މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

މާހިރާ ލޮލުގެ މައްޗަށް ވާގޮތަށް އަތް ހުރަސްކޮށްލީ ލައިޓުން އުނދަގޫވެގެން ކަމެއް ނޫނީ ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުންކަމެއް ދެނެގަންނަން އުނދަގުލެވެ. މާހިރާއަށް ބަލަން އިން ޔާސިރު އޭރުވެސް އިނީ ހައިރާންވެ ހަދާނެ ގޮތް ނޭނގި ހުއްޓުން އަރާފައެވެ. ލޮލުގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. މިއީ އަނެއްކާ ހުވަފެނެއް ހެއްޔެވެ؟ ނޫނީ މިއީ ބިލާހެއް ހެއްޔެވެ؟

އެހެންވާނީ ކިހިނެތް ހެއްޔެވެ؟ މާހިރާ ރާއްޖެ ގެންނާނީ ކާކުހެއްޔެވެ؟ ޝަކީބު ހެއްޔެވެ؟ ނޫނެކެވެ. ޝަކީބުއެއް ނޫނެވެ. އޭނާ ބެދިދާނޭ އެއްވެސް ކަމެއް ޝަކީބު އެއް ނުކުރާނެއެވެ. އިތުރު މީހަކު ހަމަ ހަޤީގަތުގައިވެސް އެމީހުން ފަހަތުން އެބަ އުޅެއެވެ. ޔާސިރު އެހާ ހާސްވި ވަގުތެއް އޭނާގެ ހަޔާތުގައިވެސް ނާންނަ ފަދައެވެ.

ކާރުގެ ދޮރުފަތް ހުޅުވާލަން އަތްގަނޑުގައި ހިފާލިތަނާ އައިނައި ތަނެއް ނޭނގި ޒުވާން ފިރިހެނަކު މާހިރާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. ޔާސިރުއަށް އެ ޒުވާނާ ފެނުނީ ފުރަގަހަތުން ކަމަށް ވުމާއެކު އެއީ ކާކުކަން އޭނާއަށް ދެނެގަންނަން އުނދަގޫވިއެވެ. އެހެންވިޔަސް މިރޭ އެ ދެމީހުން އޭނާގެ މުށުތެރެއިން ގެއްލޭކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ކާރުން ފައިބައިފިއެވެ. އެހެންނަމަވެސް އޭރު އެ ޒުވާނާ މާހިރާ ގޮވައިގެން ގޮސް ޖެހިގެން އޮތް ގޯޅިއަށް ވަންނަނީއެވެ. ޔާސިރު އުޅޭ ގޮތުން ޑްރައިވަރު ވެސް އިނީ ކުޑަކޮށް ހައިރާންވެފައެވެ. ވާރާގެ ތެރޭގައި ދުވަމުން ގޮސް އެ ގޯޅިގަނޑަށް ޔާސިރު ވަނެވެ. އެހެންނަމަވެސް އޭރު އެ ދެމީހުން ފެންނާކަށް ނެތެވެ.

ކުއްލިއަކަށް މާހިރާގެ އަތުގައި ހިފާ ކާރިގެ ކުރިމަތިން ދުރަށްލާފައި މީހަކު އޭނާ ގެންދިޔުމުން ހުދު މާހިރާއަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. އޭރުވެސް އޭނާގެ މުޅި ނަފްސު ހިސާރުކޮށްފައިވަނީ ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމަކުންނެވެ. އިބާގެ މަތިން ހަނދާންވަނީއެވެ. ބިރުން ތުރުތުރު ވެސް އަޅަނީއެވެ. ދެފަހަރަކު ގަދަ ހަދާލުމަށްފަހު މަޑުން ހުންނަން ފެށީ އޭނާގެ ސިކުނޑިއަށް ފަނޑުފަނޑުކޮށް ހަނދާންތަކެއް ވެރިވާން އުޅޭހެން ހީވެފައެވެ.

"ނަވީން މަންމާ... މީ އަހަރެން... ރާފިހް" ރާފިހް މާހިރާގެ އަނގަމަތިން އަތް ނައްޓުވާލާފައި ބުނެލިއެވެ. އޭރު އެމީހުން ތިބީ ހިމަ ހިމަ ގޯޅިގަނޑެއްގައެވެ. ރާފިހް ހުރީ ވިއްސާރަ ކޯޓެއްގައެވެ. އެހެންކަމުން ވާރޭން އޭނާއަށް ސަލާމަތް ވެވުނު ނަމަވެސް މާހިރާ ދިޔައީ ތެމި ފޯވަމުންނެވެ، އެއްފަރާތަކަށް ޖެހިލާ އަސްކަންޏަކުން ހިޔާ ހޯދަމުން ރާފިހް މާހިރާގެ ގައިގައި އޭނާގެ ކޯޓް އަޅުވައިދިނެވެ. މާހިރާ ހުރި ގޮތުން މާހިރާގެ ކޮނޑުގައި ހިފާ ދެފަހަރަކު ތަޅުވާލާފައި ރާފިހް ވާހަކަ ދެއްކިއެވެ. އެއާއެކު ހަމަ ބިމަށް އާދެވުނު މީހަކު ފަދައިން މާހިރާ ސިހިފައި ރާފިހް އަށް ބަލާލިއެވެ. އެންމެ ފުރަތަމަ އޭނާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނަމަވެސް އެއީ ރާފިހް ކަން އެނގުމުން މާހިރާގެ ހަރަކާތްތަކަށް ބަދަލު އަތުވެއްޖެއެވެ. އޭނާގެ ލޮލުން ކަރުނަތައްވެސް ފައިބައިގެން ހިނގައްޖެއެވެ. ރާފިހް މާހިރާގެ ކޮނޑުގައި އަތް ލުމުން މިފަހަރުވެސް ސިހުނެވެ. އެހެންނަމަވެސް ރާފިހް ދެފަހަރަކު ވާހަކަ ދައްކައިލުމުން އޭނާ ހަމަޖެހުނެވެ. އެހެންނަމަވެސް ބިރުވެރިކަން ކުޑައެއްނުވިއެވެ. ލިބިފައިވާ ހަމައެކަނި ހިންހަމަޖެހުމަކީ ގާތުގައި މީހަކު ހުރި ކަމުގެ ހިންހަމަޖެހުމެވެ.

މަގުގެ ދެފަރާތަށް ބަލާލާފައި ޔާސިރުގެ ހަބަރެއް ނުވުމުން އޭނާ ފޯނު ނަގާ އަވަސް އަވަހަށް ނަވީންއަށް ގުޅާލިއެވެ. އޭނާ އެ ހިސާބަށް އަރާ ހަމަވިއިރު ފެނުނު މަންޒަރު ކިޔައިދިނެވެ.

"ނަވީން މަންމަ އެކަނި ހުރީ... އިބާ ފެންނާކަށް ނެތް. މަންމަ ހުރި ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައެއް ނޫން... އަވަހަށް އާދޭ... އަހަރެންވެސް މަންމަ ގޮވައިގެން ގެއަށް މިދަނީ... ޔާސިރު އަތް ފުނާ ނާޅާނެ ކަމެއްވެސް ނޭނގެ..." ރާފިހް ބުނެލިއެވެ. ނަވީން އިތުރު އެއްޗެއް ނުބުނެ އެބަދަމޭ ކިޔާފައި ފޯނު ބޭއްވީއެވެ. ރާފިހް އެރޭ ހޮސްޕިޓަލަށް ދިޔައީ އޭނާގެ އެކުވެރިއެއް ކައިރިއަށެވެ. ހާލުދެރަވެ ބޭރަށް ފުރަން އެ އާއިލާ އުޅޭތީ އާވެސް އެކުގައެވެ. ގޮސް އައި މަގުމަތީގައި ޔާސިރު ގެ ކާރު ފެނި އޭނާ އެ ކާރުގެ ފަހަތުން ދުއްވައިލީ ޔާސރު އެދާ ތަނެއް ބަލާލުމުގެބޭނުމުގައެވެ. އޭރު މާބޮޑު އެއްޗެއްވެސް އޭނާގެ ހިތަކުނެތެވެ. އިސާހިތަކު ޔާސިރު މާހިރާ އުޅޭ ގެއާ ކައިރިވަމުން ދިޔައެވެ. ރާފިހް ވެސް ދުއްވަމުން ދިޔައެވެ. މާހިރާ އުޅޭ ގޭގެ މަގަށް އެޅުނު އިރު އޭނާގެ ލޮލުގައި މާހިރާ އައިސް ޔާސިރުގެ ކާރުގެ ކުރިމައްޗަށް އެރި މަންޒަރު އަޅައިގަތެވެ. ސިކުނޑި އެލާރޓަށް އައީ ދެނެވެ. އަވަސް އަވަހަށް ސައިކަލު ޕާކު ކޮށްލާފައި އޭނާ ދުއްވައިގަތީ މާހިރާ ކާރުގެ ކުރިމަތިން ދުރަށް ދެވޭތޯއެވެ.

މާހިރާގެ ރުއިމުގެ އަޑު ރާފިހްގެ ކަންފަތުގައި ޖެހުނެވެ. އޭނާ މަޑުމަޑުން މާހިރާގެ ކޮނޑުގައި ޖަހާލަމުން ކިހިނެތްވީތޯ ސުވާލުކުރިއެވެ. މާހިރާގެ ބިރުގެ ސަބަބުން އެއްޗެއް އޮޅުން ފިލުވޭ ގޮތެއް ނުވިއެވެ. ގެއަށް ދާން ވެގެން މާހިރާ އާ އެކު ހިނގައިގަތް އިރު އިބާ ކޮބާ ބާވައޭ ހިތަށް އެރިއެވެ. އެހެން ނަމަވެސް ހާލަތުގެ ގޮތުން އެ ސުވާލު މާހިރާ އާ ކުރާކަށްވެސް ރާފިހް ބޭނުމެއް ނުވިއވެ. އޭނާ މާހިރާގެ ކޮނޑުގައި ހިފައްޓާލައިގެން ހުރެ މަޑުމަޑުން ވާރޭގެ ތެރޭގައި ހިނގަމުން ގޮސް އެގެއަށް ވަނެވެ. އޭރު ޔާސިރުގެ ހިލަމެއްވެސް ނެތެވެ. ގޭތެރެއަށް ވަދެފައި ރާފިހް ދެފަހަރަކު އިބާއަށް ގޮވާލިނަމަވެސް ގޭތެރެއިން އިބާގެ އެއްވެސް ހިލަމެއް ނުވިއެވެ. އެހެންކަމުން އޭނާ ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. މާހިރާ ސޯފާގައި ބައިންދާފައި ކޮޓަރިތައްވެސް އޭނާ ހޯދާލިއެވެ. އެހެންނަމަވެސް އިބާގެ ހިލަމެއް ނުވިއެވެ. އެ ވާހަކަ ބުނަން ވެގެން އޭނާ ނަވީންއަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ އިރުކޮޅެއް ވަންދެން ހުރުމަށްފަހު އޭނާ މާހިރާގެ ގާތަށް އައިސް އިށީނެވެ. ބިރުން އިން މާހިރާގެ ނަޒަރު ރާފިހްއަށް ހުއްޓުމާއެކު އޭނާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް މާހިރާގެ އަނގަ ހަރަކާތެއް ނުކުރިއެވެ. ހާސްވުމާއެކު ދެވަނަ ފަހަރަށްވެސް ނަވީންއަށް ގުޅޭތޯ ރާފިހް މަސައްކަތް ކުރިއެވެ. މިފަހަރުވެސް ގުޅޭ ގޮތެއް ނުވިއެވެ. މާހިރާއަށް ބަލާލުމަށްފަހު ކައްކާބަޔަށް ވަދެ ތައްޓަކަށް ފެން އެޅުމަށްފަހު އެ ހިފައިގެން އޭނާ އައިސް މާހިރާގެ އަތަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފަން އުޅުނު މާހިރާގެ އަތުގައި އާދަޔާ ހިލާފް ތުރު ތުރު އެޅުމެއް ވިއެވެ. ރާފިހް އަށް ދުޢާ ކޮށްލެވުނީ ނަވީން އަވަހަށް އާދޭތޯއެވެ. މާހިރާގެ މޫނުމަތިން ފެނުނު އަސަރުތަކުން ކޮންމެވެސް ކަމެއް ގޯސްކޮށް ވެއްޖެ ކަމުގައި އޭނާއަށް ޔަގީން ކުރެވުނެވެ.

ދެއަތުން ތަށީގައި ހިފައްޓާ އެއްނޭވާއިން މާހިރާ ފެންތަށި ދަމާލިއެވެ. އެއަށްފަހު އޭނާ ރާފިހްއަށް ބަލާލިއެވެ. އެއްޗެއް ނުބުނެއެވެ. ތެދުވެ ހުސްތަށި މާހިރާ އަތުން އަތުލަމުން ގޮސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ރާފިހް ބޮލުން ފެންތައް ފޮޅާލިއެވެ. މީހާ ހުރި އެކީ ދެމި ފޯވެފައެވެ. އެހެން ތިއްބާ ނަވީން ދޮރު ހުޅުވާލާފައި ވަނެވެ. އެއާއެކު އޭނާ ނަވީންއަށް ބަލާލިއެވެ. ނަޥީން ބަލާލީ ރާފިހް އަށެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވިއެވެ.

ރާފިހް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާގެ ލޮލޮލުގައި ޔާސިރުގެ ކާރު އަޅައިގަތީއެވެ. ނަސީބަކީ ކަންނޭނގެއެވެ. އެއީ ޔާސިރުގެ ކިބައިން އޭނާއަށް މާހިރާ ސަލާމަތް ކުރެވެން ވެގެން ކަންތައްވީގޮތް ކަންނޭނގެއެވެ. ނަވީންއަށް އަޑު އިވުނު ވާހަކަތަކާއެކު އޭނާވެސް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އިބާގެ ހަބަރެއް ނުވިއެވެ. ކުޑަކޮށް ހާސްވިއެވެ. އިބާގެ ފޯނަށް ގުޅިއެވެ. އެހެންނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. ނަވީން ހާސްވިއެވެ. ފުރަތަމަވެސް އޭނާގެ ހިޔާލަށް އައީ ޒައިދުއެވެ. އަނެއްކާ އިބާ..... ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އޭނާ އެންމެ ފަހުން ބެލި ބެލުމުން ވެސް އެނގުނު ގޮތުގައި ޒައިދު ވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައެވެ. އަދި ދޫކޮށްލާހާ ދުވަހެއްވެސް ނުވެއެވެ. ގެ ބަދަލުކުރަން އުޅެފައި އޭނާ މަޑުކޮށްލީ ވެސް އެހެންވެއެވެ. ޒައިދުގެ އުނދަގުލެއް ނުފޯރާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.

މާހިރާގެ ގާތަށް ގޮސް އިށީނުމާއެކު މާހިރާ ނަވީންގެ އަތުގައި ހިފާލާފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"އިބާ... ދެމީހުން... އިބާ..." ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް މާހިރާ ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު ނަވީން މާހިރާގެ އަތަށް ބާރުކޮށްލިއެވެ.

"މަންމާ... ހަމަ ޖެހިގެން ވާހަކަ ދައްކަބަލަ...އޭރުން އިނގޭނީ.. އެއްވެސް ކަމެއް ނުވާނެ ދެން... މިހާރު އަޅުގަނޑު މިހުރީ މަންމަ ކައިރީގައެއްނު" ނަވީން ބެލީ މާހިރާ ހަމައަކަށް އެޅުވޭތޯއެވެ. އޭނާ ތެދުވެގެން ކޮޓަރިއަށް ވަދެ އައީ ތުވާއްޔެއް ހިފައިގެންނެވެ. އައިސް މާހިރާގެ މޫނުމަތީގައި ހުރި ފެންތައް ފުހެދިނުމަށްފަހު އަޅާފައިވާ ވާރޭ ކޯޓް ނަގާ ތުވާލި ގައިގައި އޮޅައިލަދިނެވެ. އެއަށްފަހު ދެވަނަ ފަހަރުވެސް ވީ ގޮތަކާ ބެހޭގޮތުން ސުވާލުކުރިއެވެ.

"އެރޭ... އޭނަ އަހަރެން.... ގެންދިޔައީ.... އަނގަމަތީ ފޮތިގަނޑެއް.... އައްސައިގެން.... ނުވެސް ފެނޭ... އަހަންނަށް އެއްވެސް ތަނެއް ނުފެނޭ.... ލޯ މަތީ އެއްޗެއް ބަނދެފަ...." ކުއްލިއަކަށް މާހިރާ ދައްކަން ފެށީ މުޅީން ތަފާތު ވާހަކައެކެވެ. ރާފިހް އެއްޗެކޭ ބުނަން އުޅުމުން އެހަށް މަޑުކުރުމަށް ނަވީން އިޝާރާތް ކުރިއެވެ. މާހިރާގެ ވާހަކައަށް ސަމާލުކަން ދީގެން އިނދެފައި ނަވީން ދެން ވީ ކިހިނެތްހޭ އަހާލިއެވެ.

"ގައިގަ ވަރަށް ތެޅި... ބޫޓުންވެސް...." މާހިރާގެ ދެލޯ ބޮޑުވިއެވެ. ކުޑަކޮށް އިސްޖަހާލައިގެން އިނދެފައި ދެލޯ ބޮޑުކޮށްލަމުން އޭނާ ނަވީންއަށް ބަލާލިއެވެ.

"އެމީހުން..." މާހިރާ އަތުން ދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ.

"ބަޔަކު އައިތަ؟" ނަވީން އަހާލިއެވެ. މާހިރާ ވާހަކަ ދައްކަމުން އެދަނީ ކުރީގައި މާހިރާގެ ހަޔާތުގައި ވީ ކަމެއް މިރޭ ވީ ކަމުގެ ތެރޭގައި ހިމަނައިގެންކަން ނަވީންއަށް ދެނެގަނެވުނެވެ. އެހެންކަމުން ސީދާ ވީ ކީއްކަން ނޭނގުނު ނަމަވެސް މިރޭ ހިނގި ކަމަކީ މާޒީގައި ހިނގި ކަމާއި ދާދި އެއްކަހަލަ ކަމެއްކަމުގައި އޭނާގެ ސިކުނޑި ވިސްނައިދިނެވެ. ހަމައެއާއެކު މާހިރާގެ ސިކުނޑީގައި މި ވަގުތު އެތަކެއް ބައިވަރު ކަންތައްތަކެއް ހިނގަމުން ދާކަން ވެސް އޭނާއަށް ދެނެގަނެވުނެވެ. އަނެއްކާވެސް އިބާއާ މެދު އޭނާ ހާސްވިއެވެ.

ދެންވެސް މާހިރާގެ ވާހަކަ ހުރިގޮތުން ބަޔަކު އިބާ ގެންގޮސްފިކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. އޭނާ ގުޅީ އާހިލްއަށެވެ. ވީހާވެސް އަވަހަކަށް އައުމަށް އެދުނެވެ. މާގިނަ އިރެއްނުވެ އާހިލްވެސް އަތުވެއްޖެއެވެ. އިބާ ހޯދާނޭ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މައްސަލަ ރަސްމީ ގޮތުން ފުލުހުންނަށް ހުށައަޅަން އެކަކުވެސް އެއްބަހެއްނުވިއެވެ. އެމީހުން ބޭނުންވަނީ އަޑި އަޑިން އެ ހުރިހާ ކަމެއް ކުރާށެވެ. އާހިލްގެ އެކުވެރިޔަކު ފުލުހުންގެ ތެރޭގައި އުޅޭތީ އެމީހުން އެ އެކުވެރިޔާއަށް ގުޅިއެވެ.

"އެމީހުން އިބާ ވެސް ގެންދިޔައީ... އަހަންނަށް ހެދިހެން ހަދާނީ" ތިން މީހުން ވާހަކަ ދައްކަން ތިއްބައި މާހިރާ ކުއްލިއަކަށް ބުނެލިއެވެ. އެއާއެކު އެ ތިން މީހުންގެ ނަޒަރު މާހިރާ އަށް ދަތުރުކޮށްލިއެވެ. ޔަޤީން ވެއްޖެއެވެ. ބަޔަކު އިބާ ހައްޔަރުކުރީއެވެ. ނަވީންގެ ބޯ ހާސްވިއެވެ. އިބާ އަށްކަމެއް ވެއްޖެނަމަ އޭނާއަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުދެވޭނެއެވެ.

"އިބާ ބީ ސޭފް"

ހިތާ ހިތުން ނަވީންއަށް ދުޢާ ކުރެވުނެވެ.

*****

ގޭތެރެއިން އިވެމުން ދިޔައީ މިއުޒިކުގެ އަޑެވެ. ރަލާ މަސްތުގެ ދުނިޔޭގެ ދުނިޔަވީ އުފަލާއި މަޖަލުގައި ޒުވާން އުމުރުފުރައިގެ ކުދިބައެއް ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. ކަނެއްގައި ދެއަތާއި ދެފައި އައްސާފައި ބާއްވާފައި އޮތް އިބާގެ އެއްފިޔަތަށް ކުޑަކޮށް ތެޅިލިއެވެ. އެ ކަންފަތުގައި މަޑު މަޑު މިއުޒިކެއްގެ އަޑު ޖެހުނެވެ. ދެލޯ ހުޅުވާލިނަމަވެސް އޭނާއަށް އެ މާހައުލު ފެނުނީ ފުސްކޮށެވެ. ރަތާއި ނޫ ކުލައިގެ ލައިޓްތަކުން ދިއްލާފައިވާ އެ ގޭތެރޭގައި ޒުވާން ފުރައިގެ ކުދިންތައް ނަށަމުން ދާތަން ފެނެއެވެ. ތަފާތު ވައްތަރުގެ ބިއްލޫރި ފުޅިތައް މުޅިތަނަށް އުކާލެވިފައިވެއެވެ. ބޮލަށް އާދަޔާ ހިލާފް ބަރުކަމެއް ވެރިވެފައި ވާއިރު ލޯ މަތީގައި އަދިވެސް ވަނީ ފުސްކަމެވެ. ދެފަހަރަކު ލޯ މަރާލާފައި ހުޅުވާލުމުންވެސް އެ ފުސްކަން ދުރެއް ނުވިއެވެ. ދުލުން މަޑު މަޑުއާހެއް ބޭރުވިއެވެ. އެތަނުން ދުވި ސިގިރެޓް ގެ ނުބައި ވަހުން އިބާއަށް އޯކާދެމެވުނެވެ. ހޮޑު އަނގައިގެ ތެރެއަށް އައި ނަމަވެސް އައްސާފައިވާ ފޮތިގަނޑުގެ ސަބަބުން އަނެއްކާ އަނބުރާ ދިރުވާލެވުނީއެވެ. ކެއްސާލެވުނެވެ. ކޮށި އަރާގޮތްވެސްވިއެވެ.

"އޭތް... ހޭ އަރައިފި" އެކަކުގެ އަޑު އޭނާގެ ކަނާތް ފަރާތުން އިވުނެވެ. އެއާއެކު ދެން އިވުނީ މިއުޒިކް ނިއްވާލި އަޑެވެ. ޓައިލްސްތަކު މަތީގައި އިބާ އޮތް އިރު މީހަކު ދުރުން އޭނާއާއި ގާތަށް ފިޔަވަޅު އަޅަމުން ދިޔަ ތަން ފެނުނެވެ.

ދެލޯ މަރާ، ބާރުކޮށްލާފައި ދެލޯ ހުޅުވާލިއެވެ. އަދިވެސް އޭނާއަށް ތަންތަން ފެންނަމުން ދިޔައީ ފުދޭވަރަކަށް ފުސްކޮށެވެ. އެމީހަކު ދާދި ގާތަށް އައިސް އޭނާގެ މޫނުމައްޗަށް ފެންޖަގެއް އޮއްސާލިއެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ކަންފަތަށް ފެންއެޅި ކަންފަތް ވެސް ބައްވިއެވެ. އެމީހަކު އިބާ އާއި ދާދި ގާތަށް ގުދުވެފައި އިބާގެ ނަންކިޔާލިއެވެ. އިބާ ކޮޅަށް ނަގާ ފާރުގައި ލައްކޮށްލާފައި އޭނާ އިބާގެ ކުރިމަތީގައި އިށީނެވެ. އިބާ އެމީހާއަށް ބަލާލިއެވެ. އިބާގެ ނަޒަރު އޭނާގެ މޫނަށް ހުއްޓުމާއެކު ހިންދިރުވާލެވުނެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޒައިދުއެވެ. އޭނާގެ ދުޝްމަނެކެވެ. އެއްއިރެއްގައި އޭނާގެ ފިރިމީހާވެސް މެއެވެ. އެހެންނަމަވެސް އެއީ ނަމަކަށެވެ. ފިރިއަކު އަންބަކަށް ދޭން ޖެހޭ އެއްވެސް އޯގާތެރިކަމެއް އަޅާލުމެއް ޒައިދުގެ ފަރާތުން އިބާއަށް ލިބިފައެއް ނެތެވެ. މުޅިން ވެސް އޭނާއަށް ލިބުނީ އަނިޔާއާއި ވޭނާއި ހިތްދަތިކަމެވެ. ކަރުނައާއި އުދާހަކީ އޭނާގެ ބައިވެރިއަކަށް ހެދީ ޒައިދުއެވެ.

"އަހަންނަށް އިބާ ނުލިބިއްޖެއްޔާ އެހެން މީހަކަށްވެސް ނުލިބޭނެ" ޒައިދު އިބާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވާލިއެވެ. އެއާއެކު އެތަނުގައި ތިބި އެންމެންގެ މަލާމާތުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެ އަޑު އިބާއަށް އިވުނީ ބިރުވެރި ހޮނު ގުގުރިއެއްގެ ސިފައިގައެވެ.

"އޭތް ޒައިއްޓޭ... ކަލޭ އަނެއްކާ ކީ ކުރަން ތިއުޅެނީ... މިހާރު އަންހެނުންނެއްވެސް ނޫނެއްނު" އެކަކު ގޮވާލި އަޑު އިވުނެވެ.

"އަންހެނުންނޫނަސް ކޮން ކަމެއްތަ ދޯ ޒައިއްޓޭ..." އަނެކަކު ބުނެލި އަޑު އިވުނެވެ. ކޮންމެއަކަސް އެމީހުންގެ ވާހަކަތައް ދަމުން ދިޔަ މިސްރާބުން އިބާގެ ހާސްކަން ދެގުނަވިއެވެ. އެމީހުންގެ ކިބައިން އޭނާގެ އަބުރާއި އިއްޒަތް ރައްކާތެރި ކޮށްދެއްވާތޯ އޭނާ މަދަދަށް އެދުނީ ﷲ ގެ ހަޞްރަތުންނެވެ. ހިތާހިތުން ނަވީން އަށް ގޮވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައްފައިބަމުން ދިޔައެވެ. ހިތްދަތިކަން އިންތިހާއެވެ. ހަދާނީ ކިހިނެތްހެއްޔެވެ؟ އެމީހުންގެ ކުރިމަތީގައި އޭނާ އަކީ ނިކަމެތި އަންހެން ކުއްޖެކެވެ.

"އަހަރެންނަށް އިބާ ނުލިބެންޏާ އަހަރެން ކުރިން ވެސް ބުނިން ދޯ އެހެން މީހަކަށް ނުލިބޭނޭ... އަހަރެން އިބާ އެހާ ބޭނުންވެގެން ބުނާއިރު ނައިމަ ދެން ވާނީ މިހެން" ޒައިދު ކުޑަކޮށް ދުރަށް ޖެހިލާ އޭނާ ލައިގެން ހުރި ޓީޝާޓް ބާލަން ފެށިއެވެ.

(ނުނިމޭ...)

https://sun.mv/125587

comment ކޮމެންޓް