އައްޑޫ ފްލެޓުތަކުގެ ޑައުންޕޭމަންޓް ބަހާލައިގެން ދެއްކޭނެ

އައްޑޫގައި އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: ކައުންސިލް

އައްޑޫސިޓީގައި އަޅާފައިވާ ފްލެޓުތަކުގެ ޑައުންޕޭމަންޓު ދެ މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީކައުންސިލުން ބުނީ އެ ސިޓީގައި އަޅާފައިވާ ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 19000 ރުފިޔާ ދެ މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ.

ފްލެޓު އެގްރިމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފުރަތަމަ 9500 ރުފިޔާ ދެއްކޭނެ ކަމަށާއި ބާކީ 9500 ރުފިޔާ، އޭގެ 60 ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫގައި އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: ކައުންސިލް

އައްޑޫ ގައި އަޅާފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން ސ ހިތަދޫ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކޮށްފައިވާއިރު ހުޅުމީދޫ އަދި ހުޅުދޫ ގައި އެޅި ފްލެޓުތައް ހަވާލުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހިތަދޫގައި އެޅި ފްލެޓުތަކުގެ ތެރެއިން 30 ފްލެޓު ހާއްސަކޮށްފައިވަނީ މަރަދޫއާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 50 ފްލެޓު ހާއްސަކޮށްފައިވެއެވެ.

ހިތަދޫ ފްލެޓުތައް އަޅާފައިވަނީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެންނެވެ.

comment ކޮމެންޓް