ރާއްޖޭގެ ދާހިލީ ކަންކަމަށް ޝަހީމް ފާޑުވިދާޅުވާތީ މަޖިލީހަށް މައްސަލައެއް

ޑރ. ޝަހީމް: އޯއިސީގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރެއްގެ މަގާމްގައި ހުންނަވައި ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވާ މައްސަލަ އަންނަނީ ބަލަމުން -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސިޓީއަކުން އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އޯގަސްޓް 19 ވަނަ ދުވަހު އަލީ އާޒިމް، މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވާފަ އެވެ.

"އެފަދައިން ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު އެ ވިދާޅުވަނީ އޯއައިސީގެ ސެކްޓްރީ ޖެނަރަލްގެ ވިދާޅުވުމަކަށްތޯ ބައްލަވައި ދެއްވުމަށް އިއްޒަތްތެރި މެންބަރު މި ވަނީ އެދިވަޑައިގަތް މަޖިލީހަށް ސިޓީފުޅެއް ފޮނުވާފައި،" އަލީ އާޒިމް ފޮނުއްވި ސިޓީ އިއްވަވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ސިޓީ ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަން އެ ކޮމެޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލަ ބެއްލެވުމަށްފަހު ކޮމެޓީން ދެކޭ ގޮތް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް މުގައްރިރާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް