ޝަރީއަތް ނިމެންދެން ބަންދުކުރާ އަމުރުތައް ރިވިއުކުރަންޖެހޭ ގޮތް ހަދައިފި

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރަކު ކުރާ އަމުރު، ޕްރޮސެކިއުޓާ ޖެނެރަލް ކޮންމެ 30 ދުވަހަކުން ރިވިއުކުރަން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ސޮއިކުރައްވައި، 2018 ޑިސެމްބަރު 31 ގައި އާންމުކުރެއްވި "ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް"އަށް މިއަދު ވަނީ އިސްލާހެއް ގެނެސްފައެވެ.

ޖިނާއީ އިޖުރާއަތުގެ ދަށުން، މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ، ނުވަތަ ޝަރީއަތް ފެށުމަށްފަހުވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ އިރު، މިފަދަ އަމުރުތަކަށް ވައްބަހުން ކިޔައި އުޅެނީ "ވާނުވާ ޖެހުން"އެވެ.

އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު"ގައި، ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ބާރުގެ ބޭނުންކުރުމުގައި އަބަދުވެސް ނަގަހައްޓަންޖެހޭ އަސާސުތަކެއް ލިޔެފައިވެއެވެ. އެގޮތުން ދައުވާ ކުރުމުން ފެށިގެން ތަހުގީގަށް މީހަކު ބަންދުގައި ބެހެއްޓުމާއި، އަދަބު ކަނޑައެޅުން އަދި އިސްތިއުނާފުކުރުމުގެ މަރުހަލާއާ ބެހޭގޮތުން އަމަލުކުރަންޖެހޭ ކަންކަން އެ ސިޔާސަތުގައި ލިޔެފައެވެ.

އޭޖީ އޮފީހުން މިއަދު އެ ސިޔާސަތަށް އިތުރުކުރި އިސްލާހެއްގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ކުރާ އަމުރު، ކޮންމެ 30 ދުވަހަކުން ޕްރޮސެކިއުޓާ ޖެނެރަލް މުރާޖާކުރަން ޖެހޭނެ ކަމަށެވެ.

އަދި ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕީޖީއަށް ފެންނަ ހާލަތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ބާތިލުކުރުމަށް ކޯޓަށް ހުށަހެޅަން ޖެހޭނެ ކަމަށާއި، އަދި މިފަދައިން ކުރާ މަސައްކަތުގެ ތަފްސީލު ބަޔާންކުރާ ހާއްސް ރިޕޯޓެއް އެކުލަވާލައި، އަހަރަކު ދެ ފަހަރު އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަމުން ގެންދަންޖެހޭނެ ކަމަށްވެސް މިއަދު އެ ސިޔާސަތަށް އިތުރުކުރި އިސްލާހުގައި ވެއެވެ.

comment ކޮމެންޓް