ފުށިދިއްގާގައި ބިދޭސީން ގެންގުޅުނީ އިންސާނިއްޔަތާ ހިލާފަށް: މިނިސްޓަރު އަލީ

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

ލީސް އެގްރިމަންޓެއް ނެތި ފަތުރުވެރިކަން ކުރަމުންދިޔަ އދ. ފުށިދިއްގާގައި ބިދޭސީން ގެންގުޅެފައިވަނީ އިންސާނިއްޔަތުކަމާ ހިލާފުވާ ފަދަ ގޮތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، ފުށިދިއްގާގެ މައްސަލައިގައި މިނިސްޓްރީގެ ޓީމުތައް އެރަށަށް އަރައި ބެލި ބެލުމުން އެރަށް ބަލަހައްޓަން ތިބެނީ ގަވާއިދާ ހިލާފަށް ގެންގުޅުނު ބަންގްލަދޭޝް ބަޔަކުކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނާ މެދު އަމަލުކޮށްފައިވަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަން ފާހަގަވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެރަށުގައި ޤާނޫނާ ހިލާފަށް ބަންގްލަދޭޝްގެ ދެ ރައްޔިތުން ބަހައްޓާފައި ތިބިއިރު، އެމީހުންނާ ދޭތެރޭ ކަންތައް ވެސް ކޮށްފައިވަނީ ވަރަށް އިންސާނިއްޔަތުކަމާ ހިލާފަށް ކަން ފާހަގަކުރެވޭ. އަޅުގަނޑުމެންގެ ޓީމުތައް ރޭ އެރަށުން ފުރިއިރު އެރަށުގައި އެއްވެސް ކަހަލަ އަލިކަމެއް ވެސް ނެތް. އެރަށުގައި ޖަނަރޭޓަރެއް ވެސް ބަހައްޓާފައި ހުރޭ، އެކަމަކު އެ ބަހައްޓާފައި ހުންނަނީ ވިޔަފާރިއަށް އެ (ރަށަށް) އަރާ މީހުންނަށް ސާވް ކުރަންވާ ވަގުތަށް އެކަނި. އެމީހުން (ބަންގްލަދޭޝް ދެ މީހުން) ނިދަނީ ވެސް ފުޅިބައްތީގައި ކަނު އަނދިރީގައި ކަން ފާހަގަ ކުރަން... އެއީ އިންސާނިއްޔަތުކަމާ ހިލާފަށް ހިންގާފައި އޮތް ވަރަށް ދަށު ދަރަޖައިގެ ޖަރީމާއެއް ކަމަށް މި ދެކެނޭ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބޭއްވި ޕްރެސް --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު އަލީ އަދި ވިދާޅުވީ އެ ރަށުގައި ގަވައިދާ ހިލާފަށް ފަތުރުވެރިންނަށް ހިދުމަތް ދެމުންދިޔައީ މީގެ ކުރީގެ އެހެން މިނިސްޓްރީއެއްގެ ވަރުވާ ޑޮކިއުމަންޓެއް ދައްކައިގެން ކަމަށެވެ.

އަދި އެރަށުގައި ތިޖޫރީއެއް ބަހައްޓައިގެން ރަށަށް އަރާ މީހުން އަތުން ރަށަށް އެރުމުގެ ފީއަކާއި ޓިޕްސް ނަގާފައިވާ ކަން ރޭ އެރަށަށް ދިޔަ މިނިސްޓްރީގެ ޓީމަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ފުށިދިއްގާގައި ޤަވައިދާ ހިލާފަށް ފަތުރުވެރިކަން ހިދުމަތް ދިންކަން ފަޅާ އަރާފައިވާއިރު، އެ ރަށާ ގުޅޭ މިލްކުވެރިކަމުގެ މައްސަލައެއް ވެސް ކޯޓްގައި ކުރިއަށްދެ އެވެ.

comment ކޮމެންޓް