މީހުން މަރަން ގޮވާއިރު ފިޔަވަޅު ނާޅާތީ އިމްރާނަށް އޮތް އިތުބާރު ގެއްލިއްޖެ: ނަޝީދު

ރައީސް ނަޝީދު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ އެކު --- ސަން ފައިލް ފޮޓޯ

މީހުން މެރުމަށް ބަޔަކު މީހުން ގޮވަމުން ދާ އިރު އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ރަށްރަށުގައި މުޒާހަރާ ވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިން މެރުމަށް އެފަދަ މުޒާހަރާއެއްގައި ގޮވަލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އަދި އެފަދަ ޝުއޫރުތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި ކުރު މެސެޖެއްގައި ވިދާޅުވީ އެފަދަ އަމަލުތައް ކުރާ މީހުން ސާފުކޮށް އެނގޭ އިރު ވެސް އެކަމާ ފިޔަވަޅެއް ނާޅާ ކަމަށެވެ. އެއާ އެކު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މީހުން މެރުމަށް ގޮވާ، މުޅި ރާއްޖޭގައި ބިރުވެރިކަން ފަތުރާ މީހުން ސާފުކޮށް އެނގޭ އިރު، އެކަމަށް ފިޔަވަޅެއް ނާޅާކަމުން ހޯމް މިނިސްޓަރުގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެ،" ރައީސް ނަޝީދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖުގައި ވިދާޅުވި އެވެ.

އިމްރާނަށް އޮތް އިތުބާރު ނެތް ކަމަށް ރައިސް ނަޝީދު ޕީޖީ ގުރޫޕުގައި ވިދާޅުވިއިރު، މިރޭ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީހުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލާ "އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަަޅަން ޖެހޭނެ" ކަމަށެވެ.

"އިސްލާމް ދީނުގެ ނަމުގައި ކަމަށް ބުނެ، މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކުރުމަކީ، ވަރަށް ބޮޑު ގޯހެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް މިރޭ "ސަން"އަށް ވިދާޅުވީ، މީހުން މަރަން ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ފަރާތްތަކާ މެދު ފިޔަވަަޅު ނޭޅޭތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"މީހުން މަރަން ގޮވިގެން ނުވާނެ. އެމްޑީއެން އިންވެސް ގޯސްކޮށް ކަމެއް ކުރުމުން ފިޔަވަޅު އަޅަން ވީ. އެކަަމަކު މީހުން މަރަން ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ޕީޖީގައި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލުަމުންނެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، އެ އަކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ. އަދި ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް ހާޒިރުވާން ބައެއް މީހުންނަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.

އެމްޑީއެންގެ އިސްވެރިން މަރަން ގޮވައި އިންޒާރު ދެމުންދާއިރުު، ފުލުހުން މީީގެ ކުރިން ބުނެފައި ވަނީ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާ ގޮތަށް، މީހުންނަށް އެކި ޒާތްޒާތުގެ އިންޒާރުދޭ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް