ކެފޭއެއްގައި ގޭސްފުޅި ގުޅަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ބަދިގެ -- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ކެފޭއެއްގައި ގޭސް ފުޅިއެއް ގުޅަން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު ހަވީރު 5:50 ގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ޗާންދަނީމަގުގައި ހުންނަ "ގްރީން މޫން ކެފޭ" ބަދިގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.

"ހާދިސާ ހިނގަން މެދުވެރިވީ، ގޭސް ހުސްވެގެން ގޭސް ފުޅި ގުޅަން އުޅުމުގެ ތެރޭގައި. އޭރު ބަދިގޭގައި ދެ ބިދޭސީން ތިބި،" މޭޖަރ އާޒިމް ވިދާޅުވިއެވެ.

އަލިފާންގަނޑު ނިއްވާލި އިރު، ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުން ލިބިނު ނަަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މާލޭގައި މިފަހުން އަލިފާނުގެ ބޮޑު ދެ ހާދިސާއެއް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި މިދިޔަ މަހު ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، ހަތް ގެއެއް އެކޮށް ތަޅާލަން ޖެހުނެވެ. އަދި އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، ޓީ ޖެޓީގައިވެސް ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ހަތަރު ބައުޒަރަކާއި ލޯންޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، ނުވަ މީހަކު ޒަހަމްވިއެވެ.

comment ކޮމެންޓް