ހޮންކޮންގެ މުޒާހަރާތަކުގެ ސަބަބަކަށްވި މީހާ ޓައިވާނާ ހަވާލުވަނީ

މިހާރު ހޮންކޮންގެ ޖަލެއްގައި އިން ޗަން ޓޮން-ކައި ވަނީ އޭނާ އަމިއްލައަށް ޓައިވާނުގެ ފުލުހުންނާ ހަވާލު ވާނެ ކަމަށް ބުނެފަ ފޮޓޯ: އެސްސީއެމްޕީ

ހޮންކޮން (އޮކްޓޯބަރު 20): ހޮންކޮންގެ ސިލްސިލާ މުޒާހަރާތައް ފެށުމުގެ ސަބަބަކަށްވި މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޗަން ޓޮން-ކައި، ޓައިވާނުގެ ފުލުހުންނާ އަމިއްލައަށް ހަވާލު ވާނެ ކަމަށް ބުނެފި އެވެ.

ހޮންކޮންގެ ރައްޔިތެއް ކަމަށްވާ ޗަންގެ މައްޗަށް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ލޯބިވެރިޔާއާ އެކު ޓައިވާނާއަށް ޗުއްޓީ ހޭދަ ކުރަން ދިޔުމަށް ފަހު، އެލޯބިވެރިޔާ މަރާލި ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓައިވާނުން ޗަން ހައްޔަރު ކުރަން އަމުރު ނެރުމުން، އޭނާ ފިލައިގެން ހޮންކޮންއަށް ދިޔަ އެވެ.

އަދި ހޮންކޮން އާއި ޓައިވާނާ ދެމެދު ކުށްވެރިން ހަވާލު ކުރުމާ ބެހޭ އެއްބަސްވުމެއް ހަދާފައި ނުވުމުން، ޓައިވާނަށް ވަނީ އެ މައްސަލަ ބެލުމަށް ޗަން ހައްޔަރު ނުކުރެވިފަ އެވެ.

އޭގެ ސަބަބުން، ހޮންކޮންއިން ކުށްވެރިން ހަވާލު ކުރުމާ ބެހޭ އެއްބަސްވުމެއް ހަދާފައިވާ ނުވާ ސަރަހައްދުތަކާ ކުށްވެރިން ހަވާލު ކުރުމަށް ފުރުސަތު ދޭނެ ބިލެއް ހަދައި، ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް އެބިލް ހުށަހެޅި އެވެ. އެބިލް ފާސް ކުރުމުން، ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާވެސް ހަވާލު ކުރެވޭނެ އެވެ.

ހޮންކޮންގެ ސަރުކާރާ ދެކޮޅަށް އަދިވެސް މުޒާހަރާތައް ދަނީ ބާއްވަމުން ފޮޓޯ: އޭއެފްޕީ

އޭގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށް ބުނެ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެސަރަހައްދުގައި މުޒާހަރާތައް ފެށި އެވެ. އަދި ފަހުން އެމުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، އެއާޕޯޓާއި ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމް ބަންދުކޮށް، ގާނޫނު ހަދާ މަޖިލީހަށްވެސް ގެއްލުންދީފައިވެ އެވެ.

އެމުޒާހަރާތައް ހުއްޓާލުމަށް އެދި ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލް އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް މިހާރު މުޒާހަރާގެ ބައިވެރިން ދަނީ ހޮންކޮންގަށް އަމިއްލަ ވެރިކަން ހިންގުމުގެ އިތުރު ބާރުތައް ދިނުމަށާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރާ އަނިޔާ ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށް ގޮވާލައި އަދިވެސް އެއްވުންތައް ބާއްވަމުންނެވެ.

އެމުޒާހަރާތައް ކުރިއަށްދާ އިރު ޗަން އިނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި މިދިޔަ އޭޕްރިލް މަހު ހައްޔަރުކޮށް، ހޮންކޮންގެ ޖަލެއްގަ އެވެ.

އަދި މިދިޔަ ހުކުރު ދުވަހު ހޮންކޮންގެ ސަރުކާރުން ބުނި ގޮތުގައި ޗަން ވަނީ އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުމުން، ޓައިވާނުގެ ފުލުހުންނާ އަމިއްލައަށް ހަވާލުވާން ބޭނުންވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ޗަން ޖަލުން ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގަ އެވެ.

comment ކޮމެންޓް