ވާދަވެރި ޔުނައިޓެޑާ އެއްވަރުވުމުން ލިވަޕޫލަށް ރެކޯޑު މުގުރާ ނުލެވުން

މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ވަނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެފައި. --- ފޮޓޯ// އޭޕީ

ލިވަޕޫލުން ދަމަހައްޓަމުން އައި އިނގިރޭސި ޕްރިމިއާ ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އައުމުގެ ރެކޯޑަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ނިމުން ގެނެސްފިއެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ލިވަޕޫލުން ދަމަހައްޓަމުން އައި ހުރިހާ މެޗަކުން މޮޅުވަމުން އައުމުގެ ސިލްސިލާއަށް ނިމުން އައި ނަމަވެސް އެ ޓީމު އަދިވެސް އޮތީ އެއްވަނައިގައެވެ. މިރޭގެ ނަތީޖާއާއެކު ކުޅުނު ނުވަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތް އިރު ޔުނައިޓެޑް އޮތީ ދިހަ ޕޮއިންޓާ އެކު 13 ވަނައިގައެވެ.

މިރޭގެ މެޗުން މޮޅުވެގެން ޕްރިމިއާ ލީގުގެ ބޮޑު ރެކޯޑެއް މުގުރާލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. އެއީ ވިދިވިދިގެން އެންމެ ގިނަ މެޗުން މޮޅުވަމުން އައުމުގެ ރެކޯޑެވެ. އެ ރެކޯޑު މިވަގުތު އޮތީ މެންޗެސްޓާ ސިޓީ އަތުގައެވެ. އެ ޓީމުން ވަނީ 2017-2018 ވަނަ ސީޒަނުގައި ވިދިވިދިގެން 18 މެޗުން މޮޅުވެފައެވެ. ލިވަޕޫލް މިރޭގެ މެޗަށް ނުކުތީ 17 މެޗުން މޮޅު ހޯދައިގެންނެވެ. ނަމަވެސް މިރޭގެ މެޗުން އެއްވަރުވުމުން ލިވަޕޫލަށް ވަނީ އެ ރެކޯޑް މުގުރާލެވޭ ގޮތް ނުވެފައެވެ.

ގިނަ އަނިޔާތަކެއްގެ ސަބަބުން ޔުނައިޓެޑް މިރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. ފަހަކަށް އައިސް އެ ޓީމުން ދައްކަމުން އަންނަ ދަށް ކުޅުމާއެކު ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާއަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި އޮތް ނަމަވެސް މިރޭގެ މެޗުގައި އެ ޓީމުން ވަނީ އުންމީދީ ކުޅުމެއް ކުޅެފައެވެ. އެ ޓީމަށް މެޗުން ލިބެން އޮތް މޮޅު ގެއްލުނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާކަސް ރަޝްފޯޑް ޖެހި ގޯލާއެކު ޔުނައިޓެޑުން ހިތްވަރާއެކު ކުޅެމުން ދަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ފަސް ވަރަކަށް މިނަޓަށް ވެފައި ވަނިކޮށް އެޑަމް ލަލާނާއެވެ.

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ކުޅެފައި ނުވާ އިރު އެ ޓީމަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ ގޯލެއް ޖެހުމުގައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ހަލުވި ދެ ފޯވާޑުން ހިފެހެއްޓުމުގައި ލިވަޕޫލްގެ ޑިފެންޑަރުން މިރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

comment ކޮމެންޓް