މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"އަހަރެންނަށް އިބާ ނުލިބެންޏާ އަހަރެން ކުރިން ވެސް ބުނިން ދޯ އެހެން މީހަކަށް ނުލިބޭނޭ... އަހަރެން އިބާ އެހާ ބޭނުންވެގެން ބުނާއިރު ނައިމަ ދެން ވާނީ މިހެން" ޒައިދު ކުޑަކޮށް ދުރަށް ޖެހިލާ އޭނާ ލައިގެން ހުރި ޓީޝާޓް ބާލަން ފެށިއެވެ.

ދެލޯ ބޮޑުކޮށްލުމާއެކު އިބާ ނޫނެކޭ ދެފަހަރަކު ބުނެލިއެވެ. ޒައިދުގެ އަމަލުތައް ދެން ހުންނާނީ ކިހިނެތްކަން އިބާއަށް އެނގޭ ކަހަލައެވެ. އޭނާއަށް ސިފަވީ މީގެ ކުރިން އިނދެގެން އުޅުނު އިރުގެ ޒައިދުއެވެ.

ތަފާތަކީ މިއަދު ޒައިދުގެ އަމަލު ތަކުރާރު އެކުރަނީ އެތައް ބަޔެއްގެ ކުރިމަތީގައި ކަމެވެ. އަދި މިހާރު އެއީ އޭނާގެ ފިރިމީހާއަށް ނުވާކަމެވެ. އޭނާގެ ކިބައިން ޒައިދު ބޭނުންވަނީ ކޮން ކަމެއްހެއްޔެވެ؟ ރޮވެން ފެށުމާއެކު އިބާގެ ހިތް ފަޅައިގެންދިޔަ ފަދައެވެ. އެއްވެސް ހުއްޓުމެއް ނެތި އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ފައިބަމުން ދިޔައެވެ. މިހާ ބޮޑަށް އަމިއްލަ ނިކަމެތިކަން އިޙްސާސްވި ވަގުތެއް މި ނޫނީ ނުވެއެވެ. އިންސާފަކީ ކޮބައިހެއްޔެވެ؟. ތަޤުދީރު އޭނާއާއި މިކުރަނީ ކޮން ފަދަ ސަމާސާއެއްހެއްޔެވެ؟.

ދެލޯ މަރާލާ މިފަހަރުވެސް އިބާ ހުރިހާކަމެއް ވަކީލް ކުރީ ﷲ ގެ ހަޟްރަތަށެވެ. އޭނާގެ ސަލާމަތަށް މީހަކު އަންނާނެނަމައެވެ. ޒައިދުމެން ފަދަ ޒުވާނުން އެއްދުވަހު ހައްޔަރު ކޮށްފިއްޔާ އަނެއް ދުވަހު މި ތިބެނީ މިނިވަން ކަމާއެކު އުދުހެން ފުރުސަތު ދީފައެވެ. ހުރިހާ ދެރައެއް ލިބެނީ އޭނަ ފަދަ ނިކަމެތި ކުދިންނަށެވެ.

ޒައިދު އިބާގެ ގާތަށް ގުދުވެފައި ދަތް ދޮޅީގައި ހިފައްޓާލާފައި އިބާގެ އިސް އުފުލުވާލިއެވެ. އެއަށްފަހު އެއްމިޔަކަށް މަލާމާތުގެ ހިނިތުންވުމެއް އިބާއަށް ހަދިޔާކޮށްލިއެވެ. އެ އަނގައިން ދުވި ރަލުގެ ވަހުން އިބާއަށް މޫނު އަނބުރާލެވުނެވެ.

ޒައިދު އިބާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. އެ މުޑުދާރުގެ އަތުގެ ބީހުމުން ސަލާމަތް ވެވޭނޭ ގޮތެއް ނެތުމާއެކު އިބާ ގެ ހިތްދަތިކަން އިތުރުވިއެވެ. ޒައިދުގެ ހަރަކާތްތައް ކުއްލިއަކަށް އަވަސް ވެގެން ދިޔުމާއެކު އިބާއަށް ހަޅޭއްލަވައިގަނެވުނެވެ.

މަޑުން.... ޝްޝްޝް" ޒައިދު އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.

ކުއްލިއަކަށް ސިހުން ގެނުވީ އެތަނުގެ ދޮރުފަތް ވައްޓާލުމަށްފަހު ބަޔަކު އެތަނަށް ވަތް އަޑަށެވެ. އެއްބަޔަކު ދުވެ ފިލަން ވެގެން އުޅުނުނަމަވެސް އެމީހުންނަށް ތިބެވުނީ ބަންދުވެފައި ތިބި ތަނެއްގައި ކަމުން އެކަންކުރަން އުނދަގޫވިއެވެ.

ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެތެރެއަށް ވަތް ނަވީންގެ ލޮލުގައި އިބާ އަޅައިގަތެވެ. އޭނާ ވަގުތުން ގޮސް އިބާގެ އަތުގައި އައްސާފައި އޮތް ވާގަނޑު މޮހާލާފައި އިބާ މިނިވަން ކުރިއެވެ. އެއަށްފަހު އޭނާ ލާފައި ހުރި ކޯޓް ބާލާ އިބާގެ ކޮނޑުގައި އަޅުވައިލަދިނީ އިބާގެ ކޮނޑުމަތިން ތަން ގަނޑެއް ވީދައިގެން ގޮސްފައިވާތީއެވެ. ރޮމުން ދިޔަ އިބާ ނަވީންގެ އަތުގެ ހިމާޔަތް ހޯދިއެވެ. އިބާ ކޮޅަށް ނަގަމުން އިބާއާއެކު އެގޭން ނުކުންނަން ދިޔަ ނަވީން ފުލުހުންނަށް ޝުކުރު އަދާކުރިއެވެ. އާހިލް ވެސް އޭނާގެ އެކުވެރިޔާއަށް އެކަން އެމީހުން ބުނި ގޮތަށް ނިންމާލުމަށް ބުނެލިއެވެ. އެމީހުން އައީ މާހިރާ ގާތުގައި ރާފިހް ބަހައްޓާފައެވެ.

ސީސީޓީވީ ފުޓެޖްއަށް އަރާފައި ހުރިކަމީ ވެސް ނަސީބެކެވެ. އެމީހުންނަށް އިބާއާ ހިސާބަށް ގަޑިއަށް އާދެވުމަކީ ވެސް ރަޙްމަތެކެވެ.

އިބާ ކާރަށް އަރުވާފައި ނަވީން އައިސް އަނެއްފަރާތުން އަރާ އިށީނެވެ. އޭރު ވާރޭވެސް ކޮންމެވެސް ވަރަކަށް ތުނި ކޮށްލާފައި ވެއެވެ. އާހިލް ދިޔައީ ފުލުހުންނާއެކުގައެވެ. އިބާގެ ރުއިމުގެ އަޑު އިވުމާއެކު ނަވީން އިބާއަށް ބަލާލިއެވެ. އޭރު އޭނާ އިނީ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލާފައެވެ. ނަވީން އިބާގެ އަތް ނައްޓާލުވޭތޯ އުޅުނު ނަމަވެސް އެކަން އޭނާއަށް ކާމިޔާބު ވާގޮތެއް ނުވެއެވެ.

"އިބާ... ކިހިނެތްވީތަ؟ އަހަންނަށްވެސް ކިޔައި ނުދޭނަންތަ؟" ނަވީން އެންމެ ފަހުން އަހާލިއެވެ. އޭނާ އިބާއަށް ބަލަން އިނެވެ. އެއަށްފަހު އަނެއްކާވެސް އިބާއާއި ވާހަކަ ދެއްކިއެވެ. އިބާއަށް ކޮށްފައިވަނީ ކޮންފަދަ އަސަރެއްކަން ހުދު ނަވީންއަށް ވެސްއެނގެއެވެ. ރޯލާނެ ވަރަކަށް ރޯން ފުރުސަތު ދޭން ނިންމީ އެހެންވެއެވެ. ހިތުގެ އުދާސްތައް ކޮންމެވެސް ވަރަކަށް ނެރިލުމުންވެސް ހިތަށް ހަމަޖެހުމެއް ބައެއްފަހަރު ލިބިގެން ދެއެވެ. އިރުކޮޅެއް ފަހުން އިބާ ރުއިން ހުއްޓާލުމަށްފަހު ނަވީންއަށް ބަލާލިއެވެ. އޭރު އެ ދެލޮލުގައި ރަތްކަމެއް ވެއެވެ. ދެ ކޯތާފަތަށް ޖަންބު ކުލަ އަރާފައިވެއެވެ.

"އިޓްސް އޯކޭ އިބާ... މާގިނައިން ނުވިސްނާ... އިންޝާ ﷲ އަހަރެން ހުއްޓާ ދެން އެ ޒައިދު އަކަށް ނުކެރޭނެ އިބާއާ ކައިރިވާކަށް..." ނަވީން އިބާގެ ކޯތާފަތުގައި ހިފައްޓާލާފައި ބުނެލިއެވެ. އިބާ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްގެ އަސަރު ވެރިކޮށްލަން އުޅުނެވެ. އެހެންނަމަވެސް ބިރާ ސިހުން ނޫން އަސަރެއް އޭނާއަކަށް އެ މޫނުމައްޗަކަށް ވެރިއެއް ނުކުރެވުނެވެ.

"ނަވީން... މަންމަ... މަންމައަށް ކިހިނެތްވީ؟" އިބާ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން އަހާލިއެވެ.

"މަންމަ ކުޑަކޮށް ސަކަރާތް ކޮށް އުޅެނީ..." އެހެން ބުނެފައި ނަވީން އިބާގެ ދެލޮލަށް ފުންކޮށް ބަލާލިއެވެ.

"އެއީ... އަހަރެން... ނަވީން އައި އެމް ސޮރީ" އިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

"އިޓްސް އޯކޭ އިބާ... މަންމަ އެހާ ބޮޑަކަށް ނޫނޭ ސަކަރާތީ... ޖަސްޓް ކުރީގެ ބައެއް ކަންތައް ހަނދާންވީ ހެން ހީވަނީ އެންޑް އިބާ ގެންދިޔަތަން ފެނުނީމަ މަންމަގެ ސިކުނޑިން ހުރިހާކަމެއ އޮޅުވާލަނީ... އެހެންވެ މަންމަގެ އަދުގެ ހާލަތު ބައެއްފަހަރު އޮޅޭހެން ހީވަނީ... ހަނދާނުގެ މައްސަލަ އެ އުޅެނީ... ޑޮކްޓަރަކު ވެސް ގެނައިން... މިހާރު ބޭހެއް ދީފަ ނިންދަވައިފި... މާކަ ބޮޑު ކަމެއް މަންމައަކަށް ނުވޭ... ޑޮކްޓަރު ބުނަނީ ހޭލާއިރު ހަމައަކަށް އެޅިފައި ހުރެދާނެކަމަށް އެކަމަކު އަދި އެއްވެސް ކަމެއް ހޯދަން މާ އަވަސް އަރުވާލައިގެން ނޫޅުމަށް... އެކަމަކު" ނަވީން ވަކި ހިސާބަކުން އޭނާގެ ވާހަކަތައް މެދު ކަނޑާލިއެވެ.

"އެކަމަކު ކިހިނެތްވީ؟" އިބާގެ ނޭވާ އަވަސްވިއެވެ. ނަވީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވި ގޮތުން އިތުރު ބޮޑުކަމެއް ހިނގައިފިކަމުގައި އޭނާގެ ސިކުނޑި ބުނެދިނެވެ.

"ޔާސިރުގެ ރާޑަރަށް މަންމަ އެރީ... " ފުންނޭވާއެއް ލަމުން ނަވީން ބުނެލިއެވެ. އެއަށްފަހު އޭނާ ހުންގާނުގައ ހިފައްޓާލިއެވެ. ދުރަށް ނަޒަރު ހިންގާލިއެވެ.

"ނަވީން... އެއި ކިހިނެތްވީ ކަމެއް؟" އިބާ އަހާލިއެވެ. ނަވީން އޭނާއަށް އެނގިފައިވާ މިންވަރާއި ރާފިހްގެ ފަރާތުން އަޑު އިވުނު ހުރިހާ ތަފްސީލެއް އިބާއަށް ކިޔައިދިނެއެވެ. ނަވީންގެ ފުށުން އިވުނު ވާހަކަތަކުން އިބާވެސް ހާސްވިއެވެ.

"މަންމަ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޔާސިރު ކުރާނެ... އަހަރެމެން ވަރަށް އެލާރޓެ ވެގެން ދެން ތިބެން ޖެހޭނީ.. އޭނާ ކުރި ކުށުގެ މަތިޖަހާ ފޮރުވަން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެ..." ނަވީން ބުނެލިއެވެ. އިބާވެސް ބޯ ޖަހާލިއެވެ. އޭރު އޭނާވެސް އިނީ ހަމަޖެހިފައެވެ.

"ނަވީން... ކީއްވެތަ އަބަދު ޒައިދު ހައްޔަރުކޮށްފަ ދޫކޮށްލަނީ... މިއަދު ބަންދުކުރިއްޔާ މާދަން ހުންނާނީ ދޫކޮށްލާފަ. އެ އޯކޭ އަތުން ތަކެއްޗާ އެކީ ހައްޔަރު ކުރިޔަސް... މިއަށް ވުރެ ހަރުދަނާކޮށް މިކަން ނުކުރެވޭތަ؟ މަސްތުވާތަކެތި ބޭނުންކޮށްގެން މީހުން މަރާ މީހުންނަށް ދީނުގައި އޮންނަ ގޮތަށް އަދަބު ދޭނަމަ އެ މީހުންނަށް ދެވަނަ ފަހަރު އެފަދަ ކަމެއް ކުރާކަށް ނުކެރޭނެއެއްނޫންތަ؟" ނަވީން ކާރު ދުއްވަ ދުއްވާ އިންދާ އިބާ ވާހަކަ ދެއްކިއެވެ.

"ކީކުރާނީ އިބާ؟ ޒައިދުގެ މައްސަލައިގައިވެސް ހެއްކެއް ނެތޭ ވިއްޔަ ބުނަނީ... އެކަށީގެންވާ ވަރަށް ހެއްކެތް ނުހުރޭ... އަހަންނަށްވެސް ހީވަނީ މާ ބޮޑަށް ދުލެއް ދެވުނީހެން... މި ފަހަރު ޒައިދު ބަންދުކުރެވެން ކުރެވެން ހުރި ހުރިހާކަމެއް އަހަރެން ކުރާނަން" ނަވީން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ އިބާގެ ވާހަކައަށް ޖަވާބު ދިނެވެ.

"ތިކަން ވާނެހެން ހީވޭތަ؟ އިންސާފު ލިބޭތަ؟" އިބާގެ އަޑުގައި މާޔޫސްކަމާއި ފޫހިކަންވެސް ވެއެވެ. ވާނީވެސް އެހެންތާއެވެ. ޒައިދުއަކީ ދުވަހަކު އޭނާއަށް އެމީހެއްގެ ކިބައިން ސަލާމަތް ނުވެވުނު މީހެއް ވިއްޔާއެވެ. މަޖުބޫރު ކައިވެނީގެ ސަބަބުން އޭނާ އުފުލަން ޖެހުނު ވޭނާ ތަކުލީފު ތަކަކީ މީހަކަށް ކިޔައިދީގެން ހިތަށް ތަސައްލީއެއް ލިބޭ ވަރަށް ވުރެ ބޮޑުކަމެއް ވިއްޔާއެވެ. އެހެންނަމަވެސް އުންމީދު ކުރެވެނީ އަދިވެސް ކޮންމެވެސް ދުވަހަކުން އިންސާފު ލިބޭނެކަމަށެވެ. މީ ދުނިޔެއެވެ. މި ދުނިޔެއިން ހުރިހާ ކަމަކަށް އިންސާފު ނުލިބި ހިނގައިދާނެއެވެ. އެހެންނަމަވެސް އާޚިރަތުގައި އިންސާފު އަރާ ފައި ހަމަކުރާނެއެވެ. އެއީ ކޮންމެ މީހަކަށް ވި ނަމަވެސް އެވެ. ކަމުގެ ޒިންމާ އުފުލަން ޖެހޭ ކޮންމެމީހަކުގެ އަމަލުތަކާމެދު ވެސް ސުވާލުކުރެވޭނެއެވެ.

ގެއާ ހިސާބުގައި ކާރު މަޑުކޮށްލުމަށްފަހު ނަވީން ކާރުން ފައިބައިގެން ގޮސް އިބާ އިން ފަރާތު ދޮރު ހުޅުވާލަދިނެވެ. އިބާ ފެއިބުމުން އޭނާ ކާރުގެ ދޮރުފަތް ޖަހާލާފައި އިބާގެ ކޮނޑުގައި ހިފައްޓާލައިގެން ގޮސް ގެއަށް ވަނެވެ. ލިފްޓް ތެރޭގައިވެސް ނަވީން ހުރީ އިބާގަޔާއި ކައިރިކޮށްލައިގެންނެވެ. އޭނާގެ ހިމާޔަތަށް އަބަދަށްޓަކާ އިބާ ގެންނަން ބޭނުންވެފައި ހުރި ނަމަވެސް ވަގުތާއި ހާލަތު ތަން ނުދެނީއެވެ. ފަހަރަކު ކަމެއް ލައިގަންނަނީއެވެ. ވިސްނަން ޖެހޭ ކަންތައް ހައްދަހާ ގިނަ ވަނީއެވެ. ނަވީން އިބާ ގާތު ހާސްވެ ކަންބޮޑު ނުވުމަށް ބުންޏެވެ. ލިފްޓުން ފޭބުމަށްފަހު ކޯޑު ޖަހާލާ ދޮރު ހުޅުވާލަދިނެވެ. އެތެރެއަށް ވަތް އިރު ރާފިހް ސިޓިން ރޫމުގައި އިންނެވެ. ނަވީން ފެނުމާއެކު ބޯ ޖަހާލީ ހުރިހާ ކަމެއް ވެސް ރަނގަޅޭ ބުނާފަދައަކުންނެވެ. އިބާ ކޮޓަރިއަށް ވަދެ މާހިރާގެ ހާލެއް ބަލާލާފައި ދެން އައީ ހެދުންވެސް ދަބަލުކޮށްގެންނެވެ. އިބާ އައިސް ސޯފާގައި އިށީނެވެ. މާފަށް އެދުނީ ކާކުކަން ނޭނގި އޭނާއަށް ދޮރު ހުޅުވުނީތީއެވެ. އޭނާ އުޅެން ޖެހިފައިވަނީ އަބަދާ އަބަދު ނުރައްކާތަކުން ފުރިފައިވާ ތަނެއްގައިކަން އެހާ އަވަހަށް ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ؟ ނަވީން އިބާގެ އަތުގައި ހިފާލިއެވެ. އެކަމާ ކަންބޮޑު ނުވުމަށް ބުންޏެވެ. މި ފަހަރު ޒައިދުގެ ކަންތައް ނަވީން ބަލާނެ ކަމުގައި ބުންޏެވެ. ގައިމު އޭނާއަށް އެހާ ފަސޭހައިން ފުލުހުންގެ ކިބައިން ސަލާމަތް ވެވޭނީ ކޮންމެވެސް މީހެއްގެ ނުފޫޒުގެ ސަބަބުން ވިއްޔާއެވެ.

ނަވީން ބޭނުންވީ މިރޭ އެގޭގައި މަޑުކުރާށެވެ. އެހެންކަމުން އޭނާ ރާފިހް ފޮނުވާލުމަށްފަހު ކުޑައިރުކޮޅަކު އިބާގާތުގައި މަޑުކުރިއެވެ. ދެމީހުން ނިދަން ދިޔައި ގައިގަނޑަކަށް ބައިގަޑިއިރު އެކުގައި ވާހަކަ ދައްކަން ތިބުމަށްފަހުއެވެ.

*****

އެނދުގައި އޮށޯވެގެން ނިތުގައި އަތް ޖައްސާލައިގެން އޮތް ޔާސިރު އޮތީ ފުން ވިސްނުމެއްގައެވެ. މިރޭގެ ހާދިސާގެ މަންޒަރުތައް އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަ ވަމުން ދިޔައެވެ. މާހިރާގެ ރާއްޖޭގައި ގެންގުޅެނީ ކާކުހެއްޔެވެ؟ ޝަކީބުއާ ބައްދަލުކުރަން ޔާސިރު ބޭނުންވިއެވެ. އޭނާގެ ކިބައިން ބަދަލު ހިފަން ޝަކީބު މާހިރާ ބޭނުމެއް ނުކުރާނެއެވެ. ހުދު ޝަކީބުވެސް ވަނީ އެ އަމަލުގައި ބައިވެރި ވެފަ ވިއްޔާއެވެ. އަނެއްކޮޅުން ބާރުގެ ގޮތުން ބެލި ނަމަވެސް ޝަކީބު އޭނާ އަށްވުރެ ބަލިކަށި ވާނެއެވެ. އިންތިޒާރު ކުރެވެނީ އިރު އަރާނެ ވަގުތަކަށެވެ. އެ ހިސާބުގައި ހުރި ހުރިހާ ސީސީޓީވީ ފުޓެޖްތަކެއް ބަލަން ވެސް އޭނާ ބޭނުންވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ޔާސިރު ބައްދަލުކުރީ ޒުބައިރުއާއެވެ. ޒުބައިރުގެ އެހީތެރިކަމާއެކު އެ ހިސާބުގެ ހުރިހާ ސީސީޓީވީ ފުޓެޖްތަކެއް ޗެކް ކުރަން ފެށިއެވެ.

*****

އަލޫކް އޮފީހަށްދާން ވެގެން ނުކުމެފައި ނަވީން ކޮބައިތޯ ބަލާލަން ވެގެން ކޮޓަރިއަށް ވަނެވެ. ރޭގައިވެސް އޭނާއަށް ގެއަކުން ނަވީންއެއް ނުފެނެއެވެ އެއްފަހަރަކު ބޭރަށް ދަނިކޮށް ފެނުނެވެ. އޭގެ ފަހުން އަދި ގެއަކަށް ނާދެއެވެ. ދޮންބެ ދިޔައީ ކޮންތާކަށް ބާއޭ ހިތަށް އެރިއެވެ. އޭނާ ހީކުރީ ގެއަށް އަންނާނެ ކަމަށެވެ. ފަތިސް ނަމާދަށް ދަމުންވެސް އޭނާ ބެލިއެވެ. އޭރަކުވެސް ނެތެވެ. އެހެންކަމުން ހެދުނު ކޮޓަރި ބަލާލީއެވެ. އަނެއްކާ ދޮންބެ މާ އަވަހަށް އޮފީހަށް ދިޔައި ހެއްޔެވެ؟ ދެ ވިސްނުމެއްގައި ހުރެފައި އަލޫކް ނަވީންއަށް ގުޅާލިއެވެ.

ފޯނެއް ނުނަގައެވެ. ތަންކޮޅެއް އަވަހަށް އޮފީހށް ދިޔުމުގެ ބޭނުމުގައި އަލޫކް ނައްޓާލިއެވެ. އޮފީހަށް ގޮސް ބެލިއިރުވެސް ނަވީންއެއް ނެތެވެ. އެހެންކަމުން އޭނާ ކޮންމެވެސް ވަރަކަށް ހާސްވެސް ވިއެވެ. އަނެއްކާވެސް ނަވީންއަށް ބަލާލިއެވެ. ނަވީންގެ ކެބިންގައި ހުއްޓާ ކުއްލިއަކަށް ދޮރު ހުޅުވާލާފައި ނަވީން ވަނެވެ.

އޭނާގެ ކެބިންގައި އަލޫކް ހުރުމުން ނަވީން ވާހަކަދެއްކިއެވެ.

"ލޫކް ހާދަ ހެނދުނަކާ... އަނެއްކާ ކަމަކުތަ؟"

"ނޫން ކަމެއް ނުވޭ...." އަލޫކް އެހެން ބުނެލުމަށްފަހު ކެބިންއިން ނުކުތެވެ. އެހެންޏާއި ހިލާފަށް އަލޫކްގެ ބަސް މަދުކަން ނަވީންއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެކަމާ މާބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ.

*****

ސީސީޓީވީ ތަކުން ވެސް އެ ފިރިހެންމީހާގެ މޫނެއް ސާފު ވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އެ މީހާ ފޭބި ސައިކަލުގެ ނަންބޯޑު ފާހަގަވިއެވެ. އެހެންކަމުން އެމީހުން ނިންމީ އެ ނަންބޯޑުގެ ބޭނުންކޮށްގެން އެއީ ކާކުގެ ސައިކަލެއްތޯ ހޯދާށެވެ. ޔާސިރު އަކީ އޭނާއަށް ވަފާތެރިވާ އެތައްބަޔަކު ގެ ބޮޑަކަށް ވުމާއެކު އޭނާގެ މީހުން ބޭނުންކޮށްގެން އެކަން ކުރާކަށް މާ އުނދަގުލެއް ނުވާނެއެވެ.

ޖެހިގެން އައި ހަފްތާގައި ސްކޫލްތައް ވެސް ބަންދުވުމާއެކު ނަވީންގެ އާއިލާގެ އެންމެން ރާއްޖޭން ބޭރަށް ދިޔައެވެ. ޔާސިރު މަޑުކުރީ ޕްރޮޖެކްޓެއްގެ ކަންތައްތައް ނިންލާފާއި ދާށެވެ. ނަވީން ދާކަށް ބޭނުމެއް ނުވިއެވެ. އަލޫކް ބައްޕައާއި އެކީ ދާން މަޑުކުރީއެވެ.

ރޭގަނޑުގެ ވަގުތެވެ. ރާފިހް ސައިކަލު ޕާރކު ކޮށްލުމަށްފަހު އޭނާ ގޮސް ގެއަށްވަނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ގޯޅިއަށް ވަދެގެން ގޮސް ސިޑިން އަރަ އަރާ ހުއްޓާ ކުރިމަތީ ހުރި މީހަކު ކުއްލިއަކަށް އޭނާގެ ނިތްކުރިމައްޗަށް ދިން ހަމަލާއާއެކު އޭނާ ސިޑިން ތިރިއަށް ވެއްޓުނެވެ. ނިތް ކުރިމަތިން ލޭ އަންނަން ފެށިއެވެ. އިސާހިތަކު އޭނާގެ ލޯ މައްޗަށް ފުސް ވެގެން ދިޔައެވެ. މަޑުމަޑުން ދެލޯ މެރެން ފެށިއެވެ. އެ ފުސްކަމުގެ ތެރެއިން މަތީގައި ހުރި މީހަކު އޭނާއާއި ދާދި ގާތަށް އަންނަމުން ދިޔަ މަންޒަރުވެސް ފެނުނެވެ. އެމީހާ އައިސް އޭނާގެ ބަނޑުގައި ކޮޅުފައިން ޖެހި ކަން އެނގުނެވެ. އޭގެ ފަހުން ދެން ވީ ގޮތެއް ނޭނގުނެވެ. އަނދިރިކަން މޫނުމައްޗަށް ވެރިވެ ހަބަރު ހުސްވެއްޖެއެވެ.

އޭނާ ދެން ހޭލެވުނީ މޫނަށް އައްޔެއް އެޅުމުން އުދަގޫވެގެންނެވެ. ދެލޯ ރަނގަޅަށް ހުޅުވާ ނުލެވި އުޅެނިކޮށް މޫނަށް އަމާޒުވީ ފެނުގެ ހަމަލާއެކެވެ.

"އާހް" ދެލޯ ހުޅުވާލުމާއެކު އަނގައިން މަޑު އާހެއް ބޭރުވީ ބަނޑުގައި ރިއްސައިގަތްލެން ބާރުކަމުންނެވެ. ވަށައިގެން ހޯދާލެވުނެވެ. ރަނގަޅަށް ބަލާލިއިރު އޭނާ އިނީ ގޮނޑިއެއްގައި އައްސާފައެވެ. އަތާ ފައި ބަނދެފައެވެ. ކުރިމަތީގައި ދެމީހަކު ތިއްބެވެ. އެކަކަކީ ޔާސިރުއެވެ. އަނެކަކީ ކާކުކަމެއް ނޭނގުނެވެ. ދެފަރާތަށް ބޯ ހޫރާލީ މޫނުގައި ހުރި ފެންތައް ފޮޅާ ފަދައަކުންނެވެ.

"ކޮންބައެއް؟" ރާފިހް ސުވާލުކޮށްލިއެވެ. އެތަނުން ޔާސިރު ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގައި އޭނާއަށް ދެނެގަނެވުނެވެ. އަނެއްކާ ޔާސިރުއަށް އޭނާ އަކީ ކާކުކަން އެނގުނީހެއްޔެވެ؟ ހިސާބަކަށް ނުތަނަސްވި ރާފިހް ވާހަކަދައްކަން ފެށިއެވެ.

"ތިއީ ކޮން ބައެއްހޭ؟ އަހަރެން މި ތަނުގައި ހައްޔަރުކުރީ ކީއްވެ؟" ރާފިހް އިސްކުރީ ހަރުކަށިކަމެވެ.

"ކަލޭ އެރޭ އަންހެނަކު ގޮވައިގެން ފިލީމެއްނު... އެއީ ކާކު ކަމާއި އޭނާއާއި ކަލޭއާއި އޮތް ގުޅުން ބުނެދޭންވީ؟" ޔާސިރު ކުރިއަށް ޖެހިލާ ސުވާލުކުރިއެވެ.

"ކޮން އަންހެނެއް ކާކު؟" ރާފިހް ނޭނގޭ ކަމަށް ހެދިއެވެ.

"ތެދަށް ޖަވާބުދީ ހަމަ މިހާރު" އަނެއް ފިރިހެން މީހާ ބުނެލިއެވެ.

"އެރޭ އެތަނުގައި ހުރި އަންހެނެއް އެއީ... އަހަންނަށް ކިހިނެތްތަ އެނގޭނީ އެއި ކާކުކަން" ރާފިހްވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

"އެހެންވެއްޖެނަމަ ކީއްވެ ކަލޭ އަހަރެމެން ފަރާތުން ފިލަން މަސައްކަތް ކުރީ... ސީސީޓީ ވީ ކެމެރާތަކަށް އެ ހުރި އަރާފައެއްނޫންތަ؟ އޭގެ ފަހުންވެސް ކަލޭ އެ އަންހެން މީހާގޮވައިގެން ގޮސް ވަތްތަން އެ ހުރީ ފެންނަން... ތެދަށް ޖަވާބުދީ...." ޔާސިރުމެން ސީސީޓީ ވީ ބެލީ އެހާ ހިސާބަށެވެ. އެއަށްވުރެ ފަހުގެ ބައިތައް ނުބަލާތީ އެމީހުންނަށް ނަވީން އެގެއަށް ވަތް ތަން ނުފެނުނީއެވެ. އެއީވެސް ނަސީބެކެވެ.

ރާފިހްއަށް ހިންދިރުވާލެވުނެވެ. ޔާސިރު މިއުޅެނީ ކޮން ކަމެއް އެނގިގެންހެއްޔެވެ؟. ނޫނެކެވެ. އޭނާ ޖެހޭނީ ކޮންމެހެންވެސް މި ހަޤީގަތް ސިއްރުކުރާށެވެ.

ޔާސިރު ކުރިއަށް ޖެހިލާ ބޫޓުން ރާފިހްގެ ގައިގައި ޖެހިއެވެ. އެއާއެކު ގޮނޑީގެ ބެލެންސް ނެއްޓި އޭނާ ގޮނޑިއާއެކު ވެއްޓުނީއެވެ. އެ ކުޑަ ކޮޓަރިގަނޑެއްފަދަ ތަނުގައި ހަމަ އެކަނި ވާ އަލި ކަމަކީ އެތަނުގައި ދިއްލާފައި ހުރި ފަސް ވޯޓް ގެ ބޮއްކެއްގެ އަލި އެކަންޏެވެ.

ޔާސިރު އައިސް ދާދި ގާތަށް ހުއްޓިފައި އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. ދެވަނަ ހަމަލާ އަމާޒު ކޮއްލިނަމަވެސް ކުއްލިއަކަށް އޭނާގެ އަތުގައި އޮތް ރާފިހްގެ ފޯނު ރިންގު ވުމާއެކު އޭނާ އެ ފޯނު ނަގާ ބަލާލިއެވެ.

"އިބާ؟" އޭނާ ރާފިހްއަށް ބަލާލިއެވެ. ދެން ހުރި މީހާ ވެއްޓި އޮތް ގޮނޑިއާއެކު ރާފިހް ނަގާ ބޭންދިއެވެ.

"ކާކު މީ؟.. ކަލޭގެ އަންހެނުން.. ނޫނީ ރައްޓެހިވެގެން އުޅޭ ކުއްޖާތަ؟ އަހަރެމެން މި ކުއްޖާއަށް ގޮތެއްހަދައިފިއްޔާ..." ޔާސިރު އައިސް ރާފިހްގެ ވަށައިގެން ހިނގަން ފެށިއެވެ.

"ކަލޭގެ ދުޝްމަން ކަން އޮތީ އަހަންނާއެއް ނޫންތަ؟ ކީކުރަން އެހެން މީހުން ތި ވައްދަނީ... އެހެންނޫނަސް ތި ކިޔާ އަންހެން މީހެއް އަހަންނަކަށް ނޭނގޭ" ރާފިހް ބުނެލިއެވެ.

"ކަލެއަށް އެނގޭނެ... އޭނާއާއި ކަލޭއާއި އޮތް ގުޅުމަކީ ކޮބައިހޭ؟" ޔާސިރު ކުއްލިއަކަށް ފަހަތުގައި ހުއްޓިފައި އަތުގައި އޮތް ވާގަނޑުން ރާފިހްގެ ކަރަށް ބާރުކޮށްލިއެވެ. އެއާއެކު ރާފިހްގެ ނޭވާ ހީވީ އުފުރިގެން ހިނގައިދާނެހެންނެވެ. ދެލޯ ބޮޑުވެ މީހާގެ ކަރަކާތްތައް އަވަސް ވިއެވެ. ތެޅި ފޮޅެވެން ފެށިއެވެ. އިރުކޮޅަކު އެހެން ހަދާލާފައި ޔާސިރު ދޫކޮށްލިއެވެ.

"އަހަރެން އަދިވެސް ކަލެއަށް އިތުރު ފުރުސަތެއް ދޭނަން... ތެދަށް ޖަވާބު ދޭންވީ... އެހެންނޫނީ މާ ރަނގަޅެއް ނުވާނެ" ޔާސިރު ބުނެލިއެވެ. އެހެން ކިޔާފައި އޭނާ ދެން ހުރި މީހާއަށް ބަލާލިއެވެ. އެމީހާ ޖީބުން ކޮންމެވެސް އެއްޗެއް ނަގާފައި ޔާސިރުއާ ދިމާލަށް އެއްލިއެވެ. ޔާސިރު އެއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެއީ ވިހަ ހިނތުންވުމެކެވެ. ރާފިހް ވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން ޔާސިރުއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ޔާސިރު ހުރީ ލައިޓަރު ހިފައްޓައިގެން އެ ރޯކޮށްލައިގެން ބަލަހައްޓައިގެންނެވެ.

ރާފިހްގެ މުޅި ހަޑިގަނޑު ތުރު ތުރު އަޅައިގެން ދިޔައެވެ. ޔާސިރު ލައިޓަރުން ރާފިހްގެ އަތުގައި ޖައްސާލުމާއެކު ރާފިހްއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

"ކަލޭގެ އަނގައިން އެ އެއްޗެހި ބޭރުކުރެވޭނެ ގޮތް އަހަންނަށް އެނގޭ.. ހަމަ މިހާރު ބުނޭ..." ރާފިހްއަށް ގޮތް ހުސްވިއެވެ.

(ނުނިމޭ...)

https://sun.mv/125825

comment ކޮމެންޓް