"ނޫމަޑި" ދިވެހިންގެ ގަޔަށް ޖެހީ ކަށި! ފޭރިގަތީ 848 މިިލިއަން!

ހދ. ނޮޅިވަރަންފަރުގައި ފްލެޓު ހަދަން ކަނޑައަޅާފައިވާ ސަރަހައްދުގައި، ހައުސިންގް މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް

ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި އެ އަތޮޅު ތިން ރަށެއްގެ 52 އާއިލާއަކަށް ރޯހައުސްތަކެއް ހަދަން "ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ"އާ ހަވާލުކުރީ މީގެ ނުވަ އަހަރު ކުރިން 2011 ވަނަ އަހަރު އެވެ. އެކަމަކު އެ ކުންފުންޏަށް އެ ގެތައް ނިންމާނުލެވި އެ އާއިލާތައް އަދި ވެސް ތިބީ "މަގުމަތި"ވެފަ އެވެ. އަނެއްކާ އޭގެ ފަހުން 2013 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރީ އިތުރު 500 ހައުސިން ޔުނިޓް އެޅުމާއި ޕޮލިސް އެކަޑަމީ ހެދުމާ އަދި ބައެއް ރަށްރަށުގައި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތެވެ. ސުވިޓްޒަލޭންޑްގެ ރައްޔިތަކު އިސްވެ ހުރި އެ ކުންފުންޏަށް އެ މަޝްރޫއުތައް ހަވާލުކުރީ، އެ މަސައްކަތްތަކުގެ ބަދަލަށް ރިސޯޓުތަރައްގީ ކުރަން ފަޅު ރަށްތަކެއް ވެސް ދީފަ އެވެ. އެވަރުން ވެސް އެ މަޝްރޫއުތައް އެ ކުންފުންޏަށް އެދެވޭ ގޮތުގައި ނިންމުނު ކަމަކަށް ނުވި އެވެ. އެ ކުންފުންޏަށް ފައިދާވާނެ ގޮތަށް އެގްރިމަންޓްތަކަށް އެކި ބަދަލުތައް އެކި ފަހަރު ގެނެވުނު ނަމަވެސް، އެ މަސައްކަތްތައް ތާވަލަށް ކުރިއަށް ދާ ގޮތެއް ނުވި އެވެ.

ދެން އެ ކުންފުންޏާ ހަވާލުކުރީ ހުޅުމާލޭފައި ހަދާ ސިފައިންގެ ފްލެޓްތަކުގެ މަސައްކަތެވެ. އަދި އަދާ ހަމަޔަށް ވެސް، އެ ފުލެޓްތަކުގެ މަސައްކަތް ނުނިމި ހުރި އިރު، އެ މަޝްރޫއުގެ އޮޑިޓްތަކުން ހާމަވި ގޮތުގައި، މާލިއްޔަތު ގާނޫނާ ހިލާފަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި، 150 މިލިއަން ރުފިޔާ ޑިފެންސް މިނިސްޓްރީ އިން ދޫކޮށްފައިވެ އެވެ. އެންމެ ފަހުން އެގްރިމަންޓް ބާތިލު ކުރި އިރުވެސް، ނޫމަޑީގެ އަތުން އެ ފައިސާ ދައުލަތަށް ލިބޭ ގޮތެއް ނުވި އެވެ. މައުލޫމާތު އެނގި ހުރި ބައެއް ފަރާތްތަކުން ކަށަވަރުކޮށްދިން ގޮތުގައި އެ ފައިސާ އަނބުރާ ދެއްކުމަށް ނޫމަޑިން އޭރު ސަރުކާރަށް ދިން ޗެކްތަކެއް ވެސް ބައުންސް ވީއެވެ.

އެ ހުރިހާ ހާޖާނުތަކެއްގެ ތެރެއިން އެ ކުންފުންޏާ އެކު ހަދާފައިވާ އެތައް މަޝްރޫއުތަކެއްގެ އެގްރިމަންޓް ބާތިލުކުރަން ކުރީ ސަރުކާރަށް މަޖުބޫރުވި އެވެ. އެއާ އެކު، އެ ކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށް ދުނިޔޭގެ އާބިޓްރޭޝަން ސެންޓަރުތަކަށް ދުއްވައިގަތެވެ.

ނޫމަޑިން ހުޅުމާލޭގައި ހަދަން ފެށި ސިފައިންގެ ފްލެޓްތައް -- ފޮޓޯ/ ނޫމަޑި

އެއާ އެކު މި ސަރުކާރުން "ނޫމަޑީ"ގެ ކޮޅަށް ދީލައިލާ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 848.10 މިލިއަން ރުފިޔާ) ބައިތުލްމާލުން ނަގައިދީ މައްސަލަ ނިންމާލީ އެވެ. އެ ކުންފުންޏާ ހަވާލުކުރި އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް އަދި އަދަދަށް ދާންދެން ވެސް ނުނިމި ސަރުކާރާއި ރައްޔިތުން އެކަމުގެ ބުރަ ތާއަބަދަށް އުފުލަން ޖެހުނީ އެވެ.

ސުވާލުތައް ފެންމަތި ވަނީ ނޫމަޑިއާ ހަވާލުކުރި އެއްކަމެއް ވެސް ނުނިންމުނު އިރު، މުޅި ރާއްޖޭގައި ނަރުދަމާ އެޅޭނެހާ ފައިސާ ސަރުކާރުން އެ ކުންފުންޏަށް "ހެޔޮ ހިތުން" ދީ ނިންމާލީމަ އެވެ. ރައްޔިތުންނަށް އެއްކަމެއްވެސް ނުވެ، ބިކަވި އިރު ރައްޔިތުންގެ ފައިސާއިން ނޫމަޑި ކުންފުނި އެއްފަހަރާ މުއްސަނދިވީ އެވެ. އެއްކަމެއްވެސް ނުވި ކުންފުންޏަކަށް މިވަރުގެ ބޮޑު ފައިސާގެ އަދަދެއް ސަރުކާރުން ދިނީ ކޮން އުސޫލަކުން، ކޮން ހަމަޔަކުން ހެއްޔެވެ؟ އާބިޓްރޭޝަނުން ބޭރުގައި މައްސަލަ ނިންމުމުގެ ފައިދާ ބޮޑުވާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ލާރިތަކެއް ކުންފުންޏަކަށް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ ރައްޔިތުންގެ މިހާ ބައިވަރު ފައިސާ އެއް ބަޔަކަށް ދިން އިރު، އެކަމުގައި ހުޅުވާލުމެއް ނެތީ ކީއްވެ ހެއްޔެވެ؟

ނޫމަޑިއަށް ފައިސާތަކެއް ދިންކަން ހާމަވީ ވެސް މިދިޔަ ހަފްތާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަކުންނެވެ. އެކަމަކު އޭރު ވެސް މިނިސްޓަރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެއަށް ފަހު ހަމަ އެ ދުވަހުގެ ހަވީރު ހައުސިންގް މިނިސްޓްރީއިން ބަޔާނެއް ނެރެ ފައިސާގެ ތަފްސީލުތައް ހާމަކުރި އެވެ. އޭކުރިން، އެއީ ނޫމަޑިއަށް ބަދަލު ދިންކަން އެނގިހުރި ދައުލަތުގެ މުއައްސަސާއެއްވެސް އޮތްހެން ހިއެއް ނުވެ އެވެ.

ނޫމަޑިއިން ކުޅުދުއްފުށީގައި ހަދާފައިވާ ފްލެޓްތައް - ފޮޓޯ/ ރާއްޖެ.އެމްވީ

މައުލޫމާތު ހުންނެވި، ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ނޫމަޑިއަށް ސަރުކާރުން ދޭން ޖެހިފައި އޮތީ އެންމެ ތިން މިލިއަން ރުފިޔާ އެވެ. އެއީ، އެ ކުންފުނިން ރަށްރަށުގައި އަޅަން ފަށާފައި ހުރި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތަށް ދޭން ޖެހިފައިވާ ފައިސާއެކެވެ. އެއީ އެ ކުންފުނިން ކުރި އެ މަސައްކަތަށް އެއް ބައި ފައިސާ ދީ އަދި ބާކީ ނުދެވި ހުރި ފައިސާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަމަކު ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުކޮށް އެ ކުންފުނިން އެޑްވާންސަށް ނެގި ފައިސާ ކަމަށްވާ، 150 މިލިއަނެއްހާ ރުފިޔާ އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވެސް، އުފެއްދެވި ސުވާލަކީ އެފަދަ ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮތް ކުންފުންޏަކަށް 848 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސަރުކާރުން ނިންމި ގޮތުގެ އަސާސެވެ.

އެއްބަސްވުން ބާތިލްކުރުމުން ގެއްލުންވާނެ އަދަދު ކަމަށް ބުނެ އަންދާޒާއެއް ހަދައިގެން ނޫމަޑިން އުފެއްދި މައްސަލައެއްގައި ސަރުކާރުގެ ގާނޫނީ ހައްގުތައް ދޫކޮށްލައި ޑީލްއަކަށް އަންނަން ޖެހުނު ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑަަށް އެނގިފައި އޮތީ ހަތަރު މިނިސްޓަރަކު ތިއްބަވާފައި މި ނިންމަނީ އާނ މި ކުންފުންޏަށް ދޭން ޖެހެނީ މިވަރުގެ ބަދަލެކޭ އެ މީހުން މިވަރު ކްލެއިމް އެބަ ކުރޭ. އެހެންވީމާ އޭގެ އެއްބައި ތިމަންނާމެން ދޭނީއޭ. އެކަމަކު އެއްވެސް އޮޑިޓެއް ނުކޮށް، އެ ކުންފުނިން ކޮށްފައި ހުރި މަސައްކަތްތަކުގެ އަގެއްވެސް ނޭނގި، އަނެއްކާ ސަރުކާރަށް ލިބިފައި ހުރި ގެއްލުންވެސް އަޅާ ނުކިޔާ ކިހިނެތްތޯ ނިންމަނީ ބަދަލެއް ދޭން. އެއީ އެއްގޮތަކަށްވެސް ކަންކަން ކުރާ އުސޫލެއް ނޫން. އަނެއްކާ ރައްޔިތުންގެ މިހާ ގިނަ ފައިސާ އެއްބަޔަކަށް މިގޮތަށް ދޭންވާނީ މިއަށް ވުރެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެބޭފުޅާ ވިދާޅުވި އެވެ.

ހައުސިންގް މިިނިސްޓްރީ އިން ނެރުނު ބަޔާނުގައި ހަމައެކަނި ބުނީ، ނޫމަޑިއަށް ފައިސާދޭން ނިންމީ އާބިޓްރޭޝަނުން ބޭރުގައި އެ މައްސަލަ ހައްލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ސެޓުލްމަންޓް ކޮމިޓީއަށް ފެނުމުން ކަމަށެވެ. އަދި ފައިސާ ދޭން އެއްބަސްވެ، އެގްރިމަންޓްގައި ސޮއިކުރީ، ރައީސްގެ އާބަސް ލިބިގެން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް، ކުރިންވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، އާބިޓްރޭޝަންގައި އޮންނަ މައްސަލައެއް އެ މަރުހަލާއިން ބޭރުގައި ނިންމަންވެސް އުސޫލުތަކެއް އޮވެ އެވެ. އަދި މީގެ ކުރިން ވެސް ސަރުކާރުތަކުގައި އާބިޓްރޭޝަނުން ބޭރުން އެއްބަސްވުންތަކަކަށް އަންނަނީ މިނިވަން ފަރާތެއްގެ ހާޒިރުގައި ދެ ފަރާތުން ކުރާ މަޝްވަރާތަކަކަށް ފަހު، މިނިވަން ފަރާތުން ކަނޑައަޅާ އަދަދެއް ދައްކާ އުސޫލަށް ކަމަށެވެ. އަދި އެއީ ސިޔާސީ ބަޔަކު ތިބެފައި ނިންމަން ޖެހޭ ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އާބިޓްރޭޝަންގައި ހުންނަ މައްސަލަތައް ވެސް މީޑިއޭޝަނަށް ދެވޭނެ. އެކަމަކު މީޑިއޭޓް މި ކުރަނީ ދެ ފަރާތް އެއްބަސްވާ ފަރާތެއްގެ ހާޒިރުގައި އެ ފަރާތުން މި ބަދަލު ވެސް ނިންމަނީ. އެއީ މިނިވަން ފަރާތެއް. އެއީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައި ނިންމާ ކަމެއް. ދެން އެ މަގުން ނުހިނގާ ސިޔާސީ ބަޔަކު މޭޒެއްގެ ދަށުގައި ތިބެފައި މި ނިންމާލަނީ،" ގާނޫނީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުންނެވި އެބޭފުޅާ ވިދާޅުވި އެވެ.

މިފަހުން ހާމަވި ގޮތުގައި ނޫމަޑިއަށް ފައިސާ ދިން އިރު އެ ކުންފުނިން ރާއްޖޭގައި ކުރި މަސައްކަތްތަކާ ގުޅޭ ހާއްސަ އޮޑިޓެއްގެ މަސައްކަތް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރަމުން ދިޔަ އެވެ. އެކަމަކު ސަރުކާރުން ނޫމަޑިއަށް ފައިސާތަކެއް ދޫކޮށްލީ އެ އޮޑިޓުގެ ނަތީޖާއަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެވެ. ރައްޔިތުންގެ ގިނަ ފައިސާތަކެއް ގެއްލިދާ މައްސަލައެއްގައި އޮޑިޓު އޮފީހުގެ ނަތީޖާއަކަށް ވެސް ސަރުކާރަށް މަޑުކޮށް ނުލެވުނީ ކޮން މަޖުބޫރުކަމެއް އޮވެގެން ހެއްޔެވެ؟

ނޫމަޑި މައްސަލައިގައި ސަރުކާރުންވެސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުންވެސް ތަފްސީލްކޮށް ވާހަކަދައްކަން ބޭނުމެއް ނުވެ އެވެ. ހަމައެކަނި ބުނާހާވެސް އެއްޗަކީ، އެ ބަދަލު ދިނީ އެއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ފާހަގަވުމުން ކަމަާށެވެ. އޭގެ ސަބަބުތައް ބުނެދޭން ބޭނުމެއް ނުވެ އެވެ.

ރައްޔިތުންގެ ފައިދާއަށް އެތައް މަޝްރޫއުތަކެއް ހިންގޭނެހާ ފައިސާ އެއްބަޔަކަށް ދިނުމަށް ފަހު އެ ޖަވާބަކުން އަދި ނުފުދޭނެ އެވެ. ހާމަކަމެއް ނެތް، "ނޫމަޑި ޑީލް"އާ މެދު ޝައްކުކުރެވޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެ ޑީލުން ބައި އެޅި މަންފާވާ ސިޔާސީ ބަޔަކު ތިބީ ހެއްޔެވެ؟

ބައެއް މައުލޫމާތު ހުރި ފަރާތްތަކުން ބުނާ ގޮތުގައި، ނޫމަޑި ކުންފުންޏާ މި ސަރުކާރުގެ ބައެއް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ކުންފުނީގެ ވެރިޔާއަކީ، ސިޔާސީ މީހުންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވެ އެވެ. ތުހުމަތު ކުރެވޭ ގޮތުން، މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައިވެސް އޭނާ ވަނީ ސިޔާސީ ބޭފުޅުންނަށް ތަފާތު ހަދިޔާތައް ދީ އެހީވެފަ އެވެ.

"އަޅުގަނޑެއް ނުބުނާނަން މިއީ ރަނގަޅަށް ހިނގި ކަމެކޭ. މީގައި ޝައްކުތައް ވަރަށް ގިނަ. ބެސްޓް ޕްރެކްޓިސްވެސް ފޮލޯކުރެވިފައެއް ނުވޭ. ހާމަކަމެއް ނެތް. ރައްޔިތުންގެ ބައިތުލްމާލަށް އަސަރުކުރާ ކަންކަން މިއަށް ވުރެ ރަނގަޅު އުސޫލުން ދާން ޖެހޭނީ. އެކަމަށް ހަރުދަނާ އުސޫލެއް، އާންމު ކުރެވިފައިވާ އުސޫލެއް އޮންނަން ޖެހޭ،" ގާނޫނީ ވަކީލް ވިދާޅުވި އެވެ.

"ނޫމަޑި" ކުންފުންޏަށް ދިން، 848 މިލިއަން ރުފިޔާގެ ބަދަލަކީ، ވަރިހަމަކޮށްލައިގެން ތިބެވޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ. އެ ކުންފުނިން ހިންގަން ހަވާލުވި މަޝްރޫއުތައް ނުނިމި އެތައް ރައްޔިތުންނެއް މިއަދުވެސް ތިބީ އިންސާފަށް ސަލާން ޖެހުމުގަ އެވެ. އެކަމަކު ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ބަދަލު ހޯދައިގެން އެ ކުންފުނި އެންމެ ފަހުން މުއްސަނދިވީ އެވެ. ނޫނީ ސިޔާސީ ސަބަބުތަކަށްޓަކައި އެ ކުންފުނި މުއްސަނދި ކޮށްދިނީ އެވެ. މިއީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟

comment ކޮމެންޓް