ހޮންކޮންގެ މުޒާހަރާތަކަށް ތާއިދުކޮށް އެމެރިކާގެ ހައުސްއިން ބިލުތަކެއް ފާސްކޮށްފި

އެމެރިކާގެ ހައުސްއިން ފާސް ކުރި ބިލުތަކަށް ތާއިދުކޮށް ހޮންކޮންގައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (އޮކްޓޯބަރު 16): ހޮންކޮންގައި މުޒާހަރާކުރަމުންދާ ފަރާތްތަކަށް ތާއިދުކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ތިން ބިލެއް ފާސްކޮށްފި އެވެ.

ހޮންކޮން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އެކްޓްގެ ނަން ދީފައިވާ ފުރަތަމަ ބިލުގައި ވަނީ، ޗައިނާއިން ހޮންކޮންގެ މަދަނީ މިނިވަންކަމަށް އަރައިގަންނަތޯ އާއި އެސަރަހައްދުގެ ގާނޫނީ ވެރިކަމަށް ބާރު ފޯރުވާތޯ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު ބަލަން އަންގާފަ އެވެ.

އަދި ދެވަނަ ބިލް ފާސްކޮށްފައި ވަނީ ހޮންކޮންގެ ފުލުހުން މުޒާހަރާތައް ރޫޅާލުމަށް ބޭނުންކޮށްފާނެ އެމެރިކާގެ ކަރުނަ ގޭހާއި ރަބަރު އުންޑަ ފަދަ ތަކެތި އެސަރަހައްދަށް އެކްސްޕޯޓު ކުރުން ހުއްޓުވުމަށެވެ.

މީގެ އިތުރުން ތިން ވަނައަށް ފާސްކޮށްފައި ވަނީ ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރު ކުރުން ކުށްވެރިކޮށް، އެސަރަހައްދުގެ ރައްޔިތުންގެ މުޒާހަރާ ކުރުމުގެ ހައްގު ދިފާއު ކުރާ ގަރާރެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެބިލުތައް ކުށްވެރިކޮށް، ހޮންކޮންގެ މައްސަލަތަކަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނުން ހުއްޓާލުމަށް އަންގާފަ އެވެ.

އެމެރިކާގެ ހައުސްއިން ފާސްކުރި ބިލް ދެން ފޮނުވާނީ ސެނެޓަށެވެ. އަދި އެއަށް ފަހު އެބިލް ތަސްދީގު ކުރުމަށް ނުވަތަ ވީޓޯ ކުރުމަށް ރައީސަށް ފޮނުވާނެ އެވެ.

މިދިޔަ އޭޕްރިލް މަހު ހޮންކޮންގައި މުޒާހަރާތައް ފެށުނީ އެސަރަހައްދުގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރުމާ ބެހޭ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

އެބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށުމުން ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލް ސަސްޕެންޑު ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ވެސް މުޒާހަރާތައް ކުރިއަށްގެންދާތީ، މިދިޔަ މަހު ބިލް އަނބުރާ ގެންދެވި ނަމަވެސް އެމުޒާހަރާތަކަށް ނިމުމެއް ނާދެ އެވެ.

އެމުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ބިލް އަނބުރާ ގެންދިޔުމުގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށާއި އެމުޒާހަރާތަކަކީ "ހަމަނުޖެހުން ހިންގުން ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް