ފަތުރުވެރިއެއްގެ އަތުން 16 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

މަސްތުވާތަކެތި ނައްތާލުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބްރެޒިލްއިން ރާއްޖެ އައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 16 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އައި އެ މީހާއާމެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖުގެ ތެރެއިން ކަމަށެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 4.67 ކިލޯ ހުރި އިރު، ފުރަތަމަ މަރުހަލާގައި އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 16,327,913.00 (ސޯޅަ މިލިއަން ތިންލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތޭރަ) ރުފިޔާއަށް އަރާ ކަމަށެވެ.

މައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ކަސްޓަމްސް އިން ބުނީ މި މުއްދަތުގައި ކަސްޓަމްސްއިން ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާނެ ކަމަށެވެ.

comment ކޮމެންޓް