ތާހިރު ދިރިއުޅުމަކަށް ބިދޭސީން މަރުދެނީ!

އިކޮނޮމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރަން ބިދޭސީން ގަލޮޅު ދަނޑަށް ޖަމާވެފައި: ރާއްޖޭގައި ގަވާއިދާ ހިލާފަށް 63،000އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ލަފާކުރޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމުގެ ޕްރޮގްރާމުގެ މަސައްކަތް ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާއިރު އެތަނުން ފެންނަނީ ރާއްޖެއާ ބީރައްޓެހި، ތަފާތު މަންޒަރެކެވެ. ހީވީ އެހެން ގައުމެއްގައި ހުރެވުނުހެންނެވެ. އެތައް ހާސް ބިދޭސީނެއް ކިޔޫގައި ތިބިއިރު އަނެއް ބަޔަކު ވަދެ މުޅިދަނޑުގެ ގޮޑިބަރިތައް ފުރާލައިފަ އެވެ. އާއިލާއާ ދުރުގައި އެތައް ވޭނެއް ތަހަައްމަލު ކުރަން ޖެހިފައިވާ އިންސާނުން އެތަނުގައި ތިބޭނެ އެވެ. އެ މީހުންގެ ސިކުނޑީގައި ރާއްޖެއާމެދު އުފެދިފައި އޮންނާނީ ކޮންކަހަލަ ތަސައްވަރެއްތޯ ހިތާހިތާ ސުވާލުކުރެވުނެވެ.

މިއަދު ދަނޑުގައި ރީރެގިއުލަރައިޒޭޝަން މަސައްކަތް ކުރިއަށްދާނެކަން އެނގިގެން ރޭ ދަންވަރުއްސުރެ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ދަނޑު ސަރަހައްދުގައި "ކޭމްޕު" ޖަހައިފަ އެވެ. އަދި ހެނދުނު ގިނަ އަދަދެއްގެ ބިދޭސީން ވަދެ ސިޑިބަރިތައް ފުރާލި އެވެ. ދަނޑާ ޖެހިގެން އޮންނަ ބަނަފްސާ މަގުގައި ކިއު ހަދައި އެ މަގުވެސް ފުރާލި އެވެ. އެ މީހުން ތިބީ، ޕާސްޕޯޓްގެ ފޮޓޯ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހިފައިގެން އެވެ. މޫނުމަތިން ފެންނަން ހުރީ އުންމީދުގެ ކުލަވަރެވެ.

މެންދުރު ގަޑީގައި ބަނަފްސާ މަގުގައި ކިއު ހަދާފައި ތިބި ބައެއް ބިދޭސީން "ސަން"އަށް ބުނީ އެ މީހުން ގަދަ އަވީގައި ދިގު ކިޔޫގައި އެތައް އިރެއް ވެއްޖެ ކަމެވެ. ބައެއް މީހުން ހެނދުނު ދިޔަ ގޮތަށް ދަނޑަށް ނުވަދެވި ތިއްބެވެ. އަނެއްބައި މީހުން ތިބީ ވަރުބަލިވެ، ފާރަށް ބިއްޖެހިފަ އެވެ. ކިއު ކުރިއަށް ދިޔައީ ފިނިހަކަ ދުވެލީގަ އެވެ.

ސަރުކާރުން ގެންދާ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާން އައިސްތިބި ބިދޭސީން، "ސަން"ގެ ނަޖާހު މަސްއޫދަށް އިންޓަވިއުދެނީ: ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ގަލޮޅު ދަނޑަށް ގިނަ ބިދޭސީން ޖަމާވޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މެންދަމު ނިދި ނަގާލާފައި ވިޔަސް، މެންދުރުގެ ގަދަ އަވީގައި ތިބެގެން ވިޔަސް އެމީހުން ގަލޮޅު ދަނޑަށް ވަންނަން ބޭނުންވެ އެވެ. އެއީ މިހާރު އެ މީހުންގެ މުޅި ދިރިއުޅުން އެކަމުގެ މައްޗަށް ބުރަވެފައި ވާތީ އެވެ.

ކިއުގައި ހުރި ސާހީން ބުނީ، އޭނާ ރާއްޖެއަށް ގެނައުމަށްފަހު "ބޮސް" ޕާސްޕޯޓު އަތުލީ ކަމަށެވެ. އަދި ގިނަ ބިދޭސީން ރާއްޖެއަށް ގެނެސް ކަންތައް ކުރަނީ އެހެންކަމަށް އޭނާ ބުންޏެވެ. ސާހީން ބުނި ގޮތުގައި ގޯހީ ދިވެހީން އެކަންޏެއް ނޫނެވެ. އެ މީހުން ރާއްޖެއަށް ފޮނުވާ ގައުމުގެ މީހުންވެސް ހަމަ އެވަރަށް ގޯހެވެ.

"ދިވެހި މީހުން މައްސަލަ ހުންނަނީ ބަންގްލަދޭޝް މީހުން މައްސަލަ ހުންނަނީ. އެޖެންޓު ގެންނަނީ ދެން މައްސަލަ ފެށެނީ،" ސާހީން ބުންޏެވެ.

ކިއުގައި ތިބި މީހުން ކުޑަކޮށް ވާހަކަ ދައްކައި ހެދި ނަމަވެސް، އެތެރޭގައި ސިޑި ބަރިތަކުގައި ތިބި ގިނަ މީހުން ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ. އެއްބައި މީހުން ވާހަކަ ދައްކަން ފަށައިފައި ދެން ހުއްޓާލަނީ އެވެ. ވަކި ހިސާބަކުން ދިވެހި އެނގޭ ކަމަކަށް ނަހަދަ އެވެ. އަނެއްބައި ބުނަނީ، "މައްސަލަ ޖެހެނީ، ބާއީ"މިހެން އެކަންޏެވެ. ދެއްކޭ ވާހަކައަކުން، ކުށްވެރިވެދާނީ އެ މީހުން ތިބީ ބިރުންނެވެ. އެތައް ގަޑިއިރެއް ކިއުގައި ހޭދަކޮށް، މަންޒިލާ ހަމައަށް ވާސިލުވާން ގާތްވެފައި ހުއްޓާ، އެއްވެސް ކަމެއް ގޯސްވާން އެ މީހުން ނޭދޭނީ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރަން ބިދޭސީން ގަލޮޅު ދަނޑަށް ޖަމާވެފައި: ރާއްޖޭގައި ގަވާއިދާ ހިލާފަށް 63،000އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ލަފާކުރޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"އަހަރެމެންނަށް ރަނގަޅު ހިދުމަތް ނުލިބޭ ދިވެހިރާއްޖޭގައި. އުޅެންވީ ގޮތެއް ނޭނގެ. އެހާ ފަސޭހައެއް ނޫން. ބޮލަށް އުނދަގޫވޭ. އަދި އެބަ އުޅޭ ބައިވަރު މައްސަލަ،" ސިޑިބަރީގައި އިން ބިދޭސީއަކު ބުންޏެވެ. "200 ޑޮލަރު ލިބޭ ސެލަރީއެއް [އަހަރެން] ބޭނުން ނުވަނީ،"

އޭނާ ބުނީ ހުރި މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. މަސައްކަތް ކުރަން ރާއްޖޭގައި މަޑުކުރަން ޖެހޭ ކަމަށާއި، އެއްކޮށް ރާއްޖެ ދޫކޮށް ދާން އަދި ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ.

ދިމާވި ގިނަ ބައެއްގެ އަތުގައި، ޕާސްޕޯޓެއް ނެތެވެ. އެ މީހުން އަތުގައި އޮތީ ބާވެފައި ހުރި ޕާސްޕޯޓު ކޮޕީތަކެވެ. އެ އެންމެވެސް ބުނީ "ބޮސް" ޕާސްޕޯޓު ނަގައިގެން އެ ފަހުން ނުދޭ ކަމަށެވެ. އެކަމަކު، އަތުގައި ޕާސްޕޯޓު ހުރި، ވިސާގެ މައްސަލަ ދިމާވެފައިވާ މީހުންވެސް އެތަނުގައި ތިއްބެވެ.

ނޫރުސަލީމް އަކީވެސް ޕާސްޕޯޓު ކޮޕީއެއް ފަތްޖަހާލައިގެން ދަނޑުގައި ހުރި މީހެކެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރަން އުޅެނީ އޭނާގެ މައިންބަފައިންނަށް ހަރަދުކުރަން ފައިސާ ހޯދުމަށެވެ. އޭނާގެ އަނބިދަރީންނެއް ނެތެވެ. އޭނާ ދަނޑަށް ގޮސް ހުރީ ވިސާ ހަމަޖެހުމުން ޗުއްޓީއަށް ގައުމަށް ދެވޭނެކަމުގެ އުންމީދުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީވާން ޖަމާވެފައިވާ ބިދޭސީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޫރުސަލީމް ބުނީ ރާއްޖެއަކީ މަސައްކަތްކުރަން އެއްވެސް ވަރަކަށް ރަނގަޅުތަނެއް ނޫން ކަމަށެވެ. ވިސާގެ މައްސަލަ ޖެހިގެން ގައުމަށް ނުދެވި އެތައް އަހަރެއް މަޑުކުރަން ޖެހޭ މީހުން ތިބިކަން އޭނާ ފާހަގަކުރި އެވެ.

"ގިނަ ދުވަސް މަޑުކުރަން ޖެހެނީ، ފަސް އަހަރު ދިހަ އަހަރު. މަރުވަނީމަވެސް ފޮނުވޭނެ ކަމުގެ ގެރެންޓީ ނެތީ. މިތާ ވަޑުލަނީ. ލާރި ހުންނަ ކޮމްޕެނީ މީހާ ފޮނުވަނީ. ލާރި ނެތީމަ ނުފޮނުވަނީ ދޯ،" ހިނިގަނޑެއް ޖަހާލާފައި ނޫރުސަލީމް ބުންޏެވެ. "ގިނަ މަސައްކަތް ކުރަނީމަ ގިނަ މުސާރަ ލިބެނީ. އެކަމަކު، ނިދަނީ ކުޑަ ކުޑަ ތަނުގައި ހަޑި ކޮޓަރީ. އުޅެން އުނދަގޫ ވަނީ. އެއީ މައްސަލަ. މުސާރަ ލިބެނީ،"

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޫރުސަލީމް ގޮތަށް ދަނޑުގައި ކިޔޫ ހަދާލާފައިވާ އެތައް ހާސް ބިދޭސީންގެ ޝަކުވާއަކީ ހަމަ މި ވާހަކަތަކެވެ. އެ މީހުން މަރުދެނީ ކޮންމެ ގޮތެއް ހަދާފައިވެސް ގަަވައިދުގެ ތެރެއަށް ވަންނާށެވެ. އެ މީހުން ބޭނުން ވަނީ ޖެހިފައި ތިބި ބިކަހާލުން އަރައިގަނެ އެ ނޫން ގޮތެއް ހޯދާށެވެ. ގަލޮޅު ދަނޑަށް އެ މީހުން ޖަމާވެ އެ ތިބީ މަކަރުގެ ދަލުން ސަލާމަތްވެ، ތާހިރު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގަ އެވެ.

comment ކޮމެންޓް