ދިވެހީންގެ ސިއްހަތު: ޖީ6ޕީޑީ އެނގެނީ ކިހާވަރަކަށް؟

ޝީގެ ލެބް ޑިރެކްޓަރ އަލީ އުމަރު--ސަން ފޮޓޯ/ ފަޔާޒް މޫސާ

ވާރުވަވާ ނުވަތަ ވިރާސީ ވަލިތަކަކީ އާންމުކޮށް ދިވެހީންގެ ތެރޭގައި އަޑު ނާހާ ވައްތަރުގެ ބަލިތަކެކެވެ. މިގޮތުން ދިވެހީންނަށް ވާރުތަވާ ކަމެއްގެ ގޮތުގައި ބޮޑަށް އަޑު އިވިފައި އޮންނަނީ ތެލެސީމިއާ އެކަންޏެވެ. ނަމަވެސް ހަގީގަތަކީ މި ނޫންވެސް އެހެން ވިރާސީ ބަލިތައް މި ކުޑަ ދިވެހި އާބާދީ ތެރެއިންވެސް ފެންނަކަމެވެ. އެގިތުން ޖީ6ޕީޑީ ޑެފިޝަންސީއަކީވެސް ދިވެހީންގެ ތެރޭގައި އާންމުކޮށް ފެންނަ، ވާރުތަވާ ބައްޔެކެވެ.

މި ބައްޔާއި ބެހޭގޮތުން ސަން އަށް މައުލޫމާތު ދީފައިމިވަނީ ޝީގެ ޑިރެކްޓާ ލެބް، އަލީ އުމަރެވެ. އަލީ އުމަރު ވިދާޅުވިގޮތުގައި ޖީ.6.ޕީ.ޑީ އަކީ ރާއްޖޭގައި މިހާރަކަށް އައިސް ވަރަށް އާންމުކޮށް ފެންނަ ބައްޔެއްކަމަށެވެ. މިކަމާ ބެހޭގޮތުން ހޭލުންތެރިވުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ޖީ6ޕީޑީ އަކީ ކޮބާ؟

ގްލުކޯސް 6 ފޮސްފޭޓް ޑީހައިޑްރޮޖިނޭސްއަކީ (ޖީ6ޕީޑީ) ހަށިގަނޑުގެ ސެލްތަކުގައި ހުންނަ އެންޒައިމެކެވެ. މިއެންޒައިމަކީ ޚާއްސަކޮށް ލޭގެ ރަތް ސެލްތައް ނޭދެވޭ މާއްދާތަކުން ރައްކާތެރި ކޮށްދިނުމަށް މުހިންމު ދައުރެށް އަދާކުރާ އެންޒައިމެކެވެ. ޖީ6ޕީޑީ ޑެފިޝަންސީއަކީ މި އެންޒައިމް ހަށިގަނޑުގަ ހުންނަންޖެހޭ މިންވަރަށްވުރެ މަދުވުމެވެ.

މީގެ ސަބަބުން ރަތް ސެލްތަކަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބި އެސެލްތައް ހަލާކުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތަށް ސެލްތައް ހަލާކުވާ ފަހަރަކު ހަށިގަނޑުގައި ލޭ ހުންނަންޖެހޭ މިންވަރަށްވުރެ ދަށްވެ ނޭދެވޭ އަސަރުތަކެށް ހަށިގަނޑަށް ކުރެއެވެ. އަދި ބައެއް ފަހަރު މާބޮޑަށް ހާލަތު ގޯސްވެ ލޭއަޅަންޖެހޭ ވަރަށްވެސް ދަށްވެގެންދެއެވެ.

މިބަލި މެދުވެރިވަނީ ކިހިނެއް؟

ޖީ6ޕީޑީ ޑެފިޝަންސީއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަކުރާ ކަމެކެވެ. މިބަލި ވާރުތަކުރާ ޚާއްސަގޮތުގެ ސަބަބުން މިބަލި އާއްމުކޮށް ވާރުތަކުރަނީ މަންމަގެ ފަރާތުން ފިރިހެން ދަރިފުޅަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޖީ6ޕީޑީ ޑެފިޝިއަންޓް ގިނަ ކުދިންނަކީ ފިރިހެން ކުދިންނެވެ. އަންހެން ކުދިން އާންމުކޮށްވަނީ ކެރިއަރުންނަށެވެ.

އަލީ އުމަރު ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ/ ފަޔާޒް މޫސާ


ޖީ6ޕީޑީ ޑެފިޝަންސީ ވާރުތަކުރަނީ ކިހިނެއް؟

ޖީ6ޕީޑީ ޑެފިޝަންސީއަކީ އެކްސް-ލިންކްޑް ރެސެސިވްކޮށް ވާރުތަކުރާ ކަމެކެވެ. މީގެ މާނަޔަކީ މިބަލި ވާރުތަކުރަނީ އެކްސް ކްރޮމޮސޯމް އިންނެވެ. އެކްސް އަދި ވައި ކްރޮމޮސޯމްއަކީ އިންސާނުންގެ ޖިންސު ވަކިކޮށްދޭ ސެކްސް ކްރޮމޮސޯމްތަކެވެ. މިގޮތުން ފިރިހެނުންގެ ހުންނަނީ އެއް އެކްސް އަދި އެއް ވައި ކްރޮމޮސޯމެކެވެ. އަންހެނުންގެ ހުންނަނީ ދެ އެކްސް ކްރޮމޮސޯމެވެ.

ފިރިހެނުންގެ އެކްސް ކްރޮމޮސޯމް ވާރުތަ ކުރަނީ މަންމަގެ ފަރާތުންނެވެ. އެއެކްސް ކްރޮމޮސޯމްގައި ޖީ6ޕީޑީ ޑެފިޝަންސީގެ ސިފަ ހުރިނަމަ އެ ފިރިހެން ކުއްޖާވަނީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖަކަށެވެ. އަންހެން ކުއްޖާގެ އެއް އެކްސް ކްރޮމޮސޯމްގައި ޖީ6ޕީޑީ ޑެފިޝަންސީގެ ސިފަ ހުއްޓަސް އަނެއް އެކްސް ކްރޮމޮސޯމްގައި އެސިފަ ނެތްނަމަ އޭނާވަނީ ކެރިއަރަކަށެވެ. އަންހެން ކުއްޖާގެ ދެއެކްސް ކްރޮމޮސޯމްގައިވެސް ޖީ6ޕީޑީ ޑެފިޝަންސީގެ ސިފަ ހުރެއްޖެނަމަ އަންހެން ކުއްޖާވެސް ޖީ6ޕީޑީ ޑެފިޝިއަންޓް ވާނެއެވެ.

ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިން ލިބުމުގެ ފުރުސަތަކީ ކޮބާ؟

ޖީ6ޕީޑީ ޑެފިޝަންސީ ކުދިން ލިބޭނީ މައިބަފައިންނަކީ ކެރިއަރުންކަމުގައި ވާނަމައެވެ. މިގޮތުން މަންމައަކީ ކެރިއަރަކަށްވެފަ ބައްޕަ ކިބައިގަ ބަލި ވާރުތަކުރާ ގޮތް ނެތްނަމަ، ލިބޭ ފިރިހެން ކުއްޖާ ޖީ6ޕީޑީ ޑެފިޝިއަންޓްވުމުގެ އޮންނަނީ 50 ޕަސަންޓު ފުރުސަތެކެވެ. އަންހެން ކުއްޖެއްނަމަ ކެރިއަރަކަށްވުމުގެ އޮންނަނީ 50 ޕަސަންޓު ފުރުސަތެކެވެ. މިހާލަތުގައި އަންހެން ކުއްޖެއްނަމަ ޖީ6ޕީޑީ ޑެފިޝިއަންޓްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ބައްޕައަކީ ޖީ6ޕީޑީ ޑެފިޝިއަންޓް މީހަކަށްވެފަ މަންމަގެ ބަލި ވާރުތަކުރާ ގޮތް ނެތްނަމަ، ލިބޭ ފިރިހެން ކުއްޖާ ޖީ6ޕީޑީ ޑެފިޝިއަންޓެއް ނުވާނެއެވެ. އަންހެން ކުއްޖެއްނަމަ ވާނީ ކެރިއަރަކަށެވެ. މިހާލަތުގައިވެސް އަންހެން ކުއްޖެއްނަމަ ޖީ6ޕީޑީ ޑެފިޝިއަންޓްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ބައްޕަ ޖީ6ޕީޑީ ޑެފިޝިއަންޓްވެފަ މަންމައަކީ ކެރިއަރެއްނަމަ، ފިރިހެން ކުއްޖާ ޖީ6ޕީޑީ ޑެފިޝިއަންޓްވުމުގެ 50 ޕަސަންޓު ފުރުސަތެއް އޮވެއެވެ. އަދި އަންހެން ކުއްޖެއްނަމަވާނީ ކެރިއަރަކަށް ނޫނީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖަކަށެވެ. މިއިން ކޮންމެ ހާލަތަކަށްވެސް އޮންނާނީ 50 ޕަސަންޓު ފުރުސަތެކެވެ. އަދި މަންމައާއި ބައްޕައަކީ ޖީ6ޕީޑީ ޑެފިޝިއަންޓް މީހުން ނަމަ، ލިބޭ ހުރިހާ ކުދިންވެސްވާނީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިންނަށެވެ.

ލެބް ޑިރެކްޓާ އަލީ އުމަރު، މަސައްކަތުގައި--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޖީ6ޕީޑީ ޑެފިޝިއަންޓްވެމުން ދިމާވާ މައްސަލަތަކަކީ ކޮބާ؟

ޖީ6ޕީޑީ ޑެފިޝިއަންޓްވުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ލޭހަލާކުވުމުގެ ފުރުސަތު ބޮޑުވުމެވެ. ޚާއްސަކޮށް ހުން އަންނަ އެކިކަހަލަ ބެކްޓީރިއަލް އަދި ވައިރަލް ރޯގާޖެހުމުން ލޭ ފަސޭހައިން ހަލާކުވެއެވެ. އަދި މިކަހަލަ ރޯގާތަކަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުންވެސް ލޭހަލާކުވެއެވެ.

މީގެ ތެރޭގައި ބައެއް ވައްތަރުތަކުގެ ޕެއިންކިލާސް، ހުން ދައްކުރުމަށް ދެވޭ ބޭސް އަދި އެންޓިބަޔޯޓިކްސް ހިމެނެއެވެ. މިހާލަތު އެންމެ ނުރައްކާވާ އެއްސަބަބަކީ މިއީއެވެ. ކުދިން ރޯގާޖެހި ހުންއައީމަ އާންމުކޮށް ބެލެނިވެރިން ކަންކުރާގޮތަކީ އެންމެ ފުރަތަމަ އަމިއްލެޔަށް ޕެރަސެޓަމޯލް ކަހަލަ ބޭސްދޭނީއެވެ. ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖަކަށް މިބޭސްތަކެށް ނުގުޅޭނެއެވެ.

ކުއްޖާ ރަނގަޅުނުވުމުން ތިން ދުވަސްފަހުން ޑޮކްޓަރަށް ދައްކައެވެ. ދެން ޑޮކްޓަރު ފަށާނީ އެންޓިބަޔޯޓިކްސްއެވެ. އެއީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖެއްކަން ނޭނގޭނަމަ ޑޮކްޓަރު ދޭ ބޭހުންވެސް އިތުރަށް އެކުއްޖާގެ ލޭ ހަލާކުވެ ހާލު ދައްވެގެންދެއެވެ.

މިބަލި ދެނެގަންނަނީ ކިހިނެއް؟

ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިންގެ ފަރާތުން ބަލީގެ އަލާމާތެއް އާންމު ގޮތެއްގައި ނުފެންނާނެއެވެ. ނަމަވެސް އުފަންވާއިރު ގިނަ ކުދިން ރީނދޫވުމަކީ ފާހަގަކުރެވޭ ކަމެކެވެ. މިނޫންނަމަ އަލާމާތެއް ފެންނަނީ ލޭހަލާކުވުމުގެ ހާލަތެއް ދިމާވީމައެވެ. މިސާލަކަށް ބަލިވުން ނުވަތަ ނުގުޅޭ ބޭހެއް ބޭނުންކުރެވުމުންނެވެ.

މިގޮތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ހުދުވުން، ދޮންފޫޑުވުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ހިތުގެ ވިންދު އަވަސްވުން، ނޭވާ ކުރުވުން، ރީނދޫވުން އަދި ކުޑަކަމުދާ ތަކެތީގެ ކުލަގަދަވެ މުށިކުލަޔަށް ބަދަލުވުމެވެ. މަދު ހާލަތްތަކުގައި ހުންކޮށި ދުޅަވުންވެސް ހިމެނެއެވެ. މިފަދަ އަލާމާތްތައް ފާހަގަ ކުރެވޭނަމަ ޖީ6ޕީޑީއަށް ޚާއްސަ ލޭގެ ޓެސްޓެއްކޮށް ޖީ6ޕީޑީ ޑެފިޝިއަންޓްތޯ ޔަގީންކުރެވޭނެއެވެ. އަދި ޖީ6ޕީޑީ ޑެފިޝިއަންޓްވެފަ ހުރި މިންވަރުވެސް އިތުރަށް ބެލޭނެއެވެ. ފަރުވާ ދިނުމުގައި އަދި ބަލި މެނޭޖްކުރުމުގައި މިއީ ވަރަށް މުހިންމު މައުލޫމާތެކެވެ.

ލެބް ޑިރެކްޓާ އަލީ އުމަރު، މަސައްކަތުގައި--- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިބައްޔައްދެވޭ ފަރުވާއަކީ ކޮބާ؟

މިބައްޔަށް ދޭންޖެހޭ ފަރުވާއެއް ނުހުރެއެވެ. ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިންގެ ރަތް ސެލް ހަލާކުވާން ދިމާވެފައިވާ ހާލަތުން ދުރުކުރެވުނީމަ އިތުރައް ސެލް ހަލާކުވުން ހުއްޓި ހުންނަންޖެހޭ މިންވަރަށް ހަށިގަނޑުން ސެލް އުފައްދައިދޭނެއެވެ. ނަމަވެސް ބަލި މެނޭޖްކުރުމުގެ ގޮތުން ނުވަތަ ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެށް ހުރެއެވެ. މީގެ ތެރޭގައި އެންމެ މުހިންމުކަމަކީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިންނާ ނުގުޅޭ ބޭސް، ކާނާ އަދި ކެމިކަލްސް ދެނެގަނެ އެތަކެތިން ދުރުހެލި ކުރުމެވެ.

ކާނާ އަދި ގޭތެރެގައި ބޭނުންކުރެވޭ ބައެއް ތަކެތީގެ ތެރޭގައި ފާވާ ބީންސް ނުވަތަ ބޮރޯޑް ބިންސް، ކަރުބޮލަކު އަދި ހީނާ ފަތަކީ މިކުދިންނާ ނުގުޅޭ އެއްޗިއްސެވެ. ވީމާ ނުގުޅޭ ބޭހުގެ އިތުރުން މިތަކެއްޗާވެސް ކުދިން ދުރުހެލި ކުރަންޖެހެއެވެ.

ލެބް ޑިރެކްޓާ އަލީ އުމަރު، އިންޓަވިއުދެނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޖީ6ޕީޑީ ޑެފިޝިއަންޓް ދަރިންނަށް ސަމާލުވާނީ ކިހިނެއް؟

ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖެއްގެ ގޮތުގަ ޔަގީންކުރެވޭ ހިސާބުން ނުގުޅޭ ތަކެތީގެ ލިސްޓެއް ގެންގުޅެންވާނެއެވެ. ޑޮކްޓަރަށްދާ ކޮންމެ ފަހަރަކު ޑޮކްޓަރުގާތު ކުއްޖާއަކީ ޖީ6ޕީޑީ ޑެފިޝިއަންޓް ކުއްޖެއްކަން ބުނެވި އެލިސްޓް ޑޮކަޓަރަށް ދައްކަންވާނެއެވެ.

ބަލީވާ ކޮންމެ ފަހަރަކު، ޚާއްސަކޮށް ހުން އަންނަ ކަހަލަ ރޯގާއެއްނަމަ އަމިއްލައަށް ފަރުވާކުރަންނޫޅެ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުންވެސް ވަރަށް މުހިންމެވެ. ލިސްޓުގައި ހިމެނޭ ބޭހެއް ޑޮކްޓަރު ދެއްވާކަމަށްވާނަމަ އެހެން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. މިގޮތުން ކުއްޖާގެ ހިސްޓްރީ އިނގޭ ޑޮކަޓަރަށް އަބަދު ދެއްކުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ޖީ6ޕީޑީ ޑެފިޝިއަންސީ ހުރިހާ ކުދިންނަށްް އެއްގޮތަކަށް ދިމާވޭތަ؟

ޖީ6ޕީޑީ އެކި މީހުންގެ ދަށްވަނީ އެކި މިންވަރަށެވެ. ބޮޑަށް ދަށްވާ ކުދިންނަށް ބަލީގެ އަސަރު ގަދަވެ އަވަހަށް ލޭ ހަލާކުވާނެއެވެ. ބެލެނިވެރިން މިކަމަށް އަހުލުވެރިވުން ވަރަށް މުހިންމެވެ. ސަބަބަކީ ބައެއްކުދިންނަށް ލިސްޓުގައި ހިމެނޭ ބޭސް ކެވުނަސް، އެގޮތަށް ބޭސް ދެވެނީ ޖީ6ޕީޑީ ޑެފިޝިއަންޓްވެފައި ހުރި މިންވަރަށް ޑޮކްޓަރު ބެލުމަށްފަހުގައެވެ. އެފަރުވާ އެހެން ކުއްޖަކަށް އެކަށީގެން ނުވެދާނެއެވެ.

ލޭ ހަލާކުވެ މަދުވާންފެށުމުން ފެންނަ އަލާމާތްތައް ދަސްކޮށް އަދި ދަރީންނަށްވެސް ދަސްކޮށްދިނުން މުހިންމެވެ. އެއީ ލޭހަލާކުވުމުގެ ހާލަތެއް ނޭނގިނަމަވެސް ކުރިމަތިވެދާނެއެވެ. އަދި ބައެއްފަހަރު މައިންބަފައިން ކައިރީގަ ނުހުރެދާނެއެވެ. ނަމަވެސް ލޭ ހަލާކުވުމުގެ ހާލަތެއް ދިމާވާއިރަށް އެކަން ވީހާވެސް އަވަހަށް ދެނެގަނެވުން މުހިންމެވެ. އަދި އެކަން އެދިމާވަނީ ކޮން ސަބަބަކާ ހުރެތޯ ހޯދި އެކަމަކުން ދުރުވެންވާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނަމަ ޖީ6ޕީޑީ ޑެފިޝިއަންޓް ކުދިންނަށް ރަނގަޅު ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ލިބި ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެއެވެ. ނަމަވެސް އެ ރައްކާތެރިކަމަކީ އުމުރު ދުވަހަށް ސަމާލުކަން ދޭންޖެހޭނެ ކަންކަންތަކެކެވެ.

comment ކޮމެންޓް