ވެލްނެސް އެންބަސަޑަރަކަށް މުއީނާއާއި މަރީ ހަމަޖައްސައިފި

ވެލްނެސް އެމްބަސަޑަރަކަށް ހަމަޖެއްސި މުއީނާއާއި މަރީ މިއަހަރު ނޭޕާލުގައި ބޭއްވި އައިއޯއައިޖީގައި ވާދަކުރަނީ --- ފޮޓޯ// އެމްއޯސީ

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ދާދި ފަހުން ހަމަޖެއްސި ބޮލީވުޑްގެ ތަރި ސުނިލް ޝެޓީއާ އެކު މަސައްކަތް ކުރުމަށް ކުރީގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާއާއި ގައުމީ އަންހެން މެރަތަންގެ ރެކޯޑް ހޯލްޑަރު މަރިޔަމް އަބްދުލްކަރީމް (މަރީ) ވެލްނެސް އެންބަސަޑަރުންގެ ގޮތުގައި ހަމަޖައްސައިފި އެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ނަމޫނާ ދައްކާފައިވާ މުއީނާއާއި މަރީ ވަނީ ވެލްނެސް އެމްބަސަޑަރުގެ މަގާމަށް ހަމަޖައްސާފައި ކަމަށެވެ. އަދި މި ދެ މީހުން މަސައްކަތް ކުރާނީ ފިޓްނަސް އެމްބެސަޑަރަކަށް ހަމަޖެއްސި ސުނިލްއާ އެކު ކަމަށެވެ.

ރާއްޖެއަކީ "ފިޓާ ނޭޝަން" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައި ވަނީ ރާއްޖޭގައި އެކަމަށް ގާބިލު އެތައް ބަޔަކު ތިއްބާ ސުނިލްއަށް އެ މަގާމު ދިނުމުންނެވެ.

ސުނިލްގެ ދަށުން މަސައްކަތް ކުރުމަށް މިއަދު ވެލްނެސް އެންބަސަޑަރުންގެ ގޮތުގައި ހަމަޖެއްސި މުއީނާއާއި މަރީ އަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ދެ ފަރާތެވެ.

އެގޮތުން މުއީނާ އަކީ ޓޭބަލް ޓެނިހުން ރާއްޖެ ހޯދި ބޮޑެތި ކާމިޔާބީތަކުގައި އިސްދައުރެއް އަދާ ކުރި އެކަކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީޓީ ޓީމަށް ކުޅެ ރަންވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން މުއީނާ ވަނީ އޭނާ ކުޅުނު އެންމެ ފަހު މުބާރާތް ކަމަށްވާ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ގުރޫޕް ޓީޓީ އިވެންޓުގެ އަންހެން ބައިން ރަން މެޑަލް ހޯދައިފަ އެވެ. އަދި އެ ގޭމްސްގެ ޑަބަލްސް އިވެންޓުން އޭނާ ވަނީ ރިހި މެޑަލް ވެސް ހޯދައިފަ އެވެ.

މުއީނާ އަންނަނީ ޓީޓީ ކުޅުމުން ރިޓަޔާ ކުރި ފަހުން ވެސް ގައުމީ އެކި އެކި ކުޅިވަރުތަަކަށް ޙިދުމަތް ކުރަމުންނެވެ. އޭނާގެ އިތުރުން ވެލްނެސް އެންބަސަޑަރެއްގެ ގޮތުގައި ދެން ހަމަޖެއްސި މަރީ އަކީ ވެސް ދުވުމުން ރާއްޖޭގެ ރެކޯޑް އަހަރަކަށް ފަހު އަހަރެއް މުގުރާލަމުން އަންނަ އެތުލީޓެކެވެ.

އެގޮތުން އޭނާ ވަނީ މިއަހަރު ބޭއްވި މެރަތަންއެއްގައި ވާދަކޮޑް އަންހެނުންގެ ފަސް ކިލޯމީޓަރު ރޭހުގައި މިދިޔަ އަހަރުގެ މި ރޭހުގައި އޭނާ 20:47 މިނެޓުން ދުވެ ހެދި ގައުމީ ރެކޯޑުގެ ޓައިމިން އަށް ވުރެ އަވަހަށް، 20:14 މިނެޓުން ނިންމައި ރެކޯޑް އައު ކޮށްފަ އެވެ.

comment ކޮމެންޓް