ބްރެކްސިޓްގެ ކަންތައް ފަސްކުރަން ނިންމުމުން ޖޯންސަން، ހައުސް އަށް ގޮންޖައްސަވައިފި

ބޮރިސް ޖޯންސަން ހައުސް އޮފް ކޮމަންސްގައި މިއަދު ވާހަކަ ދައްކަވަނީ

ލަންޑަން (އޮކްޓޯބަރ 19) : ބްރެކްސިޓްގެ މައްސަލާގައި އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުން މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވި އައު އެއްބަސްވުމަށް ރުހުން ނުދީ އެ މައްސަލަ ފަސްކުރުމަށް އިނގިރޭސި ޕާލަމެންޓުން މިއަދު ނިންމި ނިންމުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮންޖައްސަވައިފި އެވެ.

ބްރެކްސިޓްގެ މައްސަލަ ފަސްކުރުމަށް ހައުސް އޮފް ކޮމަންސްގެ ތަނަވަސް އަޣްލަބިއްޔަތަކުން ނިންމި ނިންމުމަށް ގޮންޖައްސަވައި ވާހަކަ ދައްކަވަމުން ބޮރިސް ޖޯންސަން ވިދާޅުވީ ބްރެކްސިޓްގެ ތާރީޚު ފަސްކުރަން ޔޫރަޕްގެ އިއްތިޙާދުގެ ކިބައިން އޭނާ އެދިވަޑައިނުގަންނަވާނެކަމުގަ އެވެ. ބްރެކްސިޓްގެ ތާރީޚު ފަސްކުރަން ޔޫރަޕްގެ އިއްތިޙާދު އޮތީ ތައްޔާރަށް ނޫންކަމަށާއި އެއްބަސްވުމަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ވެސް ޔޫރަޕާ ވާހަކަ ނުދައްކަވާނެކަމަށް ޖޯންސަން ވިދާޅުވި އެވެ.

ބްރެކްސިޓްގެ ފުރަތަމަ ތާރީޚު އޮތީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އެތާރީޚުގައި ބްރެކްސިޓްގެ ކަންތައް ކޮޅެއްގައި ނުޖެހުމުން ޔޫރަޕާއި އިނގިރޭސި ސަރުކާރުން އެއްބަސްވެފައި ވަނީ މި އޮކްޓޯބަރު މަހުގެ 31 ގެ ކުރިން އެކަން ކޮޅެއްގައި ޖެއްސުމަށެވެ. ބްރެކްސިޓްގެ ފުރަތަމަ ތާރީޚު މި އޮކްޓޯބަރު މަހުގެ 31 އަށް ފަސްކުރީ ތެރޭސާ މޭގެ ބޮޑުވަޒީރުކަމުގައި މި އަހަރުގެ ކުރީކޮޅު އިނގިރޭސި ސަރުކާރާއި ޔޫރަޕްގެ އިއްތިޙާދުން އެއްބަސްވި އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ތިންފަހަރު މަތިން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

އޮކްޓޯބަރު މަހުގެ 31ގެ ކުރިން ބްރެކްސިޓްގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސިވިލާތް އައު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ނިންމާނެ ކަމުގެ އިންޒާރު ޖޯންސަން ދެއްވި ނަމަވެސް ފާއިތުވި ހަފްތާތަކުގައި އޭނާގެ ސަރުކާރުން ގެންދިޔައީ އިނގިރޭސި ޕާލަމެންޓުން ބަލައިގަންނަ ފަދަ އައު އެއްބަސްވުމެއް ވުޖޫދަށް ގެނެވޭތޯ ޔޫރަޕްގެ އިއްތިޙާދާ ވާހަކަ ދައްކަވަމުންނެވެ.

މިވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބްރެކްސިޓްގެ މައްސަލާގައި ދެފަރާތުން އައު އެއްބަސްވުމަކަށް އައިސްފަ އެވެ. އައު އެއްބަސްވުމަކަށް އައިކަން އިއްލާންކުރައްވާފައި ވަނީ ޖޯންސަންއާއި ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖީން ކްލައުޑް ޖުންކާ އާއި ޔޫރަޕިޔަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓުސްކު ބްރަސަލްގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. އެއާ އެކު ޖޯންސަން ވަނީ އައު އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ފައިދާކުރާގޮތަށް އޮތް އެއްބަސްވުމެއްކަމަށް ސިފަކުރައްވައި މިއަދު ބާއްވާ އިނގިރޭސި ޕާލަމެންޓްގެ ޖަލްސާގައި އެ އެއްބަސްވުމަށް ރުހުން ދިނުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ހައުސް އޮފް ކޮމަންސްގެ މެންބަރުން މިއަދު މިވަނީ އައު އެއްބަސްވުމާބެހޭ ގޮތުން ވޯޓު ނެގުމުގެ ކަންތައް ފަސްކުރުމަށް ނިންމާފައެވެ. މިއީ ބްރެކްސިޓްގެ ކަންތައް އަވަހަށް ނިންމަން ކެތްމަދުވެފައިވާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ކުރިމަތިވެ ވަޑައިގެންނެވި ބޮޑު ގޮންޖެހުމެއްކަމަށާ ކުރިމަތީގައި ޖޯންސަން އަށް އޮތީ ސިޔާސީ ވަރުގަދަ އިމްތިޙާނެއްކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް