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ސީދާ މެނުފެކްޗަރާ އަތުން ގަންނަ ދަތިތަކެއް އެބަހުރި ކަމަށް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަމީޒު ވިދާޅުވީ، ޝެލްއާއެކު ވިޔަފާރި ކުރި އިރު، ބޭރުގެ ފައިސާވެސް ލިބުން ދަތި ކަމަށާއި ޕޭމަންޓް ލަސްވާއިރު ޝޭލްއިން "ވަރަށް ބޮޑަށް ތުރެޓު"ތަކެއް ކުރަމުން ދިޔަ ކަމަށެވެ.

ރަމީޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކިނބިދޫ ދާއިރާ މެމްބަރު އަހްމަދު ނާޝިޒު ވިދާޅުވީ، އެ ސަބަބުތައް ގަބޫލު ނުކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް 2.9 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބޭއިރު، ބަޔަކާއެކު ވިޔަފާރި މުއާމަލާތެއް ހިންގުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އޭގެ ވޭން، އާންމު ރައްޔިތު މީހާ ބޮލުގައި އެޅުވުން ގަބޫލު ނުކުރެވޭ ކަމަށެވެ.

https://sun.mv/125527

"2.9 މިލިއަން ޑޮލަރުން ބަލައިރު 10 ކިލޯގެ ފުޅިއަކުން 20 ރުފިޔާ އެބަޖެހޭ އިތުރުވި ފައިސާއިން. އެހެންވީމަ އެވަރުގެ ނިންމުމެއް ނިންމަން ޖެހުނީ ތި ވިދާޅުވި ބޭސިސްއިން ކަމަށް ވާނަމަ، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ތީ ޖަސްޓިފައިޑް ރީޒަން އެއް ކަމަށް،" ނާޝިޒު ވިދާޅުވިއެވެ.

ރަައީސުލްޖުމްހޫރިއްޔާ އޮފީހަށް ލިބުނު ކޮރަޕްޝަނުގެ ޝަކުވާއަކާ ގުޅިގެން މައްސަލަ ބަލައި ނިމެންދެން މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރު ޝަޒައިލް ޝިޔާމް ހުންނެވީ ސަސްޕެންޝަނުގައެވެ.

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ބައަދަލިވުން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުންފުނީގެ ޗެއާމަން އަދި ވަގުތީ ގޮތުން ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ޝިފާން ވިދާޅުވީ، ޝެލްއިން ތިލަފުށީ ބޭރުގައި އޮޕަރޭޓުކުރަމުން އައި އިރު، ފްރައިޓް ޗާޖަކަށް ނަގަމުން އައީ 120 ޑޮލަރު މެޓްރިކް ޓަނު ކަމަށެވެ. ނަމަވެސް މިހާރު ގަންނަ ތިންވަނަ ފަރާތް ކަމުގައިވާ "ތްރީޑީއެޗް" ކިޔާ ކުންފުނީގެ ފްރައިޓް ޗާޖަސްގެ ގޮތުގައި ނަގަމުން އަންނަނީ އެވަރޭޖްކޮށް 280 ޑޮލަރު ކަމަށެވެ.

މޯލްޑިވް ގޭސް އުފެދުނީއްސުރެ އެ ކުންފުނީގެ ބޯޑުގައި އިންނަވާ ޝިފާން ވިދާޅުވީ، އެ ކުންފުނި ފެށިގެން އައި އިރު ސައުދީ އަރަމްކޯއާއި އޮމާން ޓްރޭޑިން ފަދަ ކުންފުނިތަކާ ވާހަކަދެއްކި ކަމަށާއި ނަމަވެސް މޯލްޑިވް ގޭސްގެ ސްޓޯރޭޖް ކެޕޭސިޓީގެ ސަބަބުން ބޮޑެތި ކުންފުނިތަކުން ދަށް ރޭޓުގައި ޝިޕްކޮށްދޭން ބޭނުން ނުވީ ކަމަށެވެ.

އަދި ތްރީޑީ އެޗް ކުންފުނި އައީ އެހިސާބުން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝީފާން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ ބޮޑެތި ކުންފުނިތަކުން މިހާރު އެދެނީ މޯލްޑިވް ގޭހުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ގޭސް ގަތުމަށް ކަމަށެވެ. އަދި ބޮޑެތި ކުންފުނިތަކުން މި ސަރަހައްދަށް ގޭސް ވިއްކަނީ އެންމެ މަދުވެގެން 6،000 ޓަނުގެ ޝިޕްމަންޓުން ކަމަށާއި ނަމަވެސް މޯލްޑިވް ގޭހުގެ ސްޓޯރެޖް ކެޕޭސިޓީއަކީ 1،100 ޓަނު ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގޭސް ގަތުމާ ބެހޭގޮތުން ކުންފުނީގެ ބޯޑުން ގޮތް ނުނިންމާ ކަމަށާއި، ބޯޑުގެ ދައުރަކީ ކޮންމެ މަހެއްގެ މާލީ ހާލަތު މަޝްވަރާކުރުން ކަމަށެވެ. އަދި އެތަކެތި ފޮނުވަނީ މޯލްޑިވް ގޭހުގެ ބެލެނިވެރި އެސްޓީއޯއަށް ކަމަށެވެ.

"އެސްޓީއޯގެ އިސްޓްރަކްޝަނަށް ދެން ބަދަލެއް ގެންނަވާ ނަމަ ބަދަލެއް ގެންނަވަނީ. 2017 ގައި ދެ ބުރެއްގެ މަތިން ގޭސް އަގު ހެޔޮ ކުރީވެސް އެސްޓީއޯގެ އިންސްޓްކްޝަނަކަށް،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ވަގުތު ވަގުތަށް ޑައިރެކްޓް ސަޕްލައިޔަރަށް ބަދަލުކުރަމަކީ ދަތި ކަމެއް ކަމަށާއި އެކަމާ ގުޅޭގޮތުން އެސްޓީއޯއާއެކު ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

މޯލްޑިވް ގޭހުގެ ޕްރޮކިއުމަންޓް މެނޭޖަރު ހުސައިން އާޒިމް ވިދާޅުވީ ތިންވަނަ ފަރާތަކުން ގޭސް ގަތުމަށް ނިންމެވީ ކުރީގެ މެނޭޖިންގް ޑިރެކްޓަރާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ކަމަށާއި، އޭގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއިން ބަލަމުންދާ އިރު، ކުންފުނީގެ ޗެއާމަން ޝިފާން ވިދާޅުވީ ކޮރަޕްޝަން ހިމެނޭކަން އެނގޭނީ މައްސަލަ ބަލައި ނިމުމުން ކަމަށާއި އޭރުން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅާނެ ކަމަށެވެ.

ކޮމިޓީގެ މެމްބަރުން މިއަދު ވަނީ، މޯލްޑިވް ގޭސްގެ ސަޕްލަޔަރު މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އެދިފައެވެ.އޭގެ ތެރޭގައި ކުންފުނީގެ ބައެއް ޔައުމިއްޔާތަކާއި ޝެލް ކުންފުންޏާއެކު ދައްކާފައިވާ ވާހަކަތައް ހިމެނެއެވެ.

comment ކޮމެންޓް