އިންޑިއާގެ ކޯރުތަކުން ޕާކިސްތާނަށް އެންމެ ފެންތިއްކެއްވެސް ނުދާނެގޮތް ހަދާނަން: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އިންޑިއާގެ ކޯރުތަކުން ޕާކިސްތާނަށް އެންމެ ފެންތިއްކެއްވެސް ނުދާނެގޮތް ހައްދަވާނެކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އިންޑިއާގެ ހަރިއާނާ ސްޓޭޓްގައި އޮތް އެއްވުމެއްގައި މޯދީ ވިދާޅުވީ އިންޑިއާގެ ކޯރުތަކުގެ ފެން ހައްގުވަނީ އިންޑިއާގެ ރައްޔިތުންނަށް ކަމަށެވެ.

"ފާއިތުވި ހަތްދިހަ އަހަރު އިންޑިއާގެ ކޯރުތަކުން ދައުރުވާ ފެން އިންޑިއާގެ ދަނޑުވެރިންނާއި ހަރިއާނާގެ ރައްޔިތުންގެ ބަދަލުގައި މިދަނީ ޕާކިސްތާނަށް. އެ ފެންތައް ހަރިއާނާގެ ގެތަކަށް ލިބޭނެގޮތް ހަދާނަން،" މޯދީ ވިދާޅުވިއެވެ.

އިންޑިއާއާ ޕާކިސްތާނުން 1960 ގެ އަހަރުތަކުގައި ހެދި އެއްބަސްވުންތަކުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ދައުރުވާ ހަ ކޯރަކުން ފެން ދަނީ ހިއްސާކުރަމުންނެވެ. އޭގެ ތެރެއިން ތިން ކޯރު ޕާކިސްތާނުން ކޮންޓްރޯލް ކުރާއިރު އަނެއް ތިން ކޮންޓްރޯލްކުރަނީ އިންޑިއާއިންނެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ އެގައުމުގެ ކޯރުތަކުން ޕާކިސްތާނަށް ދައުރުވާފެނުގެ މިސްރާބު ބަދަލުކޮށް ޕާކިސްތާނަށް ފެންލިބޭނެގޮތް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޯރުތަކުގެ ފެނުގެ މިސްރާބު ބަދަލުކުރުމަށް ބައެއް ގައުމުތަކުން ޑޭމް ބިނާކުރުމުގެ ސަބަބުން އެހެނިހެން ގައުމުތަކަށް ފެނަށް ޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެފަދަ ހާލަތްތަކުގައި ގައުމުތަކުގެ މެދުގައި ހަނގުރާމަކުރާ ހިސާބަށް މައްސަލަ ހޫނުވެއެވެ.

comment ކޮމެންޓް