ބިދޭސީން ރާއްޖެއިން ވަގަށް ފައިސާ ބޭރު ކުރުން ހައްދުން ނެއްޓިފައި

އޮކްޓޫބަރ 15، 2019: ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިމިގްރޭޝަންގެ އިސްވެރިންނާއި ފުލުހުން ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ރެމިޓެންސް ގަވައިދަށް އަމަލު ކުރުން މިހާރު ހުއްޓާލާފައިވާތީ، ބޮޑެތި އަދަދުތަކުން ބިދޭސީން ރާއްޖެ އިން ވަގަށް ފައިސާ ބޭރު ކުރުން ހުއްޓުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.

ރެމިޓެންސް ގަވައިދަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިރާއަށް ލިބިގެންވާ ބާރުގެ ދަށުން 2016 ވަނަ އަހަރު އަމަލު ކުރަން ފެށި ގަވައިދެކެވެ. އެ ގަވާއިދުގެ މަގްސަދަކީ، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކްސް، ރެމިޓެންސް ޓެކްސް ނެގުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ފުލުުންގެ ފަރާތުން ވަނީ، ވަގަށް ފައިސާ ބޭރު ކުރުން ހުއްޓުވުމުގައި އެ މުއައްސާއަށް ހުރި ގޮންޖެހުންތައް ކޮމިޓީއާ ހިއްސާ ކުރައްވާފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މީގެ ކުރިން ރެމިޓެންސް ގަވައިދުގެ ދަށުން ރެމިޓެންސް ޓެކްސް ނުދައްކާ ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ އަތުލައި މީރާއާ ހަވާލު ކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު އެ ގަވައިދަށް އަމަލު ކުރުން ހުއްޓާލުމާއެކު ފައިސާ ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"މި ވަގުތު ހާލަތަކީ، އެ ގަވައިދު އެއޮތީ އޭޖީ އޮފީހުގެ ލަފަޔާ އެއްގޮތަށް ނުވާތީވެ، އެ ގަވައިދަކީ މިހާރު އަމަލު ނުކުރެވޭނެ ގަވައިދަކަށް ވާތީވެ، މި ވަގުތަށް ހިފެހެއްޓޭ އެއްވެސް ފައިސާއަކާ މެދު ކުރިން އަމަލު ކުރަމުން އަންނަ ގޮތައް އަމަލެއް ނުކުރެވޭ،" ބަޝީރު ވިދާޅުވި އެވެ.

އިއްޔެ ކޮމިޓީގައި ބަޝީރު ވާހަކަ ދައްކަވަނީ: ރެމިޓެންސް ގަވައިދަށް އަމަލުކުރުން ހުއްޓާލުމުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އޭނާ ވިދާޅުވީ، އެ ގަވައިދަށް އަމަލު ނުކުރުމަށް މީރާ އަށް ލަފާ ދެއްވީ އޭޖީ އޮފީހުން ކަމަށެވެ. ނަމަވެސް އެ ގަވައިދަށް އަމަލު ކުރުން ހުއްޓާލީ ކޮން އިރަކު ކަމެއް ބަޝީރު ވިދާޅެއް ނުވެ އެވެ.

ބަޝީރު ވިދާޅުވިގޮތުގައި، މިހާރު ދުވަހެއް ދުވަހަކަށް ވަގަށް ރާއްޖެއިން ބޭރުކުރާ ފައިސާގެ އަދަދު ދަނީ ބޮޑުވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ގެންދާ ބިދޭސީން މިހާރު ފަހަރަކު، މަދުވެގެން އެއް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ގެންދާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އެހެންވީމަ މިއަށް އެބަޖެހޭ މި ވަގުތަށް މިވަގުތަށް ގަވައިދުތަކެއް އަންނަން. އައިސް ހައްލެއް ހޯދަން ޖެހޭ. އެހެން ނޫނީ ރެމިޓެންސްގެ ގޮތުގައި ދައުލަތައް ލިބެންޖެހޭ ފައިސާވެސް ނުލިބި އަދި ރާއްޖެއަކީ އެއްވެސް ކޮންޓްރޯލެއް ނެތި އެއްވެސް ހަމައެއް ލަމައެއް ނެތި މީހުން ފައިސާ ބޭރު ކުރެވޭ ގައުމަކަށް ވެއްޖެ ނަމަ، މަނީލޯންޑަރިންގެ އިޝޫޒް ތަކަށް އަޅުގަނޑުމެން ކުރާ މަސައްކަތައް އިތުރު ގޮންޖެހުންތަކެއް އަންނާނެ ކަމަށް ބެލެެވެނީ،" ބަޝީރު ވިދާޅުވި އެވެ.

ވަގަށް ފައިސާ ބޭރުކުރުން ގާނޫނުން މަނާ ކުރަން ޖެހޭ!

އޮކްޓޫބަރ 15، 2019: ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިމިގްރޭޝަންގެ އިސްވެރިންނާއި ފުލުހުން ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ބަޝީރު ވިދާޅުވީ، ގިނަ އަދަދެއްގެ ފައިސާ ގެންދާކަމުގެ މައްސަލައެއް އެންމެ ފުރަތަމަ އެ މުއައްސާއަށް ހުށަހެޅުނީ ނޮވެމްބަރު، 2015 ގައި ކަމަށެވެ. އަދި އެފަހުން ހަމަ އެހަރުގެ ޑިސެމްބަރުގައި ވެސް އެފަދަ މައްސަލައެއްގައި ގިނަ އަދަދެއްގެ ފައިސާ ހިފެހެއްޓި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭރު ރެމިޓެންސް ގަނޫނެއް ނުވަތަ ގަވައިދެއް ނެތުމުން އެ ފައިސާ ދޫކޮށްލަން ޖެހުނު ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އެ ދެ މައްސަލައިގައިވެސް އޭރު އެ ފަރާތްތަކާ ފައިސާ ހަވާލު ކުރަން ޖެހުނީ އޭރު ގާނޫނުތައް ހުރި ގޮތުން އެމީހުންގެ މައްޗަށް މަނީލޯންޑަރިންއަށް ޝަރީއަތް ހިންގުމަށް އެކަށީގެންވާ ހެކި ނުލިބުމުން އާއި ރެމިޓެންސް ގަވައިދު ނެތިގެން ފައިސާ ދޫކޮށްލަން ޖެހުނީ،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރެމިޓެންސް ގަވައިދު އައީ އެފަހުން ކަމަށާއި ރެމިޓެންސް ގަވައިދަށް އަމަލު ކުރަން ފެށިފަހުން ޖުމްލަ ހަތަރު ކޭސް އެއްގައި ފައިސާ މީރާއާ ހަވާލު ކުރެވިފައިވާނެ ކަމަށެެވެ. އަދި އެއް ކޭސް މިހާރު ކޯޓުގައި ހިނގަމުންދާނެ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ، މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގާއިރު އެކަށީގެންވާ މިންވަރަށް ހެކި ނުލިބޭ ކަމަށެވެ. އެގޮތައް ހެކި ނުލިބުމުން ގިނަ ފަހަރު ފައިސާތައް ދޫކޮށްލަން ޖެހޭ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ، ރެމިޓެންސް ގަވައިދުވެސް އަލުން އެކުލަވާލެވި އަމަލުކުރެވޭނެ ގޮތެއް ހަދައި ދިނުން. އަދި ސްމަގްލް ކުރުން، [ވަގަށް ފައިސާ ބޭރުކުރުން] މިއީ ކުށެށްގެ ގޮތުގައި ކަނޑައަޅައިދީ، ގާނޫނުގެ ތެރެއިން ހައްލެއް ހޯދައި ދިނުން،"ބަޝީރު ވިދާޅުވި އެވެ.

ބަޝީރުގެ ވާހަކަތަކަށްފަހު، ކޮމެޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ގާނޫނުތަކުން މިހާރުވެސް އެފަދަ ކުށްތަކަކީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމަށެެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގާނޫނާއި ބިދޭސީންގެ އާންމުދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އަދި މަނީލޯންޑަރިންގެ ގާނޫނާއި މި ގާނޫނުތަކުން އެ ކަންތައްކަކީ ކުށް ކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް،" މުގައްރިރު ވިދާޅުވި އެވެ.

އެ ތިން ގާނޫނުން ނުފުދޭ ނަމަ، ހައްލެއް ހޯދުމަ މަޖިލީހަށް ސިޓީއެއް ފޮނުވުމަށް މުގައްރިރުން ފުލުހުންގެ ކިބިއިން އެދިވަޑައިގަތެވެ.

comment ކޮމެންޓް