ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީ: ކައިރި އަދި ދުރު ރާސްތާ ޕްލޭނެއް ހަދަނީ

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން ގައުމީ ފުޓުބޯޅަ ޓީމާއި ބައްދަލު ކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި ފުޓުބޯޅާ އެސޯސިއޭޝަނުގެ އެކްސްކޯއަށް ލަފާ ދިނުމަށް ދާދި ފަހުން އެކުލަވާލި ކޮމިޓީގެ މަސައްކަތް ފަށައި، ކައިރި އަދި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަށް ކުރަން ޖެހޭ ދިރާސާ ކުރުމާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި ގައުމީ ޓީމާ އެކު ކޮމިޓީގެ މެމްބަރުން ވަނީ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ފުޓުބޯޅަ މުޅި އާއިލާ ވެސް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކުލަބުތަކުގެ މެނޭޖަރުންނާއި ކުޅިވަރު ނޫސްވެރިންގެ އިތުރުން ފުޓުބޯޅައިގެ ބައެއް ހިދުމަތްތެރިން ހިމެނެ އެވެ.

ޖެހިގެން އައި ދުވަހު ކޮމިޓީން ވަނީ ރަސްމީކޮށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އިސްވެރިންނާއި ސްޕޮންސަރުން އަދި ކުޅިވަރު ނޫސްވެރިންނާއި ކޮމިޓީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ވަނީ ކޮންފަރެންސެއް ބާއްވައިފަ އެވެ.

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން ގައުމީ ފުޓުބޯޅަ ޓީމާއި ބައްދަލު ކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ

މި ކޮންފަރެންސްގައި ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުގެ މަގާމު ފުރުއްވަމުން އަންނަ ކޮމިޓީގެ ޗެއާމަން އަދި އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރްފަތު އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އެވެ. އެ ދުވަހުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައި ނުގަންނަވަނީ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ އެވެ.

އެދުވަހުގެ ކޮންފަރެންސްގައި ކޮމިޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތަކާއި ކުރިއަށް ގެންދާނެ ގޮތްތަކުގެ މައްޗަށް އަލި އަޅުވާލަމުން އަލީ ވަހީދު ވިދާޅުވީ ފުރަތަމަ ކަމަކަށް ބޭނުންވަނީ ވަގުތީ، އަދި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށެވެ. އަދި އޭނާ ވަނީ ގައުމީ ޓީމުގެ ކުރި އެރުމަށް 23 ކަމެއް ހިއްސާ ކުރާކަން ފާހަގަ ކުރައްވާ އެކަންކަމަށް އަލި އަޅުވާލައިފަ އެވެ.

https://sun.mv/126030

ވަގުތީ ޕްލޭން

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ފުޓުބޯޅައަށް ވަގުތީ ގޮތުން ގެނެވެން ހުރި ބަދަލުތަކެއް ގެނައުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީން ދިރާސާތަކެއް ކޮށް ޓީމުގެ ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ކުރުމަށްފަހު އަންނަ މަސް ފެށެން ވާއިރަށް ވަގުތީ ޕްލޭން އެކުލަވާލާނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދު ވިދާޅުވީ، މިވަގުތު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލަނީ ވޯލްޑް ކަޕު ކޮލިފައިންގައި ރާއްޖޭގައި ކުޅެން އޮތް ދެ މެޗު ކާމިޔާބު ކުރުން ކަމަށެވެ. އެހެން ކަމުން ވަގުތީ ޕްލޭންގެ އެންމެ ބޮޑު އަމާޒަކަށް ހަދާނީ އެ މެޗު ކާމިޔާބު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެކަމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވަނީ ރާއްޖޭގައި ނެތިފައިވާ ސަޕޯޓަރުން އަނބުރާ ދަނޑަށް ވެއްދުން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ހިންގާ ދަނޑަށް ވެއްދޭނެ ވަރަކަށް ސަޕޯޓަރުން ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންދާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ގަލޮޅު ދަނޑުގެ ރޮސްޓްރަމް ކުރިމަތީގައި އޮންނަ ސިޑިބަރި، އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ދިރާސާކޮށް އެތަނަށް ސަޕޯޓަރުން ވެއްދޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަދި މެޗުގެ ކުރިން ދަނޑާ ދިމާލުގެ މަޖީދީ މަގު ބަންދުކޮށް ކުރީގެ ބައެއް ކުޅުންތެރިންނާ އެކު ޝޯ އެއް ގޮތަށް ބޮޑު ހަފްލާއެއް ބާއްވައި އެންމެންގެ ތެރޭގައި ގައުމީ ޖޯޝު އައު ކުރަން ވެސް ވިސްނާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރި އެވެ. އަދި މީގެ ފަހުން ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިން ކިއު ޖެހިގެން ޓިކެޓު ނަގަން ނުޖެހޭނެ ކަމަށާއި ކުޅުންތެރިޔާއާއި އާއިލާއަށް ހާއްސަކޮށްގެން ވަކި ގޮނޑިތަކެއް ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މެޗު އޮންނާނެ ކަން އިއުލާން ކުރުމުގެ ގޮތުން ގައުމީ ޓީމުގެ ފޮޓޯއާ އެކު މާލޭ އެކި ސަރަހައްދުތަކުގައި 23 ބިލް ބޯޑެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އިދާރާ ތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް މެޗުތަކަށް ރަސްމީ ދައުވަތު ފޮނުވާނެ ކަމަށާއި، ކުރިއަށް އޮތް ދެ މެޗަށް ޓިކެޓު ނެގުމަކާ ނުލައި މީހުން ވެއްދުމާ ބެހޭ ގޮތުން އެފްއޭއެމާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ދުރު ރާސްތާ ޕްލޭން

ފުޓުބޯޅައިގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަކީ އެފްއޭއެމުން ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކަންތަކެވެ. ނަމަވެސް މިވީހާ ތަނަށް ވެސް އެކަށީގެންވާ ޕްލޭނެއް އެކަމަށް އެކުލަވާލާފައި ނެތުމުގެ ނަތީޖާ އަކީ ކަން ކަން ކުރަން ޖެހޭ ދުވަހަށް ކަން ކަން ނުނިމި އެކަށީގެންވާ ނަތީޖާތަކެއް ޓީމުތަކަށް ވެސް ނުނެރެވުމެވެ.

އެހެން ނަމަވެސް ގައުމީ ޓީމަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީގެ އެންމެ ބޮޑު އެއް އަމާޒަކީ އަންނަ އަހަރު ފެށުމުގެ ކުރިން ކުރިއަށް އޮތް 20 އަހަރުގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށް އެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ފުޓުބޯޅަ ދެން ކުރިއެރުވޭނީ މާލޭގައި މިއޮތް ގައުމީ ފުޓުބޯޅަ ލީގު އަތޮޅުތެރެއަށް ނެރި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅެވިގެންނެވެ. އެހެން ކަމުން ކުރިއަށް އޮތްތާ ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ކުޅުންތެރިއަކު ނިސްބަތްވާ ޓީމަކާ އެކު ކުރިއަށް ދެވޭނެ މަގު ތަނަވަސްވެގެން ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަދި ދުރު ރާސްތާ ޕްލޭންގެ ތެރޭގައި ދަނޑުތައް ތަރައްގީ ކުރުމާއި، އޮފިޝަލުންނާއި ރެފްރީން އަދި ކުޅިވަރު ނޫސްވެރިންވެސް ތަމްރީން ކުރުމުގެ ޕްރޮގުރާމުތަކެއް ހިންގާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކުލަބުތަކަށް ސްޕޮންސަރުން ހޯދުމާއި ސަރުކާރުން ދެމުން އައި ތިން މިލިއަން ރުފިޔާގައި ނުޖެހި އަމިއްލަ ފައި މައްޗަށް ތެދުވެ ޕްރޮފެޝަނަލް ކުލަބުތައް ހިންގާ އުސޫލުތަކަށް ކުލަބުތައް ހިންގޭނެ ގޮތްތައް ތަނަވަސްކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް