ބަޔަކު ދަނީ އެމްޑީއެން ރިޕޯޓު މައްސަލައިގެ ނާޖާއިޒު ފައިދާ ނަގަމުން: ފުލުހުން

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ހިލާފު، އަދި ރަސޫލާއަށް ފުރައްސާރަކޮށްފައި ލިޔުންތަކެއް ހުރި މައްސަލަ ފުލުހުނ ބަލަމުންދާ އިރު، އެ ރިޕޯޓުގެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި އެންމެ މަތީ މަސްލަހަތާވެސް ގުޅިފައިވާ ކަމެއް ކަމަށާއި، ނަމަވެސް އެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ކޮށް، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރަމުން އަންނަކަން ދަނީ ފާހަގަކުރެވެމުންނެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އަދި ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅވިެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ އެކަމާ ފުލުހުން ކަންބޮޑުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ރަށްރަށުގައި މުޒާހަރާވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިން މެރުމަށް އެފަދަ މުޒާހަރާއެއްގައި ގޮވަލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނައާއި ނަފުސަށް ގެއްލުން ދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި ސާވިސްއިން އިލްތިމާސްކުރަމުނެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވައި، ރައްޔިތުންގެ ނަފުސާއި މުދާ ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

https://sun.mv/126059

ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނާ ހިލާފު ވާހަކަދައްކައި، އާންމުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ހުރި މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި ހިމެނޭ އެފަދަ ވާހަކަތައް ފާހަގަކޮށް ތަފްސީލީ ދިރާސާއެއް، ދީނީ ތިން އިލްމުވެރިއެއް މެދުވެރިކޮށް ވަކިވަކިން ހަދަމުންދާ ކަމަށާއި، އެ ރިޕޯޓު ނިމުމުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައިއިދާރީ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް