މައްސަލަ ބަލަން ފުލުހުންނާއި ޓޫރިޒަމް، ފުށިދިއްގާގައި!

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

އދ. ފުށިދިއްގާގެ ބެލެނިވެރިކަމާ މެދު ޚިލާފު އުފެދި، އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެރަށުން ބަޔަކު މާލީ މަންފާ ހޯދަމުންދާ މައްސަލަ ބެލުމަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށަށް އަރައިފިއެވެ.

މީގެ ކުރިން އދ. ރަތްދިއްގާ ކިޔާ މި ރަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ޚިޔާނާތުގައި، ދެ ނަމެއްގައި ދެ ފަރާތަކަށް އޮތީ ކުއްޔަށް ދޫކޮށްފައެވެ.

އެރަށުގެ ބެލެނިވެރިކަމަށް ދައުވާކުރާ ދެ ފަރާތަކީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކާއި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ. އެހެން ނަމަވެސް އަމިއްލަ ފަރާތަކުން ދަނީ އެތަނުގައި ޓޫރިސްޓުންނަށް ހިދުމަތްތަކަކާއެކު އެ ރަށް ގަވައިދާ ހިލާފަށް ހިންގަމުންނެވެ. އެ ރަށުން ނަފާ ހޯދަމުން ދަނީ އެ ރަށުގެ ހައްގުވެރިކަމަށް ދައުވާކުރި، އަހްމަދު ހަލީލް ކިޔާ ފަރާތެކެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އދ. ފުށިދިއްގާއާ ގުޅިގެން މީޑިއާއާއި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކައާ ގުޅިގެން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން އެ ރަށް އިންސްޕެކްޓުކުރުމަށް އެރަށަށް ގޮސްފައިވާ ކަމަށެވެ.

ވަރުވާއަށް ދޫކޮށްފައި އޮތް އެ ރަށުގައި ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލައިގެން ރަށް ލިބުނީ، ވަރުވާއަށް ރަށް ނަގައިގެން އުޅުނު އަހްމަދު ހަލީލު ކިޔާ މީހަކަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިނުކުރެވެނީސް އޭރުގެ ސަރުކާރު ބަދަލުވީއެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއިކޮށް އެ ތަންފީޒުކުރުމަށް ސިވިލް ކޯޓަށް އޭނާ މައްސަލައެއް ލައި، އެ މައްސަލަ 2015 ސެޕްޓެމްބަރުގައި ކާމިޔާބުކުރިއެވެ.

https://sun.mv/126002

ނަމަވެސް އެ މައްސަލަ ހިނގަ ހިނގާ އޮއްވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 އޮކްޓޫބަރުގައި "ފުށިދިއްގާ"ގެ ނަމުގައި، ތިން މިލިއަން ޑޮލަރަށް އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަށް އެ ރަށް ދޫކުރިއެވެ. އެ ކުންފުނިން ދެއްކީ އެއް މިލިއަން ޑޮލަރެވެ.

އަދި ފަހުން ހަމަ އެ ރަށް "ރަތްދިއްގާ"ގެ ނަމުގައި 2015 މެއި ގައި މޯލްޑިވިއާނާ ކުންފުންޏަށް 2.1 މިލިއަން ޑޮލަރަށް ވިއްކާލިއެވެ. އެ ކުންފުނިން އެމްއެމްޕީއާރުސީއަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ހަ ލައްކަ ޑޮލަރެވެ.

އަހްމަދު ހަލީލްއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ބުނީ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ކަމަށާއި ފަހުން ސޮއިކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރަން މަޖުބޫރުނުކުރެވޭނެ ކަމަށާއި، އޭރު އޮތީ އެޗްއެމްއެޗްއައިއަށް ރަށް ދޫކޮށްފައި ކަމުން، ހައި ކޯޓުން ހުކުމް ކުރީ ހަލީލްއާ ދެކޮޅަށެވެ. އެއީ 2018 އޭޕްރިލްގައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ހަލީލް، މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

އެހެންކަމުން މިވަގުތު ފުށިދިއްގާ/ރަތްދިއްގާގެ ހައްގުވެރިއަކީ ކޮބައިކަމާ މެދު ދެބަސްވުން އުފެދިފައިވަނީ އެޗްއެމްއެޗްއައި އަދި މޯލްޑިވިއާނާއާ ދެމެދުއެވެ.

comment ކޮމެންޓް