އަގު ދީގެން ޕާކު ކުރާ ގޮތަށް 40 ޖާގަ ދޫކޮށްފި

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މ. ދަންޑަހެލުގޭގައި ތަރައްގީކޮށްފައިވާ ޕާކިންޒޯނުގައި އަގު ދީގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ 40 ޖާގަ، މާލޭ ސިޓީ ކައުންސިލުން މިއަދު ދޫކޮށްފިއެވެ.

ސުޕްރީމް ކޯޓު ކުރިމަތީގައި ސިޓީ ކައުންސިލުން ހެދި ޕާކިން ޒޯނުގައި އަގު ދީގެން ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ޖާގަތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު މަހު އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ޖާގަތަކަށް އެދި 104 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެހެންކަމުން އެ ޖާގަތައް ދޫކުރާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ވަނީ ގުރުއަތު ނަގައިފައެވެ.

އިސްކަންދަރު ސްކޫލުގައި މިއަދު ކުރިއަށް ދިޔަ ގުރުއަތުން ހޮވުނު 40 ފަރާތަށް ވަރަށް އަވަހަށް ޕާކިން ޒޯން ހަވާލު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ޕާކިން ޒޯނުގެ އަގުތައް:
1. ސައިކަލު- މަހުފީ: 600 ރުފިޔާ، ގަޑިއިރަކަށް، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް ފަސް ރުފިޔާ

2. ކާރުލޭންޑްރޯވަ، ވޭން، ކުޑަ ޕިކަޕް - މަހުފީ: 3000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 20 ރުފިޔާ

3. 500-2000 ކިލޯ އާއި ދެމެދުގެ ޕިކަޕް - މަހުފީ: 3500 ރުފިޔާ، ގަޑިއަކަށް، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 25 ރުފިޔާ

4. 2000 އާއި 5000 ކިލޯ އާއި ދެމެދުގެ ލޮރީ - މަހުފީ: 4000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 30 ރުފިޔާ

ސިޓީ ކައުންސިލުން ކަނޑައެޅި އުސޫލުގެ ދަށުން ޕާކިން ޒޯނުން ޖާގަ ދޫކުރާނީ ޕާކުކުރަން އެދޭފަރާތުގެ ނަމުގައި ކަނޑައެޅޭ ވަކި ބާވަތެއްގެ ވަކި ރަޖިސްޓްރީ ނަމްބަރެއްގެ ވަކި އުޅަނދެއް ޕާކުކުރުމަށް އެކަންޏެވެ.

އެޖާގައިގައި އެހެން ބާވަތެއްގެ ނުވަތަ އެހެން ރެޖިސްޓްރީ ނަމްބަރެއްގެ ވެހިކަލެއް ޕާކު ކުރުމަކީ މަނާކަމެއް ކަމަށާއި ޕާކުކުރުމުގެ ހުއްދަދެވޭ އުޅަނދެއް އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކައިފި ނަމަ އެއުޅަނދު ބޭއްވުމަށް ދެވިފައިވާ ހުއްދަ ބާތިލުވާނެކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ޒޯނުން ޖާގަދެވިފައިވާ އުޅަނދު ޕާކުނުކޮށް ޖާގަ ހުސްކޮށް ގިނަ ދުވަހު ހުހަށްބާއްވާ ނަމަ ފަސް ދުވަހުގެ މުއްދަތު ބެލުމަށް ފަހު އެޖާގަ ކެންސަލް ކޮށް، އެހެން ފަރާތަކަށް ޖާގަ ދޫކުރާނެ ކަމަށް އުސޫލުގައިވެ އެވެ.

ޕާކުކުރުމުގެ ހުއްދަ ލިބޭފަރާތަކުން ކޮންމެ މީލާދީމަހެއްގެ ތިން ވަނަ ދުވަހުގެ ކުރިން އެމަހަކަށް ފައިސާ ދައްކަންވާނެ ކަމަށާއި އޭގެ ފަހުން ފައިސާ ބަލާގަންނާނީ 50 ރުފިޔާގެ ޖޫރިމަނާއަކާއި އެކުގައި ކަމަށް ބުނެފައިވެ އެވެ. އަދި މަހުގެ ފަސް ވަނަދުވަހާއި ހަމައަށް ފައިސާނުދައްކާ ފަރާތްތަކުގެ ޕާކިންގ ހުއްދަ ބާތިލުކޮށް އަދި އެޖާގަ އެހެން ފަރާތަކަށް ދެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

comment ކޮމެންޓް