އުމްރާނީ ބޮޑު ދެ މަޝްރޫއެއް ނިމި، އޭގެ ނުބައި އަސަރު އިގްތިސާދަށް

މާލެ ސިޓީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އުމްރާނީ ބޮޑު ދެ މަޝްރޫއެއް ނިމި، އޭގެ ނުބައި އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މި ސަރަހައްދީ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު އާންމުކުރާ "ސައުތް އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓް"ގެ އެންމެ ފަހުގެ އަދަދުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ޖީޑީޕީ 2018 ގައި ހުރީ 6.7 ޕަސެންޓްގަ އެވެ. ނަމަވެސް، މިއަހަރު އިގްތިސާދީ ކުރިއެރުން ވަނީ 5.2 ޕަސެންޓަށް މަޑުޖެހިފަ އެވެ.

ރިޕޯޓްގައިވާ ގޮތުން މީގެ މައިގަނޑު ސަބަބަކީ، ސިނަމާލެ ބްރިޖްގެ މަސައްކަތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއު ނިމުމާއެކު އިމާރާތް ކުރުމުގެ ދާއިރާއަށް އައި މަޑުޖެހުމެވެ.

އެ ދެ މަޝްރޫޢުގެ އިތުރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ތަރައްޤީ ކުރުމަކީ ވެސް އެ މުއްދަތުގެ ތެރޭގައި އެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އައި އެއް ސަބަބެވެ.

އެ ރިސޯޓުތަކުގެ މަސައްކަތް ނިމި، އޭގެ ސަބަބުން އިމާރާތް ކުރުމުގެ ސިނާއަތަށް އައި ހީނަރުކަމާއެކު އިޤްތިސާދީ ދުވެލީގެ ކުރިއެރުން ދެން ބިނާ ވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

އެއާއެކު އާ އިންފްރަސްޓްރަކްޗާގެ ވަސީލަތްތައް ގާއިމު ކުރުމަށް އިންވެސްޓްކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިއުމާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2020 ވަނަ އަހަރުގެ ތެރޭގައި އެވްރެޖްކޮށް 5.6 އިންސައްތައިގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ކެޕްޝަން..

ރާއްޖޭގެ އިޤްތިސާދުން އިމާރާތް ކުރުމުގެ ސިނާއަތް ފަނޑުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ މިންވަރު މުސްތަޤްބަލުގައި އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް އަރާފާނެ ލޮޅުންތަކަށް ވެސް ވޯލްޑް ބޭންކުން ވަނީ އަލިއަޅުވާލާފަ އެވެ.

އެގޮތުން ދުނިޔޭގެ އިޤްތިސާދަށާއި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާގެ އިޤްތިސާދަށް ހީނަރު ކަމެއް އަތުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ އިގްތިސާދަށް ވެސް މަޑުޖެހުމެއް އައިސްފައިވާއިރު، މި މަޑުޖެހުމުގެ ސަބަބަކީ، 2008 އަދި 2012 ވަނަ އަހަރު މި ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ އަދި ވިޔަފާރީގެ ހީނަރުކަން ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް