"ބޭން އެމްޑީއެން" ހައްދުން ނެއްޓި، މީހުން މަރައި އަންދާލަން ގޮވަނީ!

ޝަހިންދާ މަރަން ގޮވާލި މުޒާހަރާގެ މަންޒަރުތައް ފެންނަ ވީޑިއޯގެ ސްކީންޝޮޓެއް --

މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ އެއް މައްސަލައަކީ ދީނާ ހިލާފު ވާހަކަތަކެއް ލިޔެ އެމްޑީއެން ކިޔާ ޖަމިއްޔާއަކުން ރިޕޯޓެއް ނެރުނު މައްސަލަ އެވެ. ބަޔަކު ފުމެ، އެ އަލިފާންގަނޑު ބޮޑު ކުރި ވަރުން ރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާވެސް އެކަމަށް ބަސް ބުނާ ހިސާބަށް ކަންކަން ގޮސްފި އެވެ. އަދި އެ މައްސަލައިގައި އާންމު ރައްޔިތުން ޖަޒުބާތުގައި ޖައްސުވައި، ބައިބައިވާ ވާހަކަތައް ދައްކުވަން ފަށައިފި އެވެ. އެއް ބަޔަކު "ލާދީނީ"އަށް ގޮވާ އިރު އަނެއް ބަޔަކު ގޮވަނީ "ޓެރަރިސްޓަ"ށެވެ. އެކަން ހައްދުން ނެއްޓިގެން ގޮސް މިނިވަންކަމާ އެކު މީހުން މަރަންވެސް މިހާރު ދަނީ ގޮވާލަމުންނެވެ.

އެމްޑީއެންގެ މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން މިހާރު ބަލަމުން އެބަދެ އެވެ. އަދި އެ ރިޕޯޓު ދިފާއު ކުރިކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް މަރުގެ އިންޒާރުދިން ކަމަށްވެ އެވެ. އޭގެ އިތުރުން އެމްޑީއެން ޖަމިއްޔާގައި މަސައްކަތް ކުރި މުވައްޒަފުންނަށްވެސް މަރުގެ އިންޒާރު މިހާރު ލިބެމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އެކަން އެހެން އޮއްވައި، އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް މަރަން ގޮވާލައި ރަށެއްގައި އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. އެ މަންޒަރާއި އަޑުތައް ފެންނަނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ މީހުން ގޮވަމުން ދިޔައީ "ޝަހިންދާ މަރާލާ" އަދި "ޝަހިންދާ އަންދާލާ" އެވެ.

އޭގެ އިތުރުން، މިހާރު ސޯޝަލް މީޑިއާގައިވެސް މީހުން މަރަން ގޮވުން ވަރަށް ބޮޑަށް އާންމުވެއްޖެ އެވެ. އެކި ޒާތްޒާތުގެ ޕޯސްޓަރުތައް ހަދައިގެން ވަކި ބަޔަކީ މަރަން ޖެހޭ ބައެއް ކަމަށް ބުނަމުން ދަނީ ނުހަނު މިނިވަންކަމާ އެކު އެވެ. މިކަންކަން އާންމުވެ، ގައުމުގެ ދީނީ އެއްބައިވަންތަކަން ނެތެމުންދާއިރު ދީނީ އިލްމުވެރިން މާ ކަންބޮޑުވެގެން ނޫޅުއްވަ އެވެ.

އެއްވެސް ޖެހިލުމެއް ނެތި މަރުގެ އިންޒާރު ދިނުން އާންމުވެފައިވާއިރު، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މީހުން މަރަން ގޮވާލައި، ހެދުމަކީ ކީރިތި ރަސޫލާގެ ސުންނަތާ ހިލާފު ކަމެއްކަން ބައެއް މީހުން ފާހަގަ ކުރެއެވެ. އަދި އިސްލާމް ދީނުގައި ކުށް ކުރާ މީހުންނާ މެދު އަމަލު ކުރާނެ ގޮތްތަކެއް އޮތް ކަމާއި، ކޮންމެ ކަމެއް ދިމާވުމުން މީހުން މަރަން ގޮވާލުމަކީ ހައްލެއް ނޫން ކަމަށް އަނެއްބައި މީހުން ބުނެ އެވެ.

އޭގެ އިތުރުން، އާންމު އެއްވުމެއްގައި މީހަކު މަރަން ގޮވާލަން ކެރުމަކީ ދިވެހި ގާނޫނީ ނިޒާމަށް މީހުން ބިރު ނުގަންނަކަމާއި އިހްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި މަރުގެ އިންޒާރު ދޭ މީހުންނާ މެދު ފިޔަވަޅު އަޅަންވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

"ޖަޒުބާތުގައި ޖެހިގެން، ދީނުގައި ހައްދުފަަނައަޅައިގޮސް ދީނުގައި ނެތް ވާހަކަ ދެއްކުމަކީ ދީނަށް ދެވޭ ނަސްރެއް ނޫން. އެއީ ދީނަށް ކުރެވޭ ބޭއިހުތިރާމެއް،" އާންމުންގެ މީހަކު ބުންޏެވެ.

މި މަހުގެ ހަތް ވަނަ ދުވަހު، އެމްޑީއެންގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީއިން ވަނީ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް، އެ ރިޕޯޓަށް ފާޑުކިޔައިފަ އެވެ. އެކަމަކު، އެ ރިޕޯޓާ ގުޅިގެން ދީނީ އެއްބައިވަންތަކަން ގެއްލޭ ވާހަކަތައް ނުދައްކަން މިނިސްޓްރީއިން އެދުނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިންވެސް ވަނީ އެފަދަ ފިތުނަތައް އުފެދޭ ވާހަކަތައް ނުދެއްކުމަށް އެދިފަ އެވެ. އެމްޑީއެންގެ މައްސަލަ ބަލަން ނިންމާފައިވާކަން ހާމަކޮށް، އެ ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ، ގައުމުގެ އެއްބައިވަންތަކަން ގެއްލޭ ފަދަ ވާހަކަތައް ނުވަތަ "ހޭޓްސްޕީޗް"ދޭ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަހުން ސޯޝަލް މީޑިއާގައި މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ފުލުހުން ހައްޔަރުވެސް ކުރި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ކާފަރަކަށް" ހަދައި، ބޯ ބުރިކޮށްލައި އޭނާ ކަނޑުފެއްތި ވާހަކައިން މުޖުތަމައުގައި ހައްދު ފަހަނަ އެޅުން ފެތުރިފައި އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވި އެވެ. އަނެއްކާ ވެސް މި ފެންނަނީ އެކަހަލަ ކަމަކަށް މަގުފަހިވާނެ ކަންކަމެވެ. ދީނީ ކަންކަމާ ގުޅިގެން މަރުގެ އިންޒާރު ދިނުމަކީ އެއްގޮތަކަށްވެސް ކުޑަ މައްސަލައެއް ގޮތުގައި ބެލޭނެ ހާލަތެއް މިއަދަކު އަހަރުމެންގެ މުޖުތަމައުގައި ނެތެވެ.

comment ކޮމެންޓް