ކޯޓުތަކުގައި މައްސަލަތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯސްއެއް އެކުލަވާލަނީ

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް އިންޓަ އެޖެންސީ ޓާސްކް ފޯސްއެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) އަންގަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކާ ގުޅޭ ރިޕޯޓެއް ވަރަށް ފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓު ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ތަމްސީލުކުރާނޭ މީހުން ހިމަނައިގެން އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލުމަކީ ހައްލު ކަމަށެވެ.

އެހެންކަމުން އެފަދަ ޓާސްކް ފޯހެއް އެކުލަވާލުމަށް ޖޭއެސްސީއަށް ލަފާއެރުވުމަށް ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

މައްސަލަ ދިރާސާ ކޮށް ނިންމި ރިޕޯޓުގައި ބުނެފައިވަނީ އެ ޓާސްކް ފޯހުގެ މެންޑޭޓްގެ ތެރޭގައި ކޯޓުތަކުގައި މައްސަލަތައް ނުބެލި ލަސްވަމުން ދާ ސަބަބު ދެނެގަތުން ހިމެނެންޖެހޭނެ ކަމަށެވެ. އަދި އަދި އެކަން ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ފާހަގަކޮށް އެ ފިޔަވަޅުތައް އެޅުން އަވަސްކޮށް އިމްޕްލިމެންޓް ކުރާނެ ގޮތްތައް ޓާސްކްފޯސްއިން އެކުލަވާލަން ވާނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި ގިނަ މައްސަލަތަކެއް ހުރި ކަމަށް ޖޭއެސްސީއިން އެކުލަވާލި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 14 ޖުލައި 2019 ވަނަ ދުވަހާ ހަމައަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 1910 މައްސަލަ ނުނިމި އޮތް ކަމަށް ޖޭއެސްސީއިން ބުންޏެވެ.

އަދި މައްސަލަ ހުށަހެޅުނުތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައްވެސް ކްރިމިނަލް ކޯޓުގައި ހުރިކަން ޖޭއެސްސީއިން ފާހަގަ ކުރެ އެވެ. ދިހަ އަހަރުވީ 12 މައްސަލައެއް ހިމެނޭ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް