ދަ ގްރާންޑޭ ބަލިކޮށް އީގަލްސްއިން މާޒިޔާއާ ދެމެދު ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

ދަ ގްރާންޑޭއާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-4ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އީގަލްސް --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ބަލިކޮށް، އީގަލްސްއިން އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މިފަހަރުގެ ލީގަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭ އެމީގޯސްގެ މައްޗަށް އީގަލްސްއިން ރޭ ކުރި ހޯދީ 2-4ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު އީގަލްސް މިވަގުތު ތާވަލުގެ ދެވަނާގައި އޮތީ 11 މެޗު ކުޅެ 21 ޕޮއިންޓާ އެކު އެވެ. މީގެ ދެ މެޗެއް ކުރިން ފަސް ޕޮއިންޓުގެ ލީޑެއްގައި އޮތް މާޒިޔާ އެއްވަނާގައި އޮތީ 10 މެޗު ކުޅެ 23 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ 10 މެޗު ކުޅެގެން ލިބުނު 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

އީގަލްސް ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި މާޒިޔާ ބަލިކޮށް އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ. މާޒިޔާ މި ސީޒަނުގައި ބަލިކުރެވުނު ހަމައެކަނި ޓީމުގެ ގޮތުގައި ރޭގެ މެޗަށް އެ ޓީމުން ނުކުތީ ހަމަ އެ މެޗުގެ ސްކޮޑާ އެކު އެވެ.

ދަ ގްރާންޑޭއާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-4ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އީގަލްސް --- ފޮޓޯ// އެފްއޭއެމް

މެޗު ފެށިގެން އީގަލްސް އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި އެ ޓީމުން ވަނީ ހަތަރު ގޯލު ފައްޗަކަށް ޖަހައި ދަ ގްރާންޑޭއަށް ކޮންޓްރޯލް ގެއްލުވާލައިފަ އެވެ. އެހެން ކަމުން ދެވަނަ ހާފުގައި އެ ޓީމުން އިތުރު ގިނަ ގޯލުތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ.

އީގަލްސްއަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އާއި އަހްމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ވެސް ވިދިވިދިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ. އޭނާ އަންނަނީ މި ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ. ނަމަވެސް ގައުމީ ޓީމު ޕްރެކްޓިހަށް އުޒުރެއް ނެތި ހާޒިރުވެފައި ނުވުމުން އޭނާ ވަނީ ޖޫރިމަނާއާ އެކު ގައުމީ ޓީމުން ވަކިކޮށްފަ އެވެ.

އީގަލްސްގެ ގޯލު ޝީޓުން ޖާގަ ހޯދުމަށް އަލީ ފާސިރު (ސެންޓޭ) އަށް ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި އިރު ބޯޅަ އަމާޒުވީ ދަނޑި އަށެވެ. އޭނާ އަކީ ވެސް ގައުމީ ޓީމުގެ ޕްރެކްޓިހަށް ހާޒިރު ނުވުމުން ޖޫރިމަނާ ކޮށް ޓީމުން ވަކި ކުރި ކުޅުންތެރިއެކެވެ. ނަމަވެސް އެކަމުގެ ސަބަބުން ސެންޓޭ އަދި ރިޒޭގެ މެންޓާލިޓީއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.

ފުރަތަމަ ހާފުގައި އީގަލްސް ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ދެވަނަ ހާފުގައި ވެސް ގިނަ ގޯލުތަކެއް އެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. ދަ ގްރާންޑޭގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ގޯލު އެ ޓީމުން ވަނީ އީގަލްސް ކޮޅަށް ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ކާމިޔާބުކުރި އިރު ދެ ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

comment ކޮމެންޓް