ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތައް ހާމަކޮށްފި

ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި ރޫޓުތައް އަންގައިދޭ ޗާޓު

ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި ރޫޓުތައް އަންގައިދޭ ޗާޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އާންމުކޮށްފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ޗާޓުން ފެންނަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ކަނޑާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި ގެނެސްފައިވާ ގޮތްތަކެވެ.

އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި ގެންނަ ގައުމުތަކުގެ ގޮތުގައި 21 ގައުމެއް ޗާޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އޭޝިޔާގެ 11 ގައުމު ހިމެނެ އެވެ.

އެއީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، މެލޭޝިއާ، ތައިލެންޑް، ގަތަރު، އީރާން، ޔޫއޭއީ، ކަޒިގިސްތާން އަދި އުޒްބެކިސްތާން އެވެ.

ހަމައެއާއެކު ޔޫރަޕުގެ ފަސް ގައުމަކާއި، އެފްރިކާ ބައްރާއި އެމެރިކާ ބައްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ވެސް ޗާޓުގައިވެ އެވެ.

އެ ގައުމުތަކަކީ:

  • ނެދަލޭންޑްސް
  • ޖަރުމަން
  • އިނގިރޭސިވިލާތް
  • ސްޕެއިން
  • ބެލްޖިއަމް
  • އިތިއޯޕިއާ
  • ބެނިން
  • ޓޯގޯ
  • ބްރެޒިލް
  • ޓްރިނިޑާޑް އެންޑް ޓޮބޭގޯ

ވިޔަފާރީގެ މުއާމަލާތްތައް ހިނގާ ތަންތަނުގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ހިނގުމުގެ ފުރުސަތު ވެސް އޮންނަ ކަމަށާއި އެހެންކަމުން އެކަމާ ވަރަށް ބޮޑަށް ސަމާލުވެގެން ތިބެންޖެހޭ ކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވައިގެ މަގުން މި އަހަރުގެ މިހާތަނަށް ވެސް ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

އަދި ކަނޑުމަގުން ވެސް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހިފަހައްޓައިފައެވެ.

comment ކޮމެންޓް