ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު: މިނިސްޓަރު އަލީ

ބ. ހިބަޅިދޫ: ބިޒްނާސް މޯލްޑިވްސްގެ އަތުން އެ ރަށް އަތުލި މައްސަލަ އަދިވެސް އޮތީ ކޯޓްގައި.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ދާއިރާ ކަމަށާއި ވިޔަފާރީގެ ބޮޑެތި މައްސަލަތައް ވެސް ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވައިފި އެވެ.

ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޮމިޓީއަށް މިއަދު ވަޑައިގަތް ވިދާޅުވީ، ކޯޓުތަކުގެ ފަނޑިޔާރުން ބޮޑެތި ވިޔަފާރިވެރިން ވަރަށް ދަށް ހާލަތަކަށް ވައްޓާލާ ކަމަށެވެ.

"ލެޓްސް ގޯ ރިޔާޒުގެ މައްސަލައިގައި، އަޅުގަނޑު އެއްވެސް ހާލެއްގައި މި ދެންނެވީ އޭނަ އަޅުގަނޑަށް ރިޝްވަތު ހުށަހެޅި ވާހަކައެއް ނޫން. އޭނައަށް އެ ތްރެޓްކޮށް، [ވަކި ގޮތަކަށް މައްސަލަ ނިންމާނެ ކަމަށް ބުނެ] އޭނާ މާޔޫސްކޮށްލާ އެބަ ހަދައޭ [ކޯޓުން]، އޭނާ އައިސް މި ބުނަނީ، މިނިސްޓަރޭ މިއީއޭ މިގައުމުގެ ހާލަތު އޮތް މިންވަރު. ތިމަންނައަށް، އަޅުގަނޑަކަށް ނޭނގޭ އިންސާފުވެރި ނިންމުމަކީ ކޮބާ ކަމެއް. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި. [ރިޔާޒުގެ މައްސަލައިގައި ހިމެނޭ ރަށަކީ] ހިބަޅިދޫ. އެރަށަކީ... އަޅުގަނޑު ބޭނުމެއް ނޫން ކޮންމެހެން ސިއްރެއް ކުރާކަށް. މި ދެންނެވީ އިންސިޑެންޓާ އެއްކޮށް. ކޯޓުން އެބަ ބުނެޔޭ މިވެނި ވަރެއް ދައްކާށޭ، އޭރުން މައްސަލަ ނިންމާލަ ދޭނަމޭ ތިބޭފުޅާއަށް ރަނގަޅަށް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ބ. ހިބަޅިދޫ --

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށާއި އެފަދަ ހާލަތަކަށް ރާއްޖޭގެ ވިޔަފާރިވެރިއަކު ވައްޓާލާ ނިޒާމެއް ބަލައިނުގަނެވޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ އެ ވާހަކަތަކާއެކު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުން ވަނީ އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެފައި އެވެ. އަދި އެކަން ޖޫޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިގެން ބެއްލެވުމަށް މިނިސްޓަރުގެ އަރިހުން މެމްބަރުން އެދިވެޑައިގެންނެވި އެވެ.

ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށްޓަކައި ފަނޑިޔާރުން ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތު މިނިސްޓަރު އަލީ މިއަދު ކޮމިޓީގައި ކުރެއްވި އިރު، މިހާރު އޮތް އަދުލު އިންސާފުގެ ނިޒާމާއި ގާނޫނުތައް އިސްލާހުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން މިނިސްޓަރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

ލެޓްސް ގޯ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޔާޒު، 2011 ވަނަ އަހަރު ހިބަޅިދޫ ކުއްޔަށް ނެގުމަށް ފަހު، އޭނާގެ އެހެން ކުންފުންޏެއް ކަމަށްވާ ބިޒްނަސް މޯލްޑިވްސްގެ ނަމަށް އެ ރަށް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން 2014 ވަނަ އަހަރު ހުއްދަ ދީފައިވަނިކޮށް، 2015 ވަނަ އަހަރު އެ ރަށުން ހަތިޔާރު ފެނިގެން އެ ރަށް ބަންދު ކުރުމަށްފަހު، އެ ރަށް ތަރައްގީ ކުރަން ދައުލަތުން ބިޒްނަސް މޯލްޑިވްސްއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފަ އެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެގޮތަށް ނިންމާފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ މަތީ ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ.

comment ކޮމެންޓް