ނައިފަރު ހައުސިން ޔުނިޓުތަކުގެ އެއްބަސްވުން ބާތިލުކޮށް، އަލުން ބިޑަށް ހުޅުވާލަނީ

ޅ. ނައިފަރުގެ އޭރިއަލް ފޮޓޯއެއް --- ފޭސްބުކް ފޮޓޯ: ޖޭއާރް ރާއޯ

ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށްޓަކައި ހައުސިން މިނިސްޓްރީއާއި ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު އަލުން ބިޑަށް ހުޅުވާލަން ނިންމައިފި އެވެ.

އެ މަޝްރޫއުއާ ހަވާލުވާނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލީ 7 މެއި 2019 ގައެވެ. ބިޑަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރުުން ޑަބްލިއު އެންޑް އޭ އޯވާސީސް ޕްރައިވެޓް ލިމިޓެޑަށް ހައުސިން މިނިސްޓްރީއިން މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 10 ޖުލައި 2019ގަ އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނިީ އެ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ އެ އެއްބަސްވުން ބާތިލުކޮށް މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ހައުސިން މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށެވެ. ހައުސިން މިނިސްޓްރީއިން މިހާރު ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެ މަޝްރޫއު އަކީ ބީލަމުގެ އުސޫލުން އިއުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށްވާއިރު، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ "ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ" ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވެ އެވެ.

ޑަބްލިއު އެންޑް އޭއަށް ދޫކޮށްފައިވާ ރަޖިސްޓްރީ 20 އޮގަސްޓް 2019ގައި ޕްލޭނިން މިނިސްޓްރީއިން ވަނީ ބާތިލުކޮށްފަ އެވެ. އެހެންކަމުން، މިހާރު އެ ކުންފުނީގެ ޝަރުތުހަމައެއް ނުވެއެވެ. އެހެންކަމުން، ހައުސިން މިނިސްޓްރީއިން އެކަމުގައި އޭޖީގެ ލަފަޔަކަށް އެދުނީ އެވެ.

އޭޖީއިިން ދިން ލަފާގައި ބުނީ، ޑަބްލިއު އެންޑް އޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާތީ އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލު ކުރަން ޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫއު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް އެ އޮފީހުން ލަފާ ދިނެވެ.

ޕްލޭނިން މިނިސްޓްރީއިން ޑަބްލިއު އެންޑް އޭގެ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށް ބުނެއެވެ. އެ ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސް ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލު ކުރުމުން، އެކަމުގެ ބަދަލެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭތީ މިފަހުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިހާތަނަށް މި ސަރުކާރުގައި އެގޮތަށް ބާތިލުކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އެއް ބިލިއަން ރުފިޔާ ދައްކަން ވަނީ ޖެހިފަ އެވެ.

comment ކޮމެންޓް