ސޮނޭވާއިން މަޖިލިސް ގޯތިތެރޭގައި މަދިރި ނައްތާލާ އީޖާދެއް ގާއިމުކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަދިރި ނައްތާލާ ސިސްޓަމްތައް ގާއިމުކުރަނީ -- ފޮޓޯ/ މަޖިލިސް

ތިމާވެއްޓަށް ގެއްލުން ދެނިވި މާއްދާތައް ނުހިމެނޭ ގޮތަކަށް މަދިރި ނައްތާލާ އީޖާދީ އާލާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މިއަދު ގާއިމުކޮށްފި އެވެ.

ރިސޯޓް ޗެއިން ސޮނޭވާގެ ފަރާތުން މަޖިލީހުގެ ގޯތިތެރޭގައި ގާއިމުކުރި މަދިރި ޓްރެޕްތަކަކީ ޖަރުމަނުގެ ބަޔޯޖެންޓްސް ކިޔާ ކުންފުންޏަކުން އުފައްދައި، އަދި ނެދަލެންޑްސްގެ ސައިންސްވެރިޔާ ބާޓް ނޮލްސް ރާއްޖެއަށް ތައާރަފުކޮށްދެއްވި ޓެކްނޮލޮޖީއެކެވެ.

މި މަދިރި ޓްރެޕްތަކުން ދޫކުރާ ކާބަންޑައިއޮކްސައިޑާއި ލެކްޓިކް އެސިޑުގެ އަސަރު މަދިރިއަށް ކޮށް، ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް މަދިރިތައް މަރުވެ އެވެ. އަދި މިއީ ފޮޮގިންގް އަދި އިންސެކްޓިސައިޑްސް ފަދަ ތަކެތީގައި ހިމެނޭ ކެމިކަލްގެ ބާވަތްތައް ނުހިމެނޭ ޓެކްނޮލޮޖީއެކެވެ.

ސޮނޭވާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިހާތަނަށް އައީ މަޖިލީހުގެ ގޯތިތެރޭގައި މަދިރި ގިނަވުމުގެ ޝަކުވާތައް އުފުއްލަވަމުން ކަމަށެވެ.

މިއަދު ހެނދުނު އެ މަޖިލީހުގެ ގޯތިތެރޭގައި މިފަދަ ފަސް މަދިރި ޓްރެޕް ގާއިމުކުރި އިރު، ސޮނޭވާގެ ޕެސްޓް ކޮންޓްރޯލް މެނޭޖަރު އާކިބު ޖާހިރު ވަނީ އެ ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތާ ބެހޭ މައުލޫމަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި އެ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަދިރި ނައްތާލާ ސިސްޓަމްތައް ގާއިމުކުރަނީ -- ފޮޓޯ/ މަޖިލިސް

އަދި މަޖިލީހުގެ އިދާރާގެ މެއިންޓެނަންސް ޓީމަށް އެ ޓްރެޕްތަކުގެ މެއިންޓެނަންސާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައި ވާނެކަމަށް ސޮނޭވާއިން ބުންޏެވެ.

މަދިރި މަދުކޮށްދޭ މި ޓެކްނޮލޮޖީ ވަނީ ބ. ކުންފުނަދޫގައި ހިންގާ ސޮނޭވާފުށި ރިސޯޓުގައި ގާއިމުކޮށްފަ އެވެ. ސޮނޭވާއިން ބުނީ ގިނަ އަދަދަކަށް ގަސްގަހާގެހި ހުންނަ އެ ރަށުގައި އެތައް އަހަރެއް ވަންދެން މަދިރި މަދުކުރުމަށް އިންސެކްޓިސައިޑް ޖަހަމުން އައި އިރު، އެރަށުގައި އުޅޭ މަދިރިތައް ވަނީ އިންސެކްޓިސައިޑްތަކަށް ހޭނިފައި ކަމަށެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ސޮނޭވާފުށީގައި 495 މަދިރި ޓްރެޕް ގާއިމުކޮށްފައިވާ އިރު، ސޮނޭވާއިން ބުނީ އެ ރިސޯޓުގައި މަދިރީގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ ބައެއް ސަރަހައްދުތަކުން މަދިރި މުޅިން ނެތި ގޮސްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓު ފެށުމާއެކު ކެމިކަލް އިންސެކްޓިސައިޑުތައް ޖެހުން ހުއްޓާލުމުގެ ސަބަބުން ދޮންދޫންޏާއި ކުޅަނދުރު އަދި ކޮކާ ފަދަ ދިރޭ ސޫފިތަކުގެ ހަރަކާތްތައް އިތުރުވެއްޖެކަމަށްވެސް ސޮނޭވާއިން ބުންޏެވެ.

comment ކޮމެންޓް