ލަންޑަނުގެ ބަސްތަކުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދިޔަ ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ

ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެ ސިޓީގެ ބަސްތަކުގައްޔާއި ބަސް ސްޓޭޝަންތައް އަދި ވޯޓާލޫ ޓްރެއިން ސްޓެޝަނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްފި އެވެ.

ލަންޑަނުގެ ބަސްތަކާއި ބަސް ސްޓޭޝަންތަކުގައި އަދި ޓްރެއިން ސްޓޭޝަންގައި ރާއްޖޭގެ ހިތްގައުމު މަންޒަރުތައް ފެން ފޮޓޯތަކާ އެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ކެމްޕެއިން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 އިން މިމަހުގެ ހަޔަކަށެވެ.

ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދިޔަ ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ލަންޑަނުގައި ކުރިއަށްގެން ދިޔަ މި ކެމްޕެއިނާ އެކު 94.4 މިލިއަން މީހުންނަށް ރާއްޖޭގެ ރީތިކަން ފެންނާނެ ކަމަށެވެ.

މި އިޝްތިހާރުތަކުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކައި ފަޅުތައް ފެންނާނެ ފޮޓޯތައް ދައްކާލާފައިވެ އެވެ. މި ކެމްޕެއިން ކުރިއަށް ގެންގޮސްފައި ވަނީ ފްރާންސްގެ އެޑްވަޓައިޒިން ކުންފުންޏެއް ކަމަށްވާ ޖޭސީޑެކޯ އާއި ގުޅިގެންނެނެވެ.

މި ކެމްޕެއިނާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި އިނގިރޭސިވިލާތަކީ މުހިއްމު މާކެޓެއް ކަމަށާއި ލަންޑަނުގައި ކުރިއަށްގެން ދިޔަ މި ކެމްޕޭނާ ޢެކު އެ ގައުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 83،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 10.5 ޕަސެންޓު އިތުރު އަދަދެކެވެ.

comment ކޮމެންޓް