މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން އެފަރާތްތަކާ ކުރާ އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ، އިންޓަވިއުގެ އިންސާފުވެރިކަމަށް އަސަރު ކުރާނެ ކަމެއް ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނެފި އެވެ.
އެހެން ބުނެފައި ވަނީ ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސަކޮށް އެކުލަވާލި ރިޕޯޓުގަ އެވެ.
ރައީސް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް މަޖިލީހަށް ފޮނުވާފައި ވަނީ ތިން ނަމެކެވެ. އެއީ:
- ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
- އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
- އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ
ކޮމިޓީއަށް ފޮނުވި ހަތަރު ބޭފުޅުންނާ ވެސް ކޮމިޓީން ވަނީ އިންޓަވިއުކޮށްފަ އެވެ.
އެ ނަންތައް ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އިންޓަވިއުއަށް ފަހުން ހާޒިރުވާ ފަރާތްތަކަށް، ކުރިން އިންޓަވިއު ކުރެވޭ ފަރާތްތަކަށް ކުރެވުނު ސުވާލުތަކާއި އެ ސުވާލުތަކަށް ދެވޭ ޖަވާބުތައް ހާމަވަމުން ދިއުމުގެ ސަބަބުން، އިންޓަވިއުގެ އިންސާފުވެރިކަމަށް އަސަރު ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަކަށް ފޮނުވާ މައްސަލަތަކުގައި، އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ކުރާ އިންޓަވިއު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލައިވްކޮށް ބްރޯޑްކާސްޓުކުރަން ލާޒިމްކުރެ އެވެ.
އޭގެ އިތުރުން ކޮމިޓީން އިންޓަވިއުކޮށް ނިމުމުން، ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވުރެ ގާބިލުކަމަށް ކޮމިޓީއަށް ފާހަގަކުރެވުނު ނަމަވެސް، އެކަން މަޖިލީހުގެ ތަޅުމަށް ހާމަކޮށްދެވޭނެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައި ނުވާ ކަމަށާއި، އެއީ ވަރަށް ބޮޑު އުނިކަމެއް ކަމަށް ކޮމިޓީއަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައިވެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، އިންޓަވިއު ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވާނީ، ކޮމިޓީގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްވާ ނަންތައް އެކަންޏެވެ.
އެހެންވުމުގެ ސަބަބުން މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް އައްޔަންކުރުމަށް ރައީސް ފޮނުއްވާ ހުރިހާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.